ހަބަރު

ހިޔާނާތް އެކުލެވޭތީ 20 ރަށެއްގެ ނަރުދަމާ މަޝްރޫއު ކެންސަލް ކުރަން އަންގައިފި

ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ސޮއިކުރި، އެއްބަސްވުން ބާތިލް ކުރުމަށް އޭސީސީއިން ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް އަންގައިފި އެވެ.

ރައީސް އޮފީހާއި،ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަނަށް އޭސީސީން އެންގި އެންގުމުގައި ބުނެފައިވަނީ، އެ ޕްރޮޖެކްޓަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ރަށްތަކެއްގެ ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ގާއިމްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ސްރީލަންކާގެ ކުންފުންޏަކުން 27 ނޮވެންބަރު 2017 ގައި ރައީސްއަށް އެޑްރެސްކޮށް ފޮނުވާފައިވާ “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” އަކާ ގުޅިގެން ހިންގަން ނިންމި މަޝްރޫއެއް ކަމަށެވެ.

އޭސީސީ އިން ބުނީ، އެ ޕްރޮޖެކްޓާ ގުޅިގެން، ކްރެޑިޓް ފެސިލިޓީގެ ގޮތުގައި ސްރީލަންކާގެ ކުންފުންޏަށް 52 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ބުނީ، ބޭންކްތަކާއެކު ކުރަންޖެހޭ އެންމެހާ މުއާމަލާތްތައް ކުރާނީ އެ ކުންފުނިންކަމާއި އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ދައުރެއް އަދާނުކުރާނެކަމަށެވެ.

އެ މަޝްރޫއާއި ގުޅިގެން އެންވަޔަރުމަންޓް މިނިސްޓްރީން އަންދާޒާ ކުރި އަދަދާއި، ސްރީލަންކާގެ ކުންފުނިން ހުށަހެޅި އަގުގައި ބޮޑެތި ތަފާތެއް ހުރި ކަމަށް އޭސީސީއިން ވަނީ ފާހަގަކޮށްފަ އެވެ. އޭސީސީއިން ބުނި ގޮތުގައި، އެ 20 ރަށުގެ ތެރޭގައި ހިމެނޭ 10 ރަށެެއް އުނިކުރުމަށްފަހު އަލުން 10 ރަށް ހިމެނުމުގައި މުރާޖާކޮށްފައިވާ އަގެއްގެ ގޮތުގައި މިނިސްޓްރީން ހުށަހެޅި އަގާއި ކުންފުނިން ހުށަހެޅި އަގުގައިވެސް ތަފާތުކަމެއް ހުރި އިރު އެކަމާއި ގުޅިގެން ރައީސް އޮފީހާއެކު މަޝްވަރާކޮށްފައިނުވާ ކަމަށް އޭސީސީއިން ބުންޏެވެ.

މީގެ އިތުރުން އެ މަޝްރޫއު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމި އިރު، ފެނަކަ ކޯޕަރޭޝަނަކީ އެ މަޝްރޫޢު ހިންގުމަށް “މާލީގޮތުންނާއި ފަންނީގޮތުން” އެކަށީގެންވާ ފަރާތެއްކަން ކަށަވަރުކޮށްފައި ނުވާކަމަށާއި، ފެނަކައަކީ އެފަދަ މަޝްރޫޢުއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން ފިނޭންސް މިނިސްޓްރީއަށް އެނގޭނެކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީއިން އިތުރަށް ބުނީ އެ މަޝްރޫއަކީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ މަޝްރޫޢެއްކަމަށްވާތީ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ލޯނެއް ނަގައިގެން އެ މަޝްރޫޢު ކުރިއަށްގެންދިޔަ ކަމަށާއި، ދައުލަތުގެ ނަމުގައި ބޮޑު ލޯނެއް ނެގުމުން ދައުލަތުގެ ބޮރޮވިންގްސް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށެވެ.

ފެނަކައަކީ އެފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގޭނެ ގާބިލް ކުންފުންޏެއް ނޫންކަން ފިނޭންސާއި، ރައީސް އޮފީހާއެކު ފެނަކައިން ކޮށްފައިވާ މުއާމަލާތްތަކުން އެނގޭ ކަމަށާއި، އެފަދަ ބޮޑު ލޯނެއް ފެނަކައިގެ ނަމުގައި ނަގައިފިނަމަ އެ ކުންފުންޏަށް ފައިދާކުރާނެ ޕްރޮޖެކްޓްތައް ކުރިއަށްއޮތްތަނުގައި ހިންގުމަށްޓަކައި އެކްސްޓާނަލް ފައިނޭންސް ހަމަޖެއްސުމުގައި ނުހަނު ދަތިތަކާ ކުރިމަތިވެ، ކުންފުނި ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ގާބޫލުކުރެވޭކަމަށްވެސް އޭސީސީއިން ވަނީ ބުނެފަ އެވެ.

"ޖުމްލަ 20 ރަށުގެ ނަރުދަމާގެ މަސައްކަތް ކުރަން އެ ކުންފުންޏާ ހަވާލުކުރީ، ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކަށް ވުރެ އެވްރެޖްކޮށް ދެގުނަ ބޮޑު އަގެއްކަން ފާހަގަކުރެވޭ. މިހާރު އެ މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރެވޭނޭކަމަށް ގާބޫލުކުރެވޭ،" އޭސީސީއިން ބުންޏެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެކަމެއްކަމަށް ވެސް އޭސީސީގައި ބަޔާނުގައިވެ އެވެ. އަދި އެ މަޝްރޫއަކީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެއްކަމަށް ވެސް އޭސީސީ އިން ވަނީ ތުހުމަތުކޮށްފަ އެވެ.