ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެ، ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު
ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން ފުލުހުން ކުރަންޖެހޭ ކަންކަން އިއުލާން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ފުލުހުންނަށް ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވުނު ކަމަށް އެކްޓިން ސީޕީ ހަމީދު ވިދާޅުވި އެވެ.
"ފާއިތުވިތަނުގައި ފުލުހުން ގޯސްކަންތައްތަކެއް ކޮށްފައިހުރި ކަން ގަބޫލުކުރެވޭ، ގޯސްތައް ރަނގަޅު ކުރަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން ފަށަން އެބަ، ރައްޔިތުންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް އެބަހުރި، އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ބައެއް، އެކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމުގެ މަސައްކަތް މިއަދު މިފަށަނީ،" ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒު ފޯރައިގެންވާނެ މުއައްސަސާއަކަށް ވެގެން ނުވާނެ ކަމަށާއި ހާއްސަކޮށް ފުލުހުންގެ އޮޕަރޭޝަންސްތަކަށް ސިޔާސީ ނުފޫޒު ފޯރައިގެން ނުވާނެ ކަމަށެވެ. އެކަން އަމަލު ދައްކަންޖެހޭ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފުލުހުންގެ މުއައްސަސާއިންވެސް އެފަދަ ނުފޫޒުތަކަށް ޖާގަ ނުދިނުން އެންމެ ރަނގަޅު ގޮތަކީ، އޭގެ އިތުރުން އަޅުގަނޑުމެން އެފަދަ ނުފޫޒެއް ފޯރުވަންތިބި ފަރާތްތަކުންވެސް އެފަދަ ނުފޫޒު ނުފޯރުވުމަށް މިއަދު އަޒުމް ކަނޑައަޅަންވީ،" ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ، ފުލުހުން މަސައްކަތް ކުރާނީ ޕްރޮފެޝަނަލްކޮށް ކަމަށާއި މަސައްކަތް ކުރާނީ ގާނޫނުގެ ތެރެއިން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ މިންގަނޑުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، އެއްކިބާވާންވެސް މަސައްކަތް ކުރާނެ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންސްއަށް ސިޔާސީ ނުފޫޒު ނުވަނުމަށްޓަކައި ނުވަތަ ސަރުކާރުގެ ނުފޫޒު ނުވަނުމަށްޓަކައި މުއައްސަސާތަކުގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފުލުހުން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.