ހަބަރު

ޔާމީންގެ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރެގެން ފުލުހުން ސުވާލެއް ނުކުރޭ: އާޒިމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓުގައި ހުރި ކަމަށް ފުލުހުން ބުނާ 100 މިލިއަން ރުފިޔާއާ ގުޅޭ ގޮތުން އެ އިދާރާއިން އެމަނިކުފާނާ ސުވާލު ނުކުރާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ
އެވެ.

ފުލުހުންގެ އިދާރާއިން ރައީސް ޔާމީން އިއްޔެ ނުކުމެވަޑައިގެންނެވުމަށްފަހު ވިދާޅުވެފައިވަނީ ފުލުހުން އޮޅުން ފިލުވީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން ސުވާލުކޮށްފައި ވަނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި 22 މިލިއަން ރުފިޔާއާ ގުޅޭ ގޮތުން ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓުގައި ހުރި 100 މިލިއަން ރުފިޔާ ފްރީޒްކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް އާޒިމާ ވިދާޅުވީ ފުލުހުންގެ އިދާރާއަށް ޔާމީން ހަޒިރު ކުރުމަށް ފަހު ސުވާލުކޮށްފައި ވަނީ 22 މިލިއަން ރުފިޔާއާ ބެހޭ ގޮތުން ކަމަށެވެ. ފުލުހުންގެ ބަޔާނުގައި ބުނާ 100 މިލިއަން ރުފިޔާއާ ގުޅޭ ގޮތުން ސުވާލު ނުކުރާ ކަމަށް ޔާމީން ވިދާޅުވި ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވީ [ފުލުހުން އެމަނިކުފާނާ] ސުވާލު ކުރީ 22 މިލިއަން ރުފިޔާގެ ޓްރާންސެކްޝަނާ ބެހޭ ގޮތުން ކަމަށް،" އާޒިމާ ވިދާޅުވި އެވެ.

ކެމްޕެއިން ފައިސާގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް ފުލުހުން ވަނީ ޔާމީންއާ ސުވާލުކޮށްފަ އެވެ.