ފުޓްބޯޅަ އެސޯޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބާއްވާ އެވޯޑް ހަފުލާގައި މި އަހަރު އެންމެ މޮޅު އަންހެން ކުޅުންންތެރިޔާއަށް އެވޯޑް ދިނުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވެސް ފުޓްބޯލް އެވޯޑް ތައާރަފު ކުރީ 2016 ވަނަ އަހަރު އެވެ. އެ އަހަރުގެ އެވޯޑް ނައިޓަށް ފަހު އެފްއޭއެމުން ވަނީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް އެވޯޑް ދޭނެ ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، މިދިޔަ އަހަރު އެވޯޑް ހަފުލާގައިވެސް އަންހެން ކުޅުންތެރިންގެ ކެޓަގަރީން އެވޯޑް ދީފައެއް ނުވެ އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ، މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމްގެ ގެ ޝިމާޒު އަލީ ބުނީ، އަންހެން ޑިވިޝަންގެ ކުލަބު މުބާރަތެއް ނުބޭއްވި ނަމަވެސް، މި އަހަރަކީ އަންހެން ގައުމީ ޓީމުވެސް ވަރަށް ގިނަ މެޗުތަކެއް ކުޅެފައިވާ އަހަރަކަށް ވުމުން، އަންހެން ކުޅުންތެރިޔާއަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންހެން ކުޅުންތެރިޔާގެ ކެޓަގަރީގައި، ހޮވާނީ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާ އެވެ. އެންމެ އުންމިދީ ކުޅުންތެރިޔާއަކީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މި އަހަރުގެ މޯލްޑިވްސް ފުޓްބޯލް އެވޯޑް ބާއްވާނީ، މިހާރު ހުޅުމާޅޭގެ ބައެއްގެ ގޮތުގައި އޮންނަ ކުލަބު ފަރުގަ އެވެ. އެވޯޑް ރަސްމިއްޔާތު އޮންނާނީ މި މަހު 29 ވަނަ ދުވަހު ހަވީރު އެވެ.
މި އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް ނޮމިނޭޓް ވެފައިވާ ހަ ކުޅުންތެރިންގެ ނަން އެފްއޭއެމުން ވަނީ އިއުލާން ކޮށްފަ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިޔަކަށް ނޮމިނޭޓް ވެފައި ވަނީ، މިއަހަރު ޓީސީ އާއި ނިއު ރޭޑިއަންޓަށް ކުޅުނު އަލީ އަޝްފާގް 'ދަގަނޑޭ'، ޓީސީގެ އިބްރާހިމް މަހްދީ ހުސައިން، އިބްރާހިމް ވަހީދު ހަސަން، މާޒިޔާގެ ނާއިޒު ހަސަން، އީގަލްސްގެ އަހްމަދު ރިޒްވާން އަދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު ސެންޓޭ އެވެ.
އެވޯޑް ހަފުލާގައި ހޮވަން ހަމަޖެހިފައިވާ މަގާމުތައް
- އެފްއޭއެމް އޮނަރަރީ އެވޯޑް
- އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ (ފިރިހެން)
- އެންމެ މޮޅުން ކުޅުންތެރިޔާ (އަންހެން)
- އެންމެ އުންމިދީ ކުޅުންތެރިޔާ (ފިރިހެން)
- އެންމެ އުންމިދީ ކުޅުންތެރިޔާ (އަންހެން)
- ބެސްޓް ފޮރިން ޕްލެއާ އެވޯޑް
- އެންމެ މޮޅު ގޯލްކީޕަރު
- އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
- ޖޫލޭ އެވޯޑް (އެންމެ މޮޅު ގޯލްގެ އެވޯޑް)
- އެންމެ މޮޅު ކޯޗް
- ބެސްޓް ސަޕޯޓާސް އެވޯޑް
މިދިޔަ ދެ އަހަރުވެސް އެންމެ މޮޅު ކުޅުންތެރިޔާގެ އެ ވޯޑް ގެންދިޔައީ ސެންޓޭ އެވެ.