އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އާއި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ އަހަރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދް އާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަންނަ އަހަރު ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި އެ ދެ ބޭފުޅުން ވެސް އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާ ތާރީހު ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.
ރައީސް ސޯލިހް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ބޮޑު ވަޒީރު މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ ރައީސް ސޯލިހް ހުވާ ކުރެއްވުމަށްފަހު ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މޯދީ ވަނީ ރައީސް ސޯލިހްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެއީ މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އިންޑިއާގެ ރައީސަކު މީގެ ކުރިން ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.