ހަބަރު

ކަޅުވަކަރު މިސްކިތްބަހައްޓާނެ ތަނެއް ކަނޑައަޅަން ޕަބްލިކް ފޯރަމްއެއް ބާއްވަނީ

ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމަށްޓަކައި އާންމުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖް އަދި މާލޭ ސިޓީ ކައުންސިލުން ބާއްވާ އެ ފޯރަމް އޮންނާނީ މިމަހުގެ 19 ވާ ބުދަ ދުވަހުގެ ރޭ 8:45 ގައި ރަސްރަނި ބަގީޗާގަ އެވެ.

ލިލީ މަގު ކަންމައްޗަކަށް ސަލްޓަންޕާކާ އިންވެގެން ހުރި އާސާރީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް 2016 ވަނަ އަހަރުގެ އޮގަސްޓްމަހު ރޫޅާލައިގެން އެތަނުން ނެގީ ގދ. ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވުމަށެވެ. ނަމަވެސް މިސްކިތް ތިނަދޫއަށް ގެންގޮސްފައެއް ނުވެ އެވެ.

މިދިޔަ ސަރުކާރުން ފަހުން އެ މިސްކިތާ ބެހޭ އެއްވެސް އެއްޗެއް ވެސް ހާމަ ނުކޮށް އެ މިސްކިތް ވީ ތަނެއް ވެސް ނޭގި ވަނިކޮށް ހެރިޓޭޖް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ މަސައްކަތެއްގެ ގޮތުން ޔުމްނާ މައުމޫން ކުރެއްވީ އެ މިސްކިތްހޯދުމުގެ މަސައްކަތެވެ. މިސްކިތް ހޯދުމަށްފަހު ޔުމްނާ ވިދާޅުވީ އެމިސްކިތުގެ ބައިތައް ގައުމީ ދާރުލް އާސާރުގެ ތެރޭގައި އެބަ ހުރި ކަމަށާއި، އެ މިސްކިތް އަލުން ރޭވުމުގެ ކުރިން ހިރިގަލަށާއި ވަކަރަށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ހޯދުމާއި، އެ މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަކީ އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ހިމެނޭ ކަމެކެވެ. އެގޮތުން މި ސަރުކާރުން އަމާޒު ހިފާފައި ވަނީ ފުރަތަމަ 90 ދުވަސް ތެރޭގައި ކަޅުވަކަރު މިސްކިތް ރޭވުމަށެވެ.

ދިވެހިންގެ ގަދީމީ މަސައްކަތްތެރިކަން ފެންނަ، ތާރީހީ މި މިސްކިތަކީ ރާއްޖޭގައި 1779 އިން 1799 އަށް ރަސްކަން ކުރެއްވި އައްސުލްތޯން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު ބިނާކުރެއްވި މިސްކިތެކެވެ. ރީތި ކުރެހުންތައް އަޅައި ހިރިގަލުން ބިންވަޅު ނަގާ ހަދާފައިވާ ކުޑަކުޑަ ކަޅުވަކަރު މިސްކިތް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިސޯޓަކަށް ނީލަން ކިޔައި އެ މިސްކިތް ހުރީ އެ ރިސޯޓްގަ އެވެ. އެހެން ނަމަވެސް މައުމޫންގެ ވެރިކަމުގައި 1979 ގައި އެ މިސްކިތް މާލެ ގެނެސް އަލުން ރާވައި ވަނީ ހުޅުވައިފަ އެވެ. އޭގެ ކުރިން ވެސް އެ މިސްކިތް މާލޭގެ އެކި ސަރަހައްދުތަކަށް އެކި ޒަމާންތަކުގައި ބަދަލުކޮށްފައިވެ އެވެ.