ހަބަރު

ސާޖަރީ ނިމިއްޖެ، ކުއްޖާގެ ހާލު އަދިވެސް ސީރިއަސް: އައިޖީއެމްއެޗް

މާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން އަނިޔާވީ ކުއްޖަގެ ސާޖަރީ ހަދާ ނިންމުމަށްފަހު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްއިން ބުނީ، އޮޕަރޭޝަނަށްފަހު ކުއްޖާ މިހާރު އައިސީޔޫއަށް ބަދަލު ކޮށްފައިވާ ކަމަށާއި ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ.

ސިމެންތި ބަސްތާއެއް ވެއްޓުނީ މާފަންނު ސަންފްރޮންޓް ލައިޓް ހުންނަ މ. ނަލަހިޔާ މަންޒިލްގައި މަސައްކަތް ހިނގަމުން ދަނިކޮށް މިއަދު ހެނދުނު 10:45 އެހާކަންހާއިރު އެވެ. އެ ބަސްތާއިން ޖެހި އަނިޔާވީ ބަންގްލަދޭޝްގެ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުއްޖާ މާލެ އައިސް އުޅުނީ، ޗުއްޓީ ހާދަކުރުމަށް އާއިލާއާ އެކު އެވެ.

ސިމެންތި ބަސްތާއިން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ބޮލަށް ބޮޑެތި އަނިޔާވި އިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ވެއްޓި ޖެހިފައި ވަނީ އެ ކުއްޖާގެ ބޮލުގަ އެވެ. އަދި އެވަގުތު މުޅިތަން ސިމެންތީގެ ދުންގަނޑަކަށް ބަދަލުވެ އެވެ. މަންޒަފރު ސާފުވާ އިރު ކުއްޖާ އޮންނަނީ ބިންމަތީގައި ބަސްތާގެ ދަށުގެވެ، ހޭނެތިފައެ އެވެ. އެ ތަނުގައި ކުއްޖަކު އޮތް ކަން މީހުންނަށް އެނގެނީ ވެސް ހާދިސާގެ އިރުކޮޅެއް ފަހުންނެވެ. އެ ކުއްޖާއާއެކު އެހެން އަންހެނެއް ވެސް ދިޔަ އެވެ. ނަމަވެސް އެ މީހާއަށް ވެސް އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނުކަން އެނގުނީ އިރުގަނޑެއް ފަހުންނެވެ.

އެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ކުރާ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. ހައުސިން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި މާލޭގައި މިހާރު އިމާރާތްކުރާ ހުރިހާ ސައިޓްތަކެއްގެ ސަލާމަތީ ކަންކަން ބެލުމުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމާ ބެހޭ ފަރާތްތަކަށްވެސް ވަނީ އަންގަވައިފަ އެވެ.