ހަބަރު

ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓުކުރަން މިއަދު ނުކުންނަނީ

އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ކޮންސްޓްރަކްޝަން ސައިޓްތަކުގެ އިންސްޕެކްޝަނަށް މިއަދު ނިކުންނާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރޭނުމުގެ މަސައްކަތްކުރަމުން ދަނިކޮށް މާލޭގެ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ކުޑަ އަންހެންކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާއިރު، އެ ހާދިސާއާ ގުޅިގެން ކޮންސްޓްރަކްޝަން ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ. ކޮންސްޓްރަކްޝަން މަސައްކަތްތައްތަކާ ބެހޭ ކަންކަން މިހާރު ބަލަހައްޓާ ސިޓީ ކައުންސިލުން މިހާރު ވަނީ ވަނީ އެ މަސައްކަތުގެ ތައްޔާރީތައް ވެސް ފަށާފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ކައުންސިލާ ހަމްނާ ވަހީދު ވިދާޅުވީ، ރައީސްގެ އެންގެވުމާ އެއްގޮތަށް ސައިޓްތައް އިންސްޕެކްޓް ކުރަން މިއަދުގެ ވަގުތެއްގައި މާލޭގެ މަގުތަކަށް ސިޓީ ކައުންސިލްގެ އޮޕިޝަލުން ނިކުންނާނެ ކަމަށެވެ. އަދި ސައިޓްތައް ބަލައި ސުޕަވައިޒް ކުރުމަށްފަހު މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅައި ކުންފުނިތަކަށް އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމްނާ ވިދާޅުވީ ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސައިޓްތަކެއް މާލެ ސަރަހައްދުގައި ހުރި އިރު، ކައުންސިލްގައި އެ މަސައްކަތްތައް ރަނގަޅަށް ކުރެވޭނެ ވަރަށް މީހުން ނެތް ކަމަށެވެ.

"މާލެ އާއި ވިލިނގިލީގެ މަސައްކަތްތައް ސުޕަވައިޒް ކުރަން މިހާރު ތިބީ އެންމެ ހަތް މީހުން. އޭގެ ތެރެއިން ވެސް ދެ މީހުން މިވަގުތު ތިބީ ޗުއްޓީގައި. މިވަރުގެ މަސައްކަތެއް ކުރާއިރު މިއީ ކައުންސިލަށް އޮތް ބޮޑު ދައްޗެއް. އެކަމަކު މިހާރު ތިބި ފަސް މީހުންނާ އެކު ވެސް ކައުންސިލުން މިއަދު އިންސްޕެކްޝަން ފަށާނަން. މިއަދުގެ މަސައްކަތަށް ނިކުންނާނެ ސިޓީކައުންސިލްގެ ކައުންސިލަރުން،" ހަމްނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށްގެންދާ އިންސްޕެކްޝަންގައި އިމާރާތްކުރާ ސައިޓްތަކުގައި އެތަނުގެ މަސައްކަތްކުރާ މީހުންގެ ސަލާމަތްތެރިކަމަށް މަސައްކަތް ކޮށްފައި ހުރި މިންވަރު ބަލާނެ އެވެ. އަދި އާންމުންނަށް ލިބިދާނެ ގެއްލުމަކަށް ސައިތް ތައްޔާރުކޮށްފައި ހުރީ ކިހާވަރަކަށްތޯ ވެސް ބަލާނެ އެވެ. އެކަންކަން ބެލުމަށްފަހު އިމާރާތްކުރުމުގެ ކޯޑާ ހިލާފުވެފައި ހުރި ފަރާތްތަކުގެ ހުއްދަތައް ބާތިލްކޮށް، ވަގުތީގޮތުން ހުއްދަތައް ހިފަހައްޓަންޖެހޭ މީހުންގެ ހުއްދަތައް ވެސް މިހާރުން މިހާރަށް ހިފަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމާރާތްކުރުމުގެ ކޯޑާ އިލާފުވެފައިވާނަމަ މިހާރުން މިހާރަށް ހުއްދަ ބާތިލްކުރަންޖެހޭ ފަރާތްތަކުގެ ހުއްދަތައް ބާތިލްކުރެވޭނެ. އިއްޔެގެ ހާދިސާއާ ގުޅިގެން އަޅުގަނޑުމެން މިވަނީ އަންގާފަ، މަގަށް ވާ ބާލައިގެން އިމާރާތްތަކަށް އެއްޗިހި އުފުލައި އެރުވުން ފަދަ މަސައްކަތްތައް ހުއްޓާލުމަށް. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެ އެންގުމާ ހިލާފަށް މަަސައްކަތްކުރަމުންދާކަމުގެ ޝަކުވާ އެބަ ލިބޭ. އެހެންވީމަ މިކަހަލަ ބައިވަރު ކަންކަން މިއަދު ބަލާނަން،" ހަމްނާ ިދާޅުވި އެވެ.

އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސައިޓްތައް އިންސްޕެކްޓްކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިއަދު ފެށުމަށް ސިޓީ ކައުންސިލުން ހަމަޖައްސާފައިވާއިރު، އިއްޔެގެ ހާދިސާއާ ގުޅިގެން ޑަބްލިޔު ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތްތަކެއް ސިޓީ ކައުންސިލުން ވަނީ މިވަގުތަށް ހުއްޓުވާފަ އެވެ. އަދި އެ ކުންފުނީގެ ލައިސެސްސް ވެސް ވަނީ މިވަގުތަށް ހިފަހައްޓާފަ އެވެ.