އިނގިރޭސި ވިލާތުގެ އެންމެ ވާދަވެރި ކުރިމަތިލުން ކަމުގައިވާ، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓަޑްގެ ބޮޑު ކުރިމަތިލުމުގައި، ލިވަޕޫލްގެ ޒާދާން ޝާކީރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ، މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅު ކޮށްދީފި އެވެ.
މެޗުގެ ދެ ވަނަ ހާފުގެ ފަހު ކޮޅަށް އެޅުނުއިރު، ވެހެމުން ދިޔަ ވާރޭ އާއެކު، ލިވަޕޫލުން ޔުނައިޓަޑްގެ އުންމީދުތައް ފެނާއެކު ދޮވެލީ މެޗުގެ 73 ވަނަ މިނެޓްގައި ޝާކީރީ ކާމިޔާބު ކުރި (މެޗުގައި އޭނާގެ) ފުރަތަމަ ލަނޑުންނެވެ.
އޭނާ ކުޅެން ނިކުތްތާ ތިން މިނެޓު ފަހުން، ކޯނަރަކުން ތަނަވަސްވި ބޯޅަ ޝާކީރީއަށް ލިބުނީ ލިވަޕޫލަށް ފުރަތަމަ ލިބުނު ބޯޅަ އެ ޓީމަށް ބޭނުން ނުކުރެވުމުންނެވެ. އޭނާއަށް ބޯޅަ ލިބުނު އިރު ޔުނައިޓަޑްގެ ގޯލްގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ޔުނައިޓަޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ނިއާ ޕޯސްޓަށް ދެވުނުއިރު އެ ބޯޅަ ޝަކީރީ ވަނީ ޑިފެންސު ފޫއަޅުވާލުމަށް ފަހު ގޯލް ތެރެއަށް ވައްދާލަފަ އެވެ.
އެ ލަނޑު ޖެހުމާ ހަމައަށް ޔުނައިޓަޑް ކުޅުނު ގޮތުން ހީވީ، އެ ޓީމު ކުޅުނީ ޕޮއިންޓެއް ހޯދުމުގެ އަމާޒުގައި ހެންނެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޝަކީރީ ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ ޖެހީ، ރޮބާޓޯ ފިރުމީނޯ އާއި މުހައްމަދު ސަލާހްއާ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން ހިއްސާވެގެން އުފެއްދި ހަމަލާއިންނެވެ.
އަމިއްލަ ދަނޑު އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު ލިވަޕޫލަށް ފުރަތަމަ ލީޑް ނަގައި ދިނީ ސެޑިއޯ މާނޭ އެވެ. ފަބިއާނޯ ނަގައިދިން ބޯޅަ، އޭރިއާ ތެރޭގައި ހުރެފައި މެއިން ކޮންޓްރޯލް ކުރުމަށް ފަހު ފައިން ފޮނުވާލީ ޔުނައިޓަޑްގެ ކީޕަރު ޑެހެއާއަށް ފުރުސަތު ނުދީ އެވެ. އެ ލަނޑު ޖެހީ 24 ވަނަ މިނެޓްގަ އެވެ.
މެޗުގެ 33 ވަނަ މިނެޓްގައި، ޔުނައިޓަޑުގެ ލަނޑު، ޖެޒީ ލިންގާޑް ކާމިޔާބު ކުރީ، ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާއަށް ހެދުނު މިސްޓޭގެ ފައިދާ ނަގައިގެންނެވެ. ޔުނައިޓަޑްގެ ފޯވަޑް، ރޮމެޔޫ ލުކާކޫ އޭރިއާ ތެރެއަށް ނެގި ބޯޅަ، އަލިސަން ދިފާއު ކުރި ނަމަވެސް އޭނާ އަތުން އެ ބޯޅަ ކޮންޓްރޯލް ގެއްލުނެވެ. އެވަގުތު ލިންގާޑް ވަނީ ވެއްޓިގެންފައި އެ ބޯޅަ ހުހަށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަފަ އެވެ.
މޮޅާއެކު، ލިވަޕޫލް ވަނީ އަލުން ތާވަލުގެ އެއް ވަނަ އަށް އަރާފަ އެވެ. ޔުނައިޓަޑްވީ ބައްޔާއެކު ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ 19 ޕޮއިންޓަށް ފޫޅާ ވެފަ އެވެ.