ހަބަރު

އެއް މިލިއަން ޑޮލަރަކީ ހިޔާނާތުގެ ފައިސާ ކަމަށް ކަނޑައަޅާފައެއް ނެތް: ވަކީލުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ހިޔާނާތުގެ ފައިސާ ކަމަށް އެއްވެސް އިދާރާއަކުން އަދި ކޯޓަކުން ވެސް ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވަކީލުން ނެރުނު ބަޔާނެއްގައި އެހެން ވިދާޅުވީ، ރޭ ފުލުހުން ނެރުނު ބަޔާނާ ގުޅިގެންނެވެ. އެ ބަޔާނުގައިވާ ގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާއި އަނބުރާ ހަވާލުކުރުމަށް ރައީސް ޔާމީނަށް ދެންނެވުމުން އެ ފައިސާ ދައުލަތާއި ހަވާލުކޮށްފައެއް ނުވެ އެވެ. އަދި އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތު ކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އަބުދުﷲ ޔާމީންގެ އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ކުންފުނި އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައާ ގުޅުގެން އެމަނިކުފާނު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. މިހާރު ވަނީ މަނީ ލޯންޑްރިން މައްސަލާގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފަ އެވެ. އަދި، ދައުލަތުގެ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކޮށް ދިނުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

ރައީސް ޔާމީންގެ ވަކީލުން ރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ޖަމާކޮށްފައިވާ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް ނުވަތަ ދައުލަތުގެ ފައިސާއެއްކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ނިންމުމެއް ނިންމަވާފައި ނުވޭ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި ރައީސް ޔާމީން ބައިވެރިވާ ގޮތަށް އެސްކުރީ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބެހެއްޓުމަށް ނިންމި ނިންމުމަކީ، ރައީސް ޔާމީންގެ އަމިއްލަ އިސްނެގުމަށް ކޮށްފައިވާ ކަމެއް ކަމަށާއި އެހާތަނަށްވެސް އަދި މިއަދާ ހަމައަށްވެސް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކޮށްފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރަކީ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތަކުން އެސްއޯއެފް ކުންފުންޏަށް ޖަމާކުރި ފައިސާގެ ތެރެއިން ޖަމާކޮށްފައިވާ ފައިސާއެއްކަން އޭސީސީއިން ކަނޑައަޅައި ބަޔާންކޮށްދީފައިނުވާ ކަމަށެވެ.

"އެސްއޯއެފް ކުންފުންޏަކީ ރާއްޖޭގައި އެތައް ވިޔަފާރިއެއް ހިންގާފައިވާ ކުންފުންޏެއްކަމަށްވުމާއި، އެކުންފުންޏާއި ވިޔަފާރީގެ މުއާމަލާތް ހިންގާފައިވާ އެތައް ކުންފުންޏެއް އަދި އެތައް ފަރުދުންނެއް ރާއްޖޭގައި ތިބިއިރު އޭގެ ތެރެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިހާތަނަށް ތަހުގީގެއް ހިންގާ އެއްވެސް ބާވަތެއްގެ ދައުވާއެއް އުފުލާފައި ނުވާކަން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، އޭސީސީ އާއި ރައީސް ޔާމީން ބައިވެރިވާ ގޮތަށް އެސްކުރީ އެކައުންޓެއްގައި އެއް މިލިއަން އެމެރިކާ ޑޮލަރު ބެހެއްޓުމަށް ރައީސް ޔާމީން ނިންމަވާފައިވަނީ އެއްވެސް ތަހުގީގު އިދާރާއަކުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހިންގި ތަހުގީގެއްގައި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ނުވަތަ ނޫންކަމަށް ވެސް ކަނޑައަޅާފައިނުވާތީ ކަމަށެވެ. އަދި އެ ފައިސާއާމެދު ވަކިގޮތެއް ކަނޑައެޅިގެންދިއުން މުހިންމު ކަމެއް ކަމުގައި ވާތީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ސަރުކާރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުރަނގަޅު ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ. ވަކި ފަރާތަކަށް ޓާގެޓް ކޮށްގެން ގާނޫނު ތަންފީޒުކޮށްގެން ނުވާނެ ކަމަށާއި ދުސްތޫރުގައި ބަޔާންކޮށްފައިވާ ހަމަހަމަކަން ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިއްބައިދިނުން ކަށަވަރު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.