ހަބަރު

ޕީޕީއެމް ކޮންގްރަސް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް އިސްތިއުނާފް ކުރުމަށް އެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރަސް ސައްހަ ކަމަށް ހައިކޯޓުން ކަނޑައެޅި އެޅުން އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓު ރިސެސްއަށް ދިޔުމުގެ ކުރިން ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނާނގާ ކަމަށާއި ނަމަވެސް ރިސެސްއަށް ފަހު ވަކި އެއްޗެއް އަންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާ އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ.

ނަމަވެސް ހައިކޯޓުން ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށެވެ. އީސީ އިން މިހާރު ވަނީ އެ ނިންމުންތައް ދަފްތަރުކޮށްފަ
އެވެ.