ހަބަރު

އާ ޕާޓީއެއް އުފައްދަން ޕީޕީއެމް އިން މަޝްވަރާކޮށްފި

އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ލީޑާޝިޕުން މަޝްވަރާކޮށްފި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު "އަވަސް"އަށް ވިދާޅުވީ މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެ ޕާޓީގެ ލީޑާޝިޕްގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށާއި އެކަން ކުރަން ޖެހިއްޖެ ނަމަ ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ މައްސަލައަށް ވާނެ ގޮތެއް އަދި ސާފެއް ނުވެ، އިންތިހާބު ބޯމަތީ އޮތް އިރު އެއީ އަޅުގަނޑުމެންނަށް ނެގޭނެ ރިސްކެއް ނޫން، އެހެންވެ އާ ޕާޓީއެއް އުފައްދަން ވާހަކަ ދެކެވުނު،" އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަދިވެސް ބާއްވާފައެއް ނުވެ އެވެ. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައެޅުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.

ޕާޓީގެ ލީޑާޝިޕުގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގު ދެމިގެންދާ މައްސަލައާ ގުޅިގެން އެ ޕާޓީގެ އިސް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.