ކުޅިވަރު

އިމްރާންގެ ޝަރަފުވެރި މެޗަށް ޝްމައިކަލް އާއި ސަލްގާޑޯ ރާއްޖެއަށް

ރާއްޖޭގެ އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު، 17 އަހަރުގެ ހިދުމަތަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރުމުގެ ޝަރަފުގައި ކުޅޭ މެޗަށް، ފުޓްބޯޅައިގެ ދެ ލެޖެންޑުން ކަމަށްވާ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ލެޖެންޑް ޕީޓާ ޝްމައިކަލް އާއި ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސެލްގާޑޯ ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ، 2016 ވަނަ އަހަރު އެވެ. އިމްރާންގެ ރިޓަޔަމެންޓާ ގުޅިގެން ކުޅޭ ޝަރަފުވެރި މެޗު ކުޅެނީ މި މަހު 28 ވަނަ ދުވަހުގެ ރޭގަ އެވެ. މި މެޗު ކުޅޭނީ އިމްރާންގެ ޓީމާއި އެފްއޭއެމް ޓީމާ ދެމެދު އެވެ. ޕީޓާ ޝްމައިކަލް އާއި ސެލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ.

މިއަދު އެފްއޭއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، އިމްރާން، ބުނީ އޭނާގެ ޓީމުގައި ހިމެނޭނީ 2000 ވަނަ އަހަރު އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާ އާއެކު ކުޅުނު ކުޅުންތެރިންނާއި، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އޭނާ އާ އެކު އެ ޓީމުގެ ކުޅުނު ޓީމުގެ ކުޅުންތެރިން ކަމަށެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، އެފްއޭއެމްގެ ޓީމުގައިވެސް ވަރުގަދަ ނަންތަކެއް ހިމެނޭނެ ކަމަށާއި އެހެންވެ މެޗުގެ ފޯރި ގަދަ ވާނެ ކަމަށެވެ. މެޗުގައި، އިމްރާންގެ ޓީމުގެ ކޯޗެއްގެ ގޮތުގައި ގެނައުމަށް އޭނާ މަސައްކަތް ކުރަނީ އޭނާ އަށް ކޯޗު ކޮށްދިން ރާއްޖެއިން ބޭރުގެ ކޯޗެކެވެ.

"އަޅުގަނޑަށް ކޯޗު ކޮށްދިން ކޯޗުންގެ ތެރެއިން ކޯޗަކު އަޅުގަނޑު ވާނީ ޝޯޓް ލިސްޓްކޮށްފައި، މިހާރު މިދަނީ އެކޯޗު ރާއްޖެއަށް އާދެވެން އެވޭލަބަލްތޯ ބަލަމުން."

އިމްރާން ބުނީ ކޮންމެ ކުޅުންތެރިޔެއްގެ އިންޓަނޭޝަނަލް ކެރިއަރު ނިންމާލާއިރުވެސް އެ ކުޅުންތެރިޔެއްގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އިމްރާންގެ ރިޓަޔާމެންޓް މެޗު މި ކުޅޭނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ. އިމްރާންގެ ޝަރަފުގައި ރިޓާޔާމެންޓް މެޗެއް ބާއްވާނެ ކަމަށް އެފްއޭއެމުން އިއުލާން ކުރީ މިދިޔަ އަހަރު އެވެ. އޭރު އަވަސް އަށް ދިން އިންޓަވިއުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިދިޔަ އަހަރު އެ މެޗު ކުޅޭނެ ކަމަށެވެ.

"(މިކަން ކުރަން) ތަންކޮޅެއް ދިގު ދެމިގެން ދިޔަޔަސް، އެކަން ވަރަށް ރަނގަޅަށް ރޭވިގެން މިދިޔައީ،" އިމްރާން ބުންޏެވެ. "އަޅުގަނޑުވެސް ވަރަށް އުންމީދު ކުރަން، އަޅުގަނޑުގެ ރިޓަޔާމެންޓް ފާހަގަ ކުރާއިރު ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން އަޅުގަނޑުގެ މިކަމުގައި ބައިވެރިވުން."

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ މުބާރަތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާޓުގައެވެ. ގައުމީ ޓީމު ހަތަރު މުބާރާތެއްގެ ފައިނަލަށް ގެންގޮސް ދިނުމުގައި އިމްރާން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ އޭޝީއަން ކަޕުގެ ކޮލިފައިން ބުރަށް ރާއްޖެ ގެންގޮސް ދިނުމަށް ފަހު 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލިިރު އޭނާ ވަނީ 100 އާ ގާތް ކުރާ އަދަދަކަށް ގައުމީ ޓީމަށް މެޗު ކުޅެފަ އެވެ.

އިމްރާނަށް 100 އަކުން 100