މެސީ

ބެލަންޑޯ ނުލިބުނަސް މެސީ ތަފާތު ރޫހެއްގައި، ހެޓްރިކާއެކު ބޮޑު މޮޅެއް

މި ސީޒަންގެ ސްޕެނިޝް ލީގްގައި، ލިއޮނަލް މެސީ ކާމިޔާބު ކުރި ފުރަތަމަ ހެޓްރިކާއެކު ލެވަންޓޭގެ މައްޗަށް 5-0 ން ހޯދި ބޮޑު މޮޅާއެކު، މެސީގެ ޖާދޫ ދައްކާލައިފި އެވެ.

ބެލަންޑޯ އެވޯޑްގައި، މެސީ ނަން ފަސް ވަނައިގައި ހިމެނުމުން އެވޯޑަށް ކުރިމަތި ކުރި ފާޑު ކިޔުންތައް އިތުރަށް ބޮޑުވެގެން ދިޔައީ، އެވޯޑު ނުލިބުނު ނަމަވެސް މެސީގެ ފަރާތުން ފެންނަމުން ދާ ތަފާތު މޮޅު ކުޅުމުންނެވެ. ހެޓްރިކްގެ އިތުރުން މެސީ ވަނީ އިތުރު ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

ލެވަންޓޭގެ ދަނޑުގައި، އެ ޓީމުގެ މައްޗަށް ހޯދި މި ބޮޑު މޮޅަކީ، ބާސާއިން އެ ޓީމާ ދެކޮޅަށް ހިފާލި ރަނގަޅު ބަދަލު ހިފުމެކެވެ. މިދިޔަ ސީޒަންގައި، ލެވެންޓޭގެ ދަނޑުގައި ކުޅުނު މެޗުން، އެ ޓީމު ވަނީ ބާސާގެ ކޮޅަށް ފަސް ލަނޑު ޖަހައި ބަލިކޮށްލާފަ އެވެ. އެ މެޗު ލެވެންޓޭ ކާމިޔާބު ކުރީ 5-4 ންނެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނީ، ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ބާސާ ނިކުތީ މިދިޔަ އަހަރުގެ ނަތީޖާ ރަނގަޅަށް ދެނެގަނެގެން ކަމަށެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު، މެޗުގެ 35 ވަނަ މިނެޓްގައި މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ. ފުރަތަމަ ހާފު ނިމެން އުޅޭނިކޮށް ބާސާގެ ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ ސާޖިއޯ ބުސްކެޓްސް ތަނަވަސް ކޮށްދިން ފުރުސަތުންނެވެ. ދެ ވަނަ ހާފު ކުޅުން ބާސާ ފެށީ މެސީ ޖެހި އިތުރު ލަނޑަކާއެކު އެވެ. އޭނާގެ ހެޓްރިކް މެސީ ފުރިހަމަ ކުރީ، މެޗުގެ 60 ވަނަ މިނެޓްގަ އެވެ. ބާސާގެ ފަސް ވަނަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޖެރާޑް ޕީކޭ އެވެ.

ރޭ ބާސާ މޮޅުވުމުން، މެސީ ވަނީ ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އަތުގައިވާ މޮޅުވުމުގެ ރެކޯޑް މުގުރާލާފަ އެވެ. ލަލީގާގައި މެސީ ވަނީ 323 މެޗުން މޮޅުވެފަ އެވެ. ޒަވީ މޮޅުވީ 322 މެޗުންނެވެ. މިއީ ކަޓަލާން ކުލަބުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ލަލީގާގެ މެޗުތަކުން މޮޅުވި ރެކޯޑެވެ.

ހެޓްރިކާއެކު މެސީ ވަނީ މި އަހަރު ޖެހި ލަނޑުގެ އަދަދު 50 އަށް ވުރެ މައްޗަށް ގެންގޮސްފަ އެވެ. މިއީ ފާއިތުވެ ދިޔަ ނުވަ އަހަރުގެ ތެރެއިން 50 ލަނޑަށް ވުރެ އިތުރަށް ޖަހައިގެން އޭނާ ނިންމާލާ އަށް ވަނަ އަހަރެވެ.