ވާހަކަ

ބޭނުންވަނީ ޔާރާ

(12 ޑިސެމްބަރ 2018 އާ ގުޅޭ) -- މަންހާ ވަރަށް ގަޔާވެގެން އިނދެގެން ޒާރާމެންގޭގެ ވާހަކަވެސް ކިޔާދިނެވެ. މުޅިދުވަހު އެވަރުގެ ހިތްހެޔޮ މީހަކާ ދިމާނުވާކަމެވެ. އެހެންނަމަވެސް މަންހާ ދާއިންގެ ވާހަކައެއް ނުބުނެއެވެ. ސަޢީދުއަށް މަންހާއަށް ލިބިފައިވާ ހިތްހަމަޖެހުމާ އުފާވެރިކަން ނަގައިގަނެވުނީ މުޅިން ތަފާތު ގޮތަކަށެވެ. އެކަމާއި މީހަކާ ގުޅިފައިވާކަމެއް ސަޢީދުއަކަށްނޭގެއެވެ. އޭނަގެ ދަރިފުޅުވެސް ބޮޑުވަން ފަށައިފިކަން އޭނައަށް އަދި ނޭގެނީއެވެ.
* * * * * *

"ކޮން ކުދިންނެއްތަ އެއައީ؟" ދާއިން ކޮޓަރިއަށް ވަންނަމުން އަހާލިއެވެ.

"އަމީނިއްޔާ ކުދިންތަކެއް، އެންވައިރަމެންޓު ޑޭ ފާހަގަ ކުރަން އެކުދިން އުޅުނީ.......އައީ މިގޭގަ އެއްވެސް ވަރަކަށް އުކާލަންޖެހޭ ކުނި ހުރިތޯ ބަލަން، ދެން ސާފުކުރަން ބޭނުންވާ ތަނެއް ހުރިތޯ ބަލަން........." ޒާރާ ދާއިންގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

"ދެން ޒާ ކޮންކަމަކާ ތިހާ ހިތްހަމަޖެހިލާފާ ތިހިރީ......" ދާއިން ޓީޝާރޓު ބާލާފަ ޒާރާއަށް ދިއްކޮލިއެވެ.

"ހަމަ ހަދާންވީ އަހަރެން ސްކޫލްގަ އުޅުނު ހަދާން، އެއީ ގްރޭޑް ނައިންގެ ކުދިންތަކެއް.......ޓީނޭޖް ދުވަސްވަރު ހާދަ މަޖައޭ.....އެފަދަ ދުވަސްތަކެއް ދެންނާންނާނެ........" ޒާރާ އޭނަގެ ސްކޫލްދައުރުގެ ހަނދާންތައް އާކޮއްލިއެވެ.

"ދެން ހިނގާބަލަ މަށަށް ކާއެއްޗެއް ދޭން........ވަރަށް ބަނޑުހައި" ދާއިން ބުނެލިއެވެ.

ކާމޭޒުކައިރީ އިން ދާއިން މަޑުކޮއްލައިގެން އިނީ ޒާރާ އޭނައަށް ތަށިތަށް އަތުރައިދެން ދެކަށެވެ. އެހެން އިން ދާއިން ކުއްލިއަކަށް ހިނިތުންވެލިތަން ޒާރާއަށް ފެނުމުން އެކަމާ ސުވާލުކުރިއެވެ.

"ހިތަށް އެރީ އެއީ ކޮންކުއްޖެއް ބާއޭ، މިހިސާބު ކުއްޖެއް ބާއޭ އެއީ" ދާއިން ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.

"ކާކުތަ؟ ކޮންކުއްޖެއްތަ؟" ޒާރާ ތަށިތަށް އަތުރަމުން ބުނެލިއެވެ.

"އަހަރެންގެ ކުރިމަތީ ހުއްޓެއްނު ކުއްޖެއް......." ދާއިން އޭނަގެ ނިތަށް ރޫއަރުވާލަމުން ބުނެލިއެވެ. އޭނަ އަށް އަދިވެސް އެއަންހެން ކުއްޖާއަށް ވީގޮތްފެންނަ ކަހަލައެވެ.

"ކިހިނެތްވީ، އޭނަ މާ ކަމުދިޔައީތަ، ދާންގެ ހިތްކީ ދޯ" ޒާރާ މޭޒުކައިރީ އިށިންނަމުން ދިމާކޮއްލިއެވެ.

"ސާބަސް ޒާއަށް، އެއީ ކުޑަކުޑަ ކުދިންތަކެކޭ........އެހެންނޫނަސް އަހަރެންގެ ހިތް ދޭންވާ ފަރާތަށް ދެވިއްޖެ، ދެނެއް މިހިތެއް އެހެން އަދި ޅަކުއްޖެ ފެނުމަކުން ނުގުޑާނެ.......އެކުން އެކުއްޖާގެ ވާހަކަ މިދެއްކުނީ، އެއީ ވަރަށް ބަސްއަހާ ކުއްޖެއްހެން ހީވަނީ، ކޮންމެ ދުވަހަކު އަހަރެން އޮފީހަށް ދާގަޑީގަ ފެންނާނެ އޭނަ ސްކޫލަށް ދާތަން، އަދިވެސް ދަނީ އޭނަގެ މަންމައާއިއެކު........ހީވާ ގޮތުން ކިޔެވުމަށް ވަރަށް މޮޅު ކުއްޖެއް ހެންވެސް ހީވޭ.........މިހާރު އެހެން އުޅޭ ކުދިން ވަރަށް މަދުވާނެ......ނޫންތަ ޒާ" ދާއިން ބުނެލިއެވެ.

"ހޫމް.......ދެން އޯކޭ، އަހަރުމެންނާ އެކުއްޖާއާ އެއްވެސް ގުޅުމެއްނެތޭ.....ދެން އަވަހަށް ކާން ފަށާ" ޒާރާ ވާހަކަ ކުރުކޮއްލިއެވެ.

"ދެން މަންމަ އަބަދު އުޅޭނީ އަޅުގަނޑު ރޭގަނޑު ނުކައިގެން......." މަންހާ ޝަކުވާކޮއްލިއެވެ. އޭރުވެސް މަންހާ އިނީ ކާމޭޒުދޮށުގައެވެ.

"އެހެން ނުބުނާވަރެއްތަ، މިރޭވެސް ތިއުޅުނީ މެންދުރު ހެދި ކަސްޓަރޑް ކޮޅު ކާލައިގެން ހުންނަންވިޔަ، ދަރިފުޅު ކެއުމާ ދުރުހެލިވާތިއޭ މަންމައަށް އަބަދު ކިޔެނީ......." ވަސީމާ މަންހާއަށް ވިސްނާދޭން އުޅުނެވެ.

"މަންކޮ ޑައެޓްގައޭ ދޯ، އެހެންވެ ރޭގަނޑު ނުކަނީ......" ޝިމާދު ހިނިއައިސްފައި ބުނެލިއެވެ.

"އެއްކަލަ ދޮންބެ، އެއީ ދޮގެއް މަންމާ، އަޅުގަނޑު ޑައެޓެއް ނޫނޭ......" މަންހާ ޝިމާދުއަށް ލޯއަޅާލިއެވެ.

"ދެން ބަސްއަހައިގެން އަވަހަށް ކާން އުޅޭ.......ދަރިފުޅަށް އެންމެ މީރީ ރޮއްޓެއްނު..........ވަސީމާ އެމަންޖެއަށް ރޮށި ފުޑުވަނދީބަލަ، އޭރުން އޭނަ ކާނެއޭ........ދޯ ދަރިފުޅާ" ސަޢީދު ލޯތްބާއެކު ކުޑަކުއްޖެއްފަދައިން މަންހާ ރުއްސައިގެން ކާންދޭން އުޅުނެއެވެ. މަންހާއަކަށްވެސް ބައްޕަގެ އޯގާތެރިކަމަށް ދެކޮޅުހަދާކަށް ނުކެރުނެވެ.

"ބައްޕާ، ތިއްތޭ ނުގުޅާތަ......." މަންހާ ސަޢީދުއަށް ބަލާލަމުން އަހާލިއެވެ.

"ދަރިފުޅު ތިއްތޭ މަތިން ހަނދާންވަނީތަ؟" ސައީދު ބުނެލިއެވެ.

"ތިއްތޭ މިހާރު ވަރަށް ނުގުޅާ......އޮންލައިންކޮއްވެސް ދިމަލެއްނުވޭ.........ތިއްތޭ ހުރިނަމަ ދޮންބެއަށް އަބަދު ލަނޑުދޭނެ......" މަންހާ ހޭންފެށިއެވެ. ވަސީމާއަށްވެސް ހެވުނެވެ.

"ތެދެއް ޝިމާދު، ކޮންއިރަކުންތަ ޝަރަފް ދެން އަންނާނީ މިކޮޅަށް" ވަސީމާވެސް އޭނަގެ ދެވަނަ ފިރިހެން ދަރިމަތިން ވަރަށް ހަނދާންވެއެވެ. އެދަރިފުޅު މަތީ ތަޢުލީމު ހާސިލްކުރުމަށް ފުރިފަހުން އެގޭތެރެއަށް ފަޅުކަމެއްވަނީ ވެރިވެފައެވެ. އެހެންނޫނީ އޭނަގެ ތިންދަރިންގެ އަޑު ހިނދުކޮޅަކަށްވެސް ގޭތެރެއިން ކަޑައިގެނެއް ނުދާނެއެވެ. ޝަރަޕް އަބަދުވެސް އުޅޭނީ މަންހާއަށް ނޫނީ ޝިމާދުއަށް އުނދަގޫކުރުމުގައެވެ. ހާއްސަކޮށް ޝިމާދުއަށް ކަމެއް ނުކޮއްލެވިއްޖެޔާ އޭނަގެ މުޅިދުވަސްވެސް ފޫހިވެދެއެވެ.

"ކޮއްކޮއަށް އަޅުގަނޑު ގުޅީމޭ..........މިދުވަސްކޮޅު އުޅެނީ ކޮންމެވެސް އެސައިންމެންޓެއް ހަދަންޖެހިގެން، އެކަމުގެ ތެރޭ........ވަރަށް ބުރަކޮށް އުޅެނީ........ސެމެސްޓަރ ބްރޭކްގަ ބުނި މިކޮޅަށް އަންނާނެ ވާހަކަ" ޝިމާދު ކާންއިނދެ ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިއަށް ނިދަން ދިޔަ މަންހާ ވަރުބަލިވެފައި ހުރިއެއްކަމަކު އޭނަ އަކަށް ނުނިދުނެވެ. އޭނައަށް އުނދަގޫ ކުރަނީ ދާއިންނެވެ. އަދިވެސް ހީވަނީ އޭނަގެ ލޮލުގެ ކުރިމަތީ މިއަދު ދާއިންގެ ގައިގާ ޖެހުނުގޮތް ފެންނަމުން ދިޔަހެންނެވެ. އެވަގުތު ދާއިން ލައިގެން ހުރި ޓީޝާރޓުގައި މަންހާގެ މޫނުޖެހުނުވަގުތު ދުވި މީރުވަސްމަތިން އޭނަ ހަނދާންނައްތާލާނީ ކިހިނެތްހެއްޔެވެ. ދެލޯ މަރާލައިގެން އެނދުގައި އޮތީ ދާއިންގެ އެރީތި ފިރިހެންވަންތަކަމުން ފުރިގެންވި ސޫރަ މަންހާގެ ހިތްފުރެންދެން ބަލާލަން ލިބޭނެ ހަމައެކަނި ގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް އެމޫނުމައްޗަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ.

އިމްތިހާނަށް ތައްޔާރުވާން ޖެހިފައި ވާއިރު މަންހާއަށް ދާއިންގެ ހިޔާލުތަކާވެސް ދުރަކަށް ނުދެވުނެވެ. އަނެއްކޮޅުން ޒާރާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މަންހާގެ ހިތަށް ނޭގޭ ބިރުވެރިކަމެއް ވަދެގެން ދެއެވެ. އެހެންނަމަވެސް އެހުރިހާ ހިޔާލަކާއި ދުރަށް ދިއުމަށް މަންހާ ވަރަށް މަސައްކަތްކުރިއެވެ.

އާދިއްތަ ދުވަހު ސްކޫލަށް މަންހާ ދިޔައީ އިތުރު ސުވާލެއް ހިފައިގެންނެވެ. އެކަމަކު އެއީ ކިޔެވުމާއި ގުޅިގެން، ޓީޗަރަކާއި ކުރުމަށް ނިންމާފައިވާ ސުވާލެއް ނޫނެވެ. އެސުވާލު ކުރުމަތިކުރުވީ މަންހާގެ ރަޙުމަތްތެރިންނާއެވެ.

"ދާއިންގެ ކޮއްކޮއަކަށް އޭނަ ވެދާނެތަ......ނޫނީ އެއީ އޭނަގެ ދައްތައަކަށް ވެދާނެތަ؟" މަންހާ އަހާލިއެވެ. އެސުވާލުގެ ސަބަބުން އޭނަގެ ހިތާ ސުކުނޑި ހާސްކުރުވިއެއްކަމަކު، އެމާޔޫސްކަން އެރީތި މޫނުމަތިން ނުދައްކާވޭތޯ އޭނަ މަސައްކަތް ކުރަމުން ދިޔައެވެ.

"މޭބީ........މޭބީ ނޮޓް........." އަމާނީ ވިސްނާލާފައި އަލީޝާ އާއި ޝިފްނާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ހީވާ ގޮތުން އަމާނީ އެޖާބު ދިނީ އެދެކުދިން ވަކި އެއްޗެއް ނުބުނުމުންނެވެ.

"ދައްތަ ކަންނޭގެ ދޯ.........ބަޓް ވައިފްއަށްވެސް ވެދާނެ ދޯ" ޝިފްނާވެސް ޔަގީން ނޫން ރާގެއްގައި ބުނެލިއެވެ.

"ވައިފް........" މަންހާއަށް އެހެން ބުނެލެވުނުއިރު އެމޫނުމަތިން ފޮރުވަން މަސައްކަތްކުރި ހުރިހާ ކުލަވަރެއް އެއްފަހަރާ އެމޫނުމަތިން ފެނިގެންދިޔައެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އޭނަގެ ހިތްއެދި ގޮވާ ފަރާތް އެހެން މީހެއްގެ ހައްގަކަށް ވާކަށް މަންހާ ބޭނުމެއްނޫނެވެ. އަދި އެފަދަ ގޮތަކަށް ހީކުރާކަށްވެސް ބޭނުމެއްނޫނެވެ. އެކަން އިތުރަށް ޔަގީންކުރުމަށް، މަންހާ އާއި އޭނަގެ ރަޙުމަތްތެރިންނަށް ކުރެވޭނެ އިތުރު ކަމެއްވެސް ނެތެވެ.

"ހޭ ގާރލްސް، ތީތި ކަޑަ.......ދާއިން މޭރީޑް މީހަކަށް ވާވަރަށްވުރެ މާ ހެންޑްސަމް" އެންމެފަހުން އަލީޝާގެ ހިޔާލުވެސް ފާޅުކޮއްލައިފިއެވެ.

ދެކެވެމުން ދިޔަ މަޢުލޫގެ ސަބަބުން މަންހާއަށް ލިބެމުންދާ ނުތަނަވަސްކަން އަމާނީއަށް ފާހަގަ ކުރެވުނީ ކަންނޭގެއެވެ. އެހެނީ ދައްކަމުން ދިޔަ ވާހަކައިގެ މަޢުލޫ އެހެންކަމަކަށް އަނބުރާލީ އަމާނީއެވެ. މާދަމާ ފެށުމަށް ހަމަޖެހިގައިވާ އިމްތިޙާނާ ގުޅުވާލަމުންނެވެ. މަޢުލޫބަދަލްވެގެން ދިޔައެއްކަމަކު މަންހާގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ.

މުޅި ދުވަސް ނިމިގެން ދިޔައިރު މަންހާއަށް ދާއިން އާއިމެދު ކުރެވެމުން އައި ހިޔާލްތަކަށް ކޮންމެވެސް ވަރެއްގެ ހުރަހެއް އެޅިގެން ދިޔައީ އޭނަ މުޠާލިޢާކުރަމުން ދިޔަ ފިލާވަޅުތަކުންނެވެ. މޮޅު ދަރިވަރުގެ ލަގަބު ހިފެހެއްޓުމަށް މަންހާ ގަދައަޅާ ކުރަމުންދިޔަ މަސައްކަތެވެ. އެހެނީ މަންހާގެ ކަންތައްތައް އެންމެ ގާތުން ބަލަމުންދާ އޭނަގެ މަންމައަށް މިއިންއެއްވެސް ކަމެއް އެނގޭކަށް އަދި އޭނަ ބޭނުމެއްނޫނެވެ.

* * * * *

އިރު ހަނދު ދައުރުވާފަދައިން މަންހާގެ ހަޔާތުންވެސް ދުވަސްތައް ފާއިތުވަމުންދިޔައެވެ. އަހަރުގެ ފުރަތަމަ އިމްތިހާން ނިމި އުއްމީދުކުރިވަރުގެ ނަތީޖާއެއް ހޯދިއެވެ. މުޅި ކުލާހުން ފަހުރުވެރި އެއްވަނަ ގެނައިއިރު ދެވަނަ ގެނައީ މަންހާގެ އެކުވެރިޔާ އަމާނީއެވެ. އަލީޝާ އާއި ޝިފްނާއަށް ވަނައެއް ނުލިބުނެއްކަމަކު ފާސްވިއެވެ. މައިންބަފައިންގެ ހިތް އުފަލުން ފުރާލަދެވުނެއްކަމަކު މަންހާގެ ހިތް އަދިވެސްވަނީ ދިގު އިންތިޒާރެއްގައި މާޔޫސްވެފައެވެ. ހަގީގަތުގަވެސް ދާއިންދެކެ މަންހާއަށް ލޯބިވެވިއްޖެކަން ޔަގީންވީ އިމްތިޙާން ނިމުމާއިއެކު އައި ބަންދު ދުވަސްތަކުގައެވެ. ކޮންމެ ދުވަހަކުހެން މަންހާއަށް ފެންނަ ދާއިން ނުފެނި ދެހަފްތާ ވޭތުކުރަން ޖެހުމުންނެވެ.

"ކީއްވެތަ އަހަރެންގެ ހިތަށް މިހެންމިވަނީ، ކީއްވެ އަހަންނަށް ދާއިންދެކެ ލޯބިވެވެންވީ، އެރީތި ސޫރަ ދެކިލަން ދާހިތުން އަހަރެންގެ ހިތް ރޮނީއެވެ. އެހިތަށް ތަދުވެސް ވަނީއެވެ. ދާއިން އެއްމެދުވަހަކު އަހަންނަށް ނުފެނުނަސް އަހަރެންގެ ހިތް ހުއްޓި މަރުވެދާނެހެން ހީވަނީއެވެ. އެ ފަރި ހިނިތުންވުން އަހަރެންގެ މުޅި ހިތް ފިދާކޮއްލައިފިއެވެ. ނިދީގައި ފެންނަ ހުވަފެންތަކުގެ ރާޖާކަމުގައި ދާއިންވެނިމިއްޖެއެވެ. އެއީ ކޮންފަދަ ޖާދޫއެއް ހެއްޔެވެ. އަހަރެންގެ ކައިރިއަށް އަންނާނީ ކޮންއިރަކުންބާއެވެ." މަންހާގެ ހިތަށް އަރަމުން ދިޔައެވެ.

"ޖާދޫގައި ޖެހިއްޖޭ، ފެނިފާ ކަލާ.....ޖަޒުބާތުގައި ހިތްބެހެނީ އޮޔާ.....ޖާދޫގާ ޖެހިއްޖޭ......." މަންހާގެ ދުލުކުރީގައި އަބަދުވެސް ވަނީ ލޯބީގެ ލަވައެކެވެ. ކޮޓަރީގައި ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތުން އެއީ މަންހާ މިހާރު އެންމެ ކުރާހިތްވާ ކަމެވެ. އެހެން އޮންނައިރު މުޅި ކޮޓަރި އެއްއަޑުވެފައި ވަނީ ލޯބީގެ ޖަޒުބާތުން ފުރިގެންވާ ލަވަތަކުގެ އަޑުންނެވެ. މާބޮޑުކަމަކަށް ނުހެދިއެއްކަމަކު ވަސީމާއަށްވެސް މަންހާގެ މިބަދަލު ފާހަގަވެއްޖެއެވެ. މަންހާ ކިތަންމެ ބޭނުންނުވިނަމަވެސްއެވެ. އެކުން ވަސީމާ މަންހާގެ އަމިއްލަ ކަންތައްތައް ކުރުމަށް ދޫކޮއްލާފައި ބެހެއްޓުނީ އެދަރިފުޅު ހޯދި މަތީ ކާމިޔާބުންނެވެ. އެކަމާ އެދެމަފިރިންވެސް ތިބީ ނިހާޔަތަށް އުފާވެފައެވެ. އެހެންނޫނަސް ސާދަ ފަނަރަ އަހަރުގެ ކުދިންނަކީ އެމީހުންގެ އުޅުމަށް ވަރަށް ފަސޭހައިން ބަދަލު އަންނަ އުމުރެއްގެ ކުދިބައެކެވެ. ވަސީމާގެ ނަޒަރުގައި މަންހާވެސް އެއުޅެނީ އެހެން ކުދިން އުޅޭ ގޮތަށެވެ.

އަހަރުގެ ފަހު ޓަރމް ފެށުނުއިރުވެސް މަންހާއަށް އޭނަގެ ހިތުގެ ރާޖާ ކަމުގައިވާ ދާއިންއަށް ޖަޒުބާތުން ފުރިގެންވި ހިނިތުންވުމެއް ނޫނީ ނުދެވުނެވެ. އެންމެ ފުރަތަމަ ދާއިން ފެނުނު ދުވަހެކޭވެސް އެއްގޮތަށެވެ. ދެމީހުންގެ ދޭތެރޭގައި އެއްވެސް ގާތްކަމެއް ނެތްތާ ފެނުމުން ގޮވާލަންވެސް ނުކުރެއެވެ. ދާއިންގެ އެލުއި ލުއި ހިނިތުންވުމުގެ ފަހަތުގައިވަނީ ކީކޭކަމެއް މަންހާއަކަށް ނަގައިގަންނާކަށް ނޭގެއެވެ. ޔަގީންނުންވެސް ވީ އެއްކަމެއް އެބައޮތެވެ. އެއްދުވަހަށްވުރެ ބޮޑަށް އަނެއްދުވަހު މަންހާ ދާއިންދެކެ ވާ ލޯބި އިތުރުވެގެންދިޔަކަމެވެ. މިހާރު ހިތުގައި އެހުރިހާ އިޙްސާސްތަކެއް ފޮރުވައިގެން ހުރުންވެސްވީ މަންހާއަށް އިތުރު ވޭނަކަށެވެ. ހިތަށް އިތުރު ހިތްދަތިކަމެއް ގެނެސްދިން ކަމަކަށެވެ. އެކުވެރިންގެ ހިތްވަރަކާއިއެކުވެސް މަންހާއަށް އިސްވެ ދާއިންއަށް ގޮވާލާކަށް ނުކެރުނެވެ.އެގޮތުން އަހަރުގެ ނިމުން ގާތްވެ ފަހުއިމްތިޙާންގެ ދުވަސްތަކުން ދުވަހެއް ވޭތުކުރަމުން ދިޔަދުވަހެކެވެ. މަންހާ އިމްތިހާން ކަރުދާސް ނިންމާފައި ވަސީމާއާއި އެކު ގެއަށް އައިމަގުމަތީ ދާއިންމެންގޭ ކުރިމަތީ މަސައްކަތްކުރަން އުޅޭ ބިދޭސީ ބަޔަކު ފެނުނެވެ. ދުރުން ފެށިގެން މަންހާއައީ އެމީހުން ކުރަންއުޅޭ ކަމެއް ބަލަމުންނެވެ. އެތަނުގައި ދާއިން ހުރެ ދާނެކަމުގެ އުއްމީދުގަވެސްމެއެވެ. އެހެނަސް އެގެއާއި ގާތްވަމުން ދިޔަވަރަކަށް ހިތްމޯޅިވެގެން ދިޔައީ އެދެލޯދުށުމަށް އެދޭ ފަރާތް އެތަނުގައި ނެތުމުންނެވެ. މަންހާއަށް އެތަނުގައި މަސައްކަތްކުރުމަށް އުޅުނު ބިދޭސީ މީހުން ކުރީ ކޮންކަމެއްކަން އިނގުނީ ޖެހިގެން އައިދުވަހުއެވެ.

ދާއިން މެންގޭގައި ގޭތެރެއިން ހުޅުވޭގޮތަށް ޕޯސްޓު ފޮއްޓެއް ފާރުގައި ހަރުކުރީއެވެ. މަންހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކު އޭނަގެ ދަތްތައްވެސް ފެނިގެންދިޔައެވެ. އާއެކެވެ. އޭނަގެ ސިކުނޑިއަށް ހިޔާލެއްއައީއެވެ. އެކަމަކު އެކަން މަންހާ ބޭނުންވާ ގޮތަށް ވާނެބާއޭ އެއީ ދެން އުފެދުނު ސުވާލެވެ. ކޮންމެ ދުވަހަކު ސްކޫލަށް މަންމަ ވަސީމާ އާއިއެކު ދާއިރު މަންހާގެ ހުރިހާ ހަރަކާތަކަށް ވަސީމާ ބަލާނެއެވެ. ވީއިރު މަންހާ ކިތަންމެ ކުޑަކަމެއްވެސް ކަސިޔާރު ކޮއްލައިފިނަމަ ވަގުތުން ވަސީމާގެ ސުވާލުތައް އަމާޒުވާން ފަށާނެކަން ޔަގީނެވެ. ދެން ހަދާނެގޮތަކާއިމެދު މަންހާ މަޝްވަރާ ކުރީ އޭނަގެ ރަޙުމަތްތެރިންނާއެވެ.

"އަޅެ ދެން ކިހިނެތް ހަދާނީ؟ މަންމަ އާއި ހެދި އަހަންނަށް ނޯންނާނެ އެކަނި ބޭރަށް ފިޔަވަޅެއްވެސް އެޅޭކަށް، މަންމަ ނުގަބޫލުކަމުން...........ދިސް އިސް ގިވިންމީ އަ ހެޑޭކް.........ޕްލީސް ހެލްޕްމީ ގާރލްސް" މަންހާ އާއިއެކު ޓެސްޓު ނިންމާފައި ނުކުތް އޭނަގެ ރަހުމަތްތެރިންނަށް ބުނެލިއެވެ.

"ޝިޓް.......މުޅިން ޕްލޮޕް ދޯ........." ޝިފްނާ މުއްކަވާ ލެވިފައި އޮތް ކަނާތުން ވާތުއަތްތިލާގައި ޖަހާލަމުން ބުނެލިއެވެ. އޭނަގެ އަޑުގައިވެސް ވަނީ މާޔޫސްކަމެވެ.

"އޭ ޝިފޫ، ވީ ކެން ހެލްޕް ހާ އެއްނު........" އަލީޝާ ވަރަށް ވިސްނަން ހުރެފައި ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ހުރީ އަމާނީއެވެ. އޭނަ ވަކިއެއްޗެއް ނުބުނީ އޭނައަކީ މަންހާ ފަދައިން އެކަނި ބޭރުގަ އުޅުމަށް މައިންބަފައިންގެ ހުއްދަ ލިބިފައިނުވާ ކުއްޖަކަށްވީމައެވެ. ކޮންމެ ތަނަކަށްވެސް އަމާނީ ދަނީ އޭނަގެ އާއިލާގެ މީހަކާއެކުއެވެ. އޭނަވެސް މަންހާއަށް އެހީތެރިވެދޭން ވަރަށް ބޭނުމެވެ.

މަންހާއަށް ދެދުވަހެއްގެ ތެރޭ އޭނަ ބޭނުންވި ކަންތައް ކުރުމަށް ހައްލެއް ލިބިގެން ދިޔައެވެ. އޭނަ ބޭނުންވި ގޮތަށް އެޕްލޭން ކުރިއަށް ގެންގޮސްދިނީ އަލީޝާ އާއި ޝިފްނާއެވެ. އިމްތިހާން ނިމެންވިއިރު މަންހާގެ ޕްލޭންއަށް ޢަމަލީ ސިފައެއް އަތުވެއްޖެއެވެ.

"މީތި ވާރކް ކުރާނެތަ.......ގާރލް އައިމް ސްކެއާރޑް.....ވަޓް އިފް........" މަންހާގެ ޖުމްލަ މެދު ކަނޑާލީ އަމާނީއެވެ.

"އިޓްވިލް ވާރކްއޭ، އައިލް ޕްރޭ.........ޔަގީން ދާއިން ލިބޭނީ މަންހާއަށް، އަހަރުމެން މިތިބީ އެލޯބި ހޯދަދޭން، ސޯ ޑޯންޓް ވޮރީ" އަމާނީ އެހެން ކުދިންނަށް ބަލާލަމުން ބުނެލިއެވެ. އަދި މަންހާގެ ކޮނޑުގައި ހިފާގެނެސް ކައިރިކޮއްލީ ހިތްވަރު އެލުވާނުލާށޭ ބުނާފަދަ ގޮތަކަށެވެ. އެއާއެކު އަލީޝާވެސް ޝިފްނާވެސް އަމާނީ އާއި އެއްބަސްވެއްޖެއެވެ.

* * * * *

ކޮންމެ ދުވަހަކު އޮފީސް ނިންމާފަ ގެއަށްވަންނަގޮތަށް ދާއިން އޭނަގެ ޕޯސްޓު ފޮށި ހުޅުވާނެއެވެ. އެއްވެސް މުހިއްމު ލިޔުމެއް އޭގައި ހުރިތޯ ބެލުމަށެވެ. އޭނަ އެ ޕޯސްޓު ފޮށި ބަހައްޓަން ޖެހުނީ ގިނަފަހަރަށް އޭނައަށް ޕޯސްޓު މެދުވެރިކޮށް އަންނަ ލިޔުންތައް ލިބުންދަތިވުމާއި ގުޅިގެންނެވެ. ގޭގައި މީހުން އުޅުނެއްކަމަކު ބޭރު ދޮރަކީ ބަޒާގެ އެހީގައި މީހަކު ހުޅުވަދިނިއްޔާ ހުޅުވޭ ދޮރަކަށް ވުމުން ގިނަ ފަހަރަށް އަންނަ ޕޯސްޓު މީހާއަށް އޮންނަނީ އެޕޭކެޖެއް ނޫނީ ޑޮކިއުމެންޓެއް ރައްދުނުކުރެވިފައެވެ.

މިއަދުވެސް ދާއިން ޕޯސްޓު ފޮށި ހުޅުވާލީ އާދައިގެ މަތިން އޭގައި އެއްޗެއް ހުރިތޯ ބަލާލުމަށެވެ. ޕޯސްޓު ފޮށި ހުހަކަށް ނުދިޔައެވެ. އޭގެތެރޭގައި އޮތީ މަޑު އޮރެންޖު ކުލައެއްގެ ސިޓީ އުރައެކެވެ. އެނެގުމަށްފަހު ޕޯސްޓު ފޮށި ތަޅުލާފައި ގޮސް ލިފްޓަށްއެރިއެވެ. އަތުގައި އޮތް ސިޓީ އުރައަށް ދާއިން ބަލާލީ ވަރަށްވެސް ފުންނަޒަރަކުންނެވެ. އަދި އެސިޓީއުރަ ގެނެސް ނޭފަތާ ކައިރިކޮއްލަމުން ވަސްބަލާލިއެވެ. އެއާއެކު ދާޢިންގެ ދެލޯ މެރިގެން ދިޔައެވެ. އެ ފިރިހެންވަންތަ ކަމުން ފުރިގެންވި ރީތި ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ހީވީ އޭނަ އެކަން ކުރީ ކޮންމެވެސް ކަމެއް ޔަގީންކޮއްލުމުގެ ބޭނުމުގަ ހެންނެވެ.

ދާއިންއަށް ގޮތް ނޭގޭ ސިޓީތަކެއް އަންނަތާ ހަފްތާއަކަށްވުރެގިނަދުވަސް ވެއްޖެއެވެ. އެސިޓީ އައިސްފައި ހުންނަނީ ކޮންމެ ދެދުވަހުން އެއްދުވަހުއެވެ. ސިޓީއުރައިގެ ބޭރުގައި އެއްވެސް ސްޓޭޕްއެއް އެޑްރެހެއް ޖަހާފައި ނުވެއެވެ. ހަމައެކަނި ލިޔެފައި އޮންނަނީ "ދާއިން އަށް" މިހެންނެވެ. އެހެންނަމަވެސް އެސިޓީތައް ލާފައި އޮންނަނީ މަޑު އޮރެންޖު ކުލައިގެ ސިޓީ އުރައަކަށެވެ. އޭގެ ބޭރުގައި ފިނިފެންމަލެއްގެ ކުރެހުމެއްވެއެވެ. އަދި އެސިޓީ އުރަތަކުގައި ހިތްގައިމު ވަހެއްހުރެއެވެ. ހީވާ ގޮތުން އެއީ އަންހެން ސެންޓެއްގެ ވަހެވެ. އަދި އެ ސިޓީ އުރަތައް ހުޅުވާލުމުން ވަކިން ވަސްގަދަހެން ހީވެއެވެ. އެވަސް ދާއިންއަށް ކަމުދިޔައެއް ކަމަކު އެގޮތްނޭގޭ ސިޓީއެއް އޭނައަކަށް ކަމަކު ނުދިޔައެވެ. އޭނަ ސިއްސައިގެން ދިޔައީ ލިފްޓު ހުއްޓުނު އަޑަށެވެ. އެއާއެކު އަތުގައި އޮތް ސިޓީއުރަ ކޮނޑުގައި އަޅުވާލެވިފައި އޮތް ލެޕްޓޮޕް ދަބަހުގެ ތެރެއަށް ކޮއްޕާލަމުން ޒިބުއަޅުވާލިއެވެ. އަދި ފަޓުލޫނު ޖީބުގައި އޮތް ރުމާލުން އަތްފޮހެމުން އައިސް އޭނަ އުޅޭ އެޕާރޓްމަންޓަށް ވަދެއްޖެއެވެ. (ނުނިމޭ)