ހަބަރު

ރާއްޖެ އޮތީ އިންވެސްޓަރުންނަށް ހުޅުވާލާފައި: ރައީސް

ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެބައޮތް ކަމަށާއި ރާއްޖޭ އޮތީ އިންޑިއާގެ އިންވެސްޓަރުންނަށް ހުޅުވާލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބިޒްނަސް ކޮމިއުނިޓީއާ ބައްދަލު ކުރައްވައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން އެކި ހިދުމަތްތައް ހޯދަން އިންޑިއާއަށް ދަތުރު ކުރާ ކަމަށެވެ.

އެގޮތުން ޓުރިޒަމްގެ ހިދުމަތާއި ބޭސްފަރުވާގެ ހިދުމަތާއި ތައުލީމީ ހިދުމަތް ހޯދަން ދިވެހިންދާ މަންޒިލަކީ އިންޑިއާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއިން ތައުލީމު ހާސިލް ކުރުމަށް އެތައް ހާސް ދިވެހި ދަރިވަރުން އިންޑިއާއަށް ކިޔަވަންދާ ކަމަށާއި އިންޑިއާގެ އެކި ދާއިރާތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ފަރާތުން ދިވެހި ދަރިވަރުން އުގެނެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، އިންޑިއާއަކީ ހަމައެކަނީ ރާއްޖެއާ އެންމެ ގާތް ގައުމު ނޫން ކަމަށާއި އެއީ ރާއްޖެއާއެކު އެންމެ ބޮޑު ވިޔަފާރީގެ ގުޅުންވެސް ހިންގާ ގައުމު ކަމަށެވެ. އިންޑިއާގެ އިކޮނޮމީ ވޭތިވެދިޔަ 25 އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ކުރިއެރުން ހޯދާފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ އިގްތިސޯދެއްގެ ގައުމެއް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމްދަނީ އިތުރަށް ތަރައްގީވަމުން ކަމަށާއި އިންފްރާ ސްޓްރަކްޗާ ކުރިއަރައި ރީޖަނަލް އެއާޕޯޓްސްތައް ރާއްޖޭގައި މިހާރު އިތުރުވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފޮރިން އިންވެސްޓްމެންޓަށް އެއްވެސް ހުރަހެއްނެތް ކަމަށެވެ. ރާއްޖޭގައި ބިޒްނަސް ފަށަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން އެހީތެރިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.