ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ދައުވާކުރުމަކީ ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއް: ޓްރާންސްޕޭރަންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާކުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަކީ ކޮރަޕްޝަން ނައްތާލުމަށާއި ކޮރަޕްޝަން އަށް މަގުފަހިވާ ކަންތަށް ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްޕީއާރްސިގެ ހިޔާނާތުގައި މަޖިލީހުގެ މެމްބަރުންނާއި، ބޭންކުތަކާއި އަމިއްލަށް ވިޔަފާރިތަކުގެ އިތުރުން އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރުންގެ އެއްބާރުލުމާ ނުލާ ނުހިންގޭނެ ކޮރަޕްޝަން އެކެވެ.

ޔާމީން އަދި އާޒިމާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހު ހަ ވަނަ ދުވަހު އެވެ. މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަނީ ލޯންޑާކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އާޒިމާގެ މައްޗަށް ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން ކުރުމުގައި ޔާމީންއާ ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކުރުމުން ކަމަށް ފުލުހުންގެ އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނަތްވި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުމުން އެ ފައިސާ ލޯންޑާކޮށްފައިވާ މީގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނީ އެމްއެމްޕީއާރްސިގެ ކޮރަޕްޝަންގެ އަމަލުތަކަކީ ގާނޫނީ އިޖްރާއުތަށް އެކަމަށް މަގުފަހިކޮށްދީގެންނާއި، މަރުކަޒީ ބޭންކް، އިސްލާމީ ބޭންކް، ބީއެމްއެލް އަދި އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރުންގެ އިހްމާލުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލްތަކެއްކަން މިހާތަނަށް ކުރި ތަހުގީގު އެގެން އެބަ ހުރި ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ކޮރަޕްޝަން ހުއްޓުވުމަށް ހަގީގަތުގައިވެސް ބޭނުންވާނަމަ، ކޮރަޕްޝަންގެ އަމަލުތަށް ހިންގާ ފަރާތްތަކާއި، ކޮރަޕްޝަންގެ ހިންގާ ފަރާތްތަކާއި، ކޮރަޕްޝަން މެދުވެރިކޮށް މަންފާ ހޯދާ މީހުނާއި އަދި ކޮރަޕްޝަންގެ އަމަލްތަށް ހިންގަމުންދާކަން އެގިތިބެވެސް އެކަމަށް ބީރު ކަންފަތެއް ދޭ މީހުންގެ މައްސަލައް ވެސް ބަލަން ޖެހޭ ކަމަށެވެ.

ޓްރާންޕޭރެންސީގެ މިބަޔާނުގައި އިތުރަށް ބުނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުން އެތަށް ބަޔަކަށް ފައިދާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އަމިއްލަށް ކުންފުންޏެއް މެދުވެރިކޮށް ކޮރަޕްޝަންގެ 1.5 ބިލއަން ރުފިޔާ 155 މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި 155 އެކައުންޓުގެ ތަފްސީލު އާންމު ކުރެވިފައި ނުވުމަކީ މިކަމުގައި ޝާމިލްވާ އެހެން ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ގެނައުމުގައި އޮތް ހުރަހެއް ކަމަށްވެސް ޓްރާންސްޕޭރޭންސީ އިން ދެކޭ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބައިވެރިކަމުގެ ކުށް ސާބިތުވެ ކުރީގެ ނައިބު ރައީސް އަހްމަދް އަދީބް އަށްވެސް ވަނީ ޖަލު ހުކުމެއް ކޮށްފަ އެވެ.