ހަބަރު

ރައީސް، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްއާ ބައްދަލުކުރައްވައިފި އެވެ.

އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެގައުމަށް އިއްޔެ ވަޑައިގެންނެވި ރައީސް ސޯލިހް މިނިސްޓަރު ސުޝްމާ ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނެވެ. އެބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ރައީސްގެ ރަސްމީގެކޮޅު ރާޝްތްރަޕަތީ ބާވަންގައި އެވެ.

އެބައްދަލުވުމުގައި ރާއްޖެ އާއި އިންޑިޔާއާ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތްތާނުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ސުޝްމާ ވަނީ ރައީސް ސޯލިހް އަށް އަރުވާފަ އެވެ. އެގޮތުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިންނާއި އެނޫނަސް ތަރައްގީގެ އެކިއެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން ރައީސް ސޯލިހް އާއި ސުޝްމާ މަޝްވަރާ ކުރައްވާފައި ވެއެވެ.

ރައީސް ސޯލިހް މިއަދު ވަނީ އިންޑިއާގެ ރައީސް، ރާމް ނާތް ކޯވިންދާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުންވެސް އޮތީ، އިންޑިއާގެ ރައީސްގެ ރަސްމީގެކޮޅު ރާާޝްތްރަޕަތީ ބަވަންގައި މިއަދު ހެނދުނު އެވެ.

ރައީސް ސޯލިހުގެ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި އިއްޔެ އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި އެ ގައުމުގައި ތިއްބެވި ދިވެހިންނާ ރައީސް ސޯލިހު އިއްޔެ ބަދައްލު ކުރެއްވި އެވެ. އަދި އެ ގައުމުގެ ބޮޑެތި ވިޔަފާރިތަކުގެ ސީއީއޯއިންނާއި އިންޑިއާގެ އިންވެސްޓަރުންނާ ވެސް ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ.