ހަބަރު

ޕީޕީއެމަށް އިންސާފު ނުލިބި، މަޖިލިސް އިންތިހާބުގައި ގެއްލުން ވެދާނެ

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ނުނިންމި ލަސްވާތީ އެ ޕާޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ބުނެ ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓަށެވެ.

ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލްތައް އެ ކޯޓަށް ނަގައިފަ އެވެ. މިއަދާ ހަމަޔަށް ވެސް އެ މައްސަލައިގެ އަޑު އެހުމެއް ސުޕްރީމް ކޯޓުން ބާއްވަފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޕީޕީއެމް ހަވާލު ކުރަން އުޅެނީ ކޮން ބަޔަކާ ކަން ނޭނގޭތީ، އާންމު މެންބަރުންނާއި ލީޑާޝިޕް ކަންބޮޑުވާ ކަމަށެވެ. ކޯޓުގައި މައްސަލަ އޮތުމުން ޕާޓީގެ ހިންގުން ވަރަށް ބޮޑަށް މަޑު ޖެހިފައި އޮންނަ ކަމަށާއި އެތައް ބައެއްގެ ހައްގުތައް ވެސް ހިފެހެއްޓިފައިވާ ކަމަށެވެ.

"ފުރަތަމަ ޕާޓީގެ ކޮންގްރެސް ގޯސް ކަމަށް ބުނެ އީސީ އިން ދެ ފަހަރު ދެ އެއްޗެއް ބުނެގެން ހައި ކޯޓަށް މައްސަލަ ލާން ޖެހުނީ ޕާޓީގެ ހުރިހާ މަސައްކަތެއް ހުއްޓުވާލާފައި، ހައިކޯޓުން ގޮތް ނިންމުމުން އެތައް ދުވަހެއް ހުއްޓިފައި އޮތުމަށް ފަހު އަލުން ޕާޓީ ފޭށިއިރު އެހެން ބަޔަކު އޮތީ ދަށު ކޯޓަކަށް ޕާޓީގެ ލީޑާޝިޕާ ގުޅޭ މައްސަލައެއްލާފައި، މިއީ އާންމު މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރާ 96000 އަށް ވުރެ ގިނަަ މީހުން ކޯޓުގެ ނިންމުމަށް އިންތިޒާރު ކުރާއިރު އެ އަދަދާ ގާތް ކުރާ މިންވަރަށްް އޮތް ޕާޓީގެ މެންބަޝިޕަށް ވެސް އިންސާފު ނުލިބި އޮތް ކަމަށެވެ. އެެހެން ނަމަވެސް އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު އިންސާފު ލިބުން ލަސްވުމަކީ އިންސާފު އެއްގޮތަކަށް ވެސް ނުލިބުން ކަހަލަ ކަަމެއް ކަމަށެވެ.

"މިއީ ހަމައެކަނި ރައީސް މައުމޫންގެ ނުވަތަ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީއެއް ނޫން، މި ދައްކަނީ އެތައް ހާސް ބައެއްގެ ފިކުރީ އަދި ސިޔާސީ ހައްގުގެ ވާހަކަ، މިކަން މި ގޮތަށް އިންސާފު ނުލިބި ދިގު ދަންމާފައި ބޭއްވުން ރަނގަޅު ގޮތެެއް ނޫން، މި މައްސަލާ ޕާކްކޮށްފައި ބާއްވާކަށް ނުވާނެ،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިވިލް ކޯޓުގައި މައްސަލަ އޮއްވާ، ސުޕްރީމް ކޯޓުން އެ މައްސަލަ ނެގުމުން ވަރަށް އަވަހަށް މައްސަލަ ނިމޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށެވެ. ނަމަވެސް އުންމީދު ކުރި ގޮތަކަށް އެކަން ނުހިނގާ ކަމަށާއި މައްސަލަ އިތުރަށް ލަސްވެފައިވާތީ ޕާޓީގެ އަންމު މެންބަރުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

"އާންމު މެންބަރުން އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ގުޅާފައި އެބަ ބުނޭ ޕާޓީއަށް ވަނީ ކިހިނެއްހޭ، މަޖިލީހަށް ކުރިމަތިލާން ބޭނުންވާ މެންބަރުން ވެސް އެބަތިބި ޕާޓީއަށް ވާނެ ގޮތެއް ނޭނގިފަ، އެހެންވެ މި ގެއްލިގެން ދަނީ އެތައް ބައެއްގެ ހައްގެއް، ނަމަވެސް އަޅުގަނޑުމެން ކީކޭ ބުނާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މައްސަލަ ދިގުލައިގެން ދިއުމުން އެންމެ ބޮޑަށް ގެއްލުން ދައްކާނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކަމަށެވެ. އިންތިހާބަށް ތިން މަހަށްވެފައިވާ އިރު އަދިވެސް ޕާޓީ އޮންނާނީ ކޮން ބޭފުޅެއްގެ އަތުގައި ކަަން ނޭނގޭތީ އެ މައްސަލަ ނިމޭ ގޮތަކުން ވަރަށް ބޮޑަށް ގެއްލުން ދައްކަފާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތައް މިހާރު ވެސް ހުއްޓުމެއް ނެތި ކުރިޔަށް އެބަދޭ، ނަމަވެސް ޕާޓީ އިން ކުއްލި އަކަށް އެހެން ފަރާތެއްގެ އަތަށް ބަދަލުވެއްޖެ ނަމަ ވަރަށް ބޮޑަށް ގެއްލުން ދައްކާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.