ދެހާސް ފަސް ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމަށް ގާނޫނީ ބާރު ލިބި، ފުރަތަމަ ފަހަރަށް ހުއްދަ ލިބިގެންދިޔަ ދިޔުމާއެކު، ގިނަ ޕާޓީތަށް އެކުލެވޭ ސިޔާސީ ނިޒާމްގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ޕާޓީ އަކީ މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ.
އެމްޑީޕީ ޖޫން 23، 2005 ގައި ވުޖޫދުވީ ނަމަވެސް އެމްޑީޕީއަކީ އޭރު ހިނގަ ހިނގާ އޮތް ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ވަރުގަދަ ސިޔާސީ ހަރަކާތެކެވެ. ސިޔާސީ ފިކުރުގައި ސިޔާސީ މަސައްކަތް މިހާރުވެސް އެންމެ ފޯރިއާއެކު އެންމެ ސްޓައިލްގައި ކުރާ ބަޔަކީ އެމްޑީޕީއެ އެވެ.
އެމްޑީޕީގެ އިސްވެރިން އަބަދުވެސް ދައްކާ ވާހަކައެއް އެބައޮވެ އެވެ. އެ ޕާޓީއަކީ އެންމެ ޑެމޮކްރެޓިކް ހަމަތަކަށް ލޯބިކުރާ އެތެރޭގެ ޑިމޮކްރަސީ އެންމެ ވަރުގަދަ ޕާޓީއެވެ. އިންތިހާބެއް ބޭއްވިޔަސް އަމަލު ކުރާނީ ޑެމޮކްރަޓިކް ހަމަތަކުގެ މަތީންނެވެ. މިވީހާތަނަށްވެސް ކަން ކުރަމުން އައިސްފައިވަނީ އެގޮތަށް ކަމަށެވެ.
ކުރިންވެސް ބެލެވުނު ފަދައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގާ ކޯލިޝަނަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިހާނަކީ އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.
ކޯލިޝަންގެ ބައިވެރިން ކުރިން އެއްބަސްވެފައިވާ ގޮތާ ހިލާފަށް އެމްޑީީޕީން މިހާރު ވަނީ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމާފަ އެވެ. އެގޮތަށް އެމްޑީޕީން ނިންމާފައިވަނީ ކޯލިޝަނުގެ އެންމެ ބޮޑު ބައިވެރިއަކީ އެމްޑީޕީއަށްވެފައި އެޕާޓީގެ ހުށަހެޅުމަށް ދެންތިބި ބައިވެރިންގެ އާނބަސް ނުލިބިގެން ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މި ޑިސެމްބަރުގެ އެއްވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ނިންމީ އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ތިބި ފަރާތްތަކަށް އެ ފުރުސަތު ގެއްލި އެއީ ޑެމޮކްރަސީއާއި ބީރައްޓެހި ސިފައެއް ކަމަށް ވެސް ބުނަމުންނެވެ. އަދި އެއާއެކު އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގެ އެޕާޓީގެ ޕްރައިމަރީއަށް ހުޅުވާލާފަ އެވެ.
ކޯލިޝަނާއި، އެމްޑީޕީގައި ރެނދު ލުން
މަޖިލީހުގެ 87 ދާއިރާއަށް ނުކުތުމަށް އެމްޑީޕީން ނިންމި ނަމަވެސް ކޯލިޝަންގެ ދެންތިބި ބައިވެރިންތިބީ ކުރިންވެސް އެއްބަސްވި ގޮތަށް ވަކި ދާއިރާތަކަކަށް ނުކުންނަނަށް ތައްޔާރުވެގެންނެވެ. ރައީސް މައުމޫންގެ އެމްއާރުއެމާއި، އަދާލަތު ޕާޓީއާއި، ޖުމްހޫރީޕާޓީން ވަނީ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށް ނިންމާފަ އެވެ.
ނަމަވެސް އެމްޑީޕީގެ ނިންމުމާއި މެދު އެހުރިހާ ބައިވެރިންވެސް ތިބީ ހިތްހަމަ ނުޖެހިފަ އެވެ. އެ ތިން ޕާޓީން ވެސް އެކަމުގެ ޝަކުވާ އުފުލީ ރައީސް ސޯލިހުގެ އަރިހުގައެވެ. އެއާއެކު ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީން ހުރިހާ ދާއިރާއަަކަށް ވާދަ ކުރަން ނުފެންނަ ކަމަށް ވިދާޅުފަ އެވެ. އަދި ވާދަ ކުރި ނަމަވެސް ހުރިހާ ދާއިރާއަކަށް ތާއީދު ނުކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހޮވި ވަޑައިގަންނަވާ ބޭފުޅަކީ ޕާޓީގެ އެންމެ އިސް ފަރާތެވެ. ޕާޓީގެ އެންމެ އިސް ފަރާތުން ޕާޓީން ބައެއް ދާއިރާތަކަށް ނުކުތުމަށް ތާއީދު ނުކުރުން އެއީ ޕާޓީގެ އެތެރޭގައި މައްސަލަތަކެއް ޖެހޭނެ ކަމެއް ކަމަށް ބެލެވެއެވެ. އެހެން ކަމުން މި މައްސަލައިގައި އެމްޑީޕީގެ އެންމެ އިސް ފަރާތާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މިއޮތީ ހިޔާލުތަފާތުވެފަ އެވެ. މިއީ ކޯލިޝަނާއެކު އެމްޑީޕީގެ އެތެރޭގަައި ވެސް ރެނދެއްލުން ގާތް ކަމެކެވެ.
މެމްބަރުން އިތުރުވުމާއެކު ޕާޓީގެ އާމްދަނީ އިތުރުވުން
އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރަށް ބަލާއިރު، ޖުލައި 31، 2018 އިގެ ނިޔަލަށް އެމްޑީޕީގެ ރަޖިސްޓްރީގައި އޮތީ 29008 މެމްބަރުންނެވެ. އެހެން ނަމަވެސް ޕްރައިމަރީއާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެ ޕާޓީއާ ގުޅެމުންނެވެ. އެގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުން އަންނަނީ ހާހުން ހާހުން މެމްބަޝިޕް ފޯމް ހުށަހަޅަމުންނެވެ.
މިހާތަނަށް އެ ޕާޓީއަށް ލިބިފައިވާ ފޯމްތަކުގެ އަދަދު ރަސްމީކޮށް ހާމަކޮށްފައިނުވި ކަމުގައިވީ ނަަމަވެސް އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 80000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓް ލެވޭނެ ކަމަށް ބުނެފަ އެވެ.
މި އަދަދަކީ މިއީ މިހާރު އިލެކްޝަނުގައި ރަޖިސްްޓްރީކޮށްފައިވާ އަދަދަށްވުރެ ދެ ގުނަ ބޮޑު، ތިން ގުނައާ ކައިރި ކުރާވަރުގެ އަދަދެކެވެ. އެހެން ކަމުން އެ ހުރިހާ ފޯމެެއް އިލެކްޝަނަށް ފޮނުވައި ޕްރޮސެސް ކުރާ ހިސާބުން އަނެއްކާވެސް އެމްޑީޕީ ވެގެންދާނީ އެންމެ މެމްބަރުން ގިނަ ޕާޓީއަށެވެ. އެއާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ސިޔާސީ ޕާޓީތަކަށް ދޫކުރަމުން އަންނަ ފައިސާއިން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަކަށް ވެސް އެމްޑީޕީ ވެގެންދާނެ އެވެ.
ގިނަ މައްސަލަތަކެއް ކުރިމަތިވުން
ޕްރައިމަރީ ބޭއްވުމަކީ ދުނިޔޭގެ ބޮޑެތި ބައެއް ޑެމޮކްރަސީތަކުގައި ވެސް ކޮށް އުޅޭ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތައް ޕާޓީތަަކަށް ވެސް ކުރެއެވެ. ދެހާސް އަށްވަނަ އަހަރު ޑިމޮކްރަސީއަކަށް ދިވެހިން ދަތުރު ކުރި ނަމަވެސް އަދިވެސް ތިބީ އެކަމުގެ ފިރުކެންފެށި ދައުރުގަ އެވެ. ހިނގައިގަންނަ ދައުރާ ހިސާބަށް ދާން އަދި ވެސް ދުވަސް ނަގާނެއެވެ.
ބަލި ގަބޫލު ކުރުމާއި، ބަލި ވުމަށްފަހު އަނެކާއަށް ސަޕޯޓް ކުރުމާއި މިކަންކަމަކީ އަދި އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މިއީ މީގެ ކުރިން ކަންހިގާފައިވާ ގޮތެވެ.
އެެމްޑީޕީގެ ޕްރައިމަރީއަށް ބަލާއިރު، ވަރަށް ވާދަވެރިކޮށްދާނެ ކަމަށް ބެލެވެއެވެ. ޕާޓީގެ އިސް ސަފުގަ އާއި އެކްޓިވިސްޓް ލެވެލްގައި މަސައްކަތް ކުރަމުން އަންނަ އެތަކެއް ފަރާތަކުން ކުރިމަތިލާފައިވާއިރު، ވަރަށް "ކްލޯސް އެންކައުންޓާ" ތަކެއްދާނެ ކަމަށް ބެލެވެ އެވެ.
ވާދަވެރިކަން ބޮޑުވެ ދެތިން ވޯޓެއްގެ ތަފާތަކުން މޮޅުވުމާއި ބަލިވުމުގެ ފުރުސަތު ވެސް ބައެއް ދާއިރާތަކުގައި އެބަހުއްޓެވެ. އެފަދަ ގޮތަކަށް އެކަން ހިނގައްޖެނަމަ ގާތީ ނަތީޖާ ގަބޫލު ނުކުރުމެވެ. އެހެން އެކަން ވެއްޖެ ނަމަ ރަސްމީ އިންތިހާބުގައި މޮޅުވާމީހާ އާއި ދެކޮޅަށް ބަލިވާމީހަކު މަސައްކަތް ކުރުންވެސް ގާތެވެ. މިއީވެސް މާޒީ ދައްކާފައިވާ މަންޒަރުތަކެކެވެ. އެކަން ވާނީ ޕާޓީއަށް އޮތް ބޮޑު ގޮންޖެހުމަކަށެވެ.
އިހުލާސްތެރި ފަރާތްތަކަށް ފުރުސަތު ގެއްލުން
މިއީ މުޅި ޕްރައިމަރީގައި ވެސް ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައެވެ. ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ފުންމާލާ މެމްބަރުންގެ ތެރޭގައި އެހެން އެޖެންޑާތަކަކާއެކު އެ ޕާޓީއާއި ގުޅޭ މެމްބަރުންތިބި ކަމަށް ބެލެވެއެވެ.
ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު އެމްޑީޕީގައި ތިއްބެވި މަޖިލިސް މެމްބަރުންނަށް މިލިއަނުން ފައިސާ އާއި، މުދާ ހުށަހެޅި އިރުވެސް އެ މެމްބަރުން ތިބީ ޕާޓީއާއެކު އިހުލާސްތެރިކަމާއެކީ އެވެ. އެ އިހުލާސްތެރިކަމުގެ އަގު އެމްޑީޕީން އެ މެމްބަރުންނަށް އަދާ ކުރުމުގެ ބަދަލުގައި ޑެމޮކްރަސީގެ މިސާލު ދައްކަން ޕްރައިމަރީ ބާއްވަނީ އެވެ.
ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ވަކި އެޖެންޑާއަކާއެކު އިއްޔެ ދުވަހު އެމްޑީޕީއަށް ވަތން ފަރާތްތަކުން ހާހުން މެމްބަރުން ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ވައްދައި އިހުލާސްތެރި މެމްބަރުންވެސް ޕްރައިމަރީއިން ފެއިލްކޮށްލުމުގެ ފުުރުސަތު އިންތިހާއަށް ބޮޑުވުމެވެ. އެހެެން އެކަން ހިނގައިފިނަމަ އެއީ މުޅީ އެމްޑީޕީއަށްވެސް ލިބޭނެ ދެރައެކެވެ.
އެމްޑިޕީގެ އިސް ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އެފަދަ ގޮތަކަށް އެކަން ހިނގައިދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
"ޕްރައިމަރީ ބާއްވަން މިހާ މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ވެސް ޕާޓީއާއި ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައި އޮތުމަކީ އެހެން ސިޔާސީ ފިކުރުތަކުގެ އެޖެންޓުންނަށް މި ޕާޓީގެ އެތެރެއަށް ވަދެވި މިތަނުގައި ތިބި އިހުލާސްތެރި، ކޭޕަބަލް މީހުން ބޭރު ކުރުމުގެ ފުރުސަތުއޮތް ނުރައްކާތެރި ކަމެއް. އެހެންނަމަވެސް އެހެން އޭންގަލަލުން ވިސްނަންޔާ ޕާޓީއަށް އިތުރުވާ ކޮންމެ މެމްބަރަކީވެސް ފައިސާ. އެގޮތުން ޕާޓީއަށް ފައިދާ ކުރާނެ" އޭނާ ވިދާޅުވިއެވެ.
މިކަންކަން މިހެން ހުރުމާއެކު އެމްޑީޕީގެ ޕްރައިމަރީއިން އެޕާޓީއަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮތް ކަމަށް ބުނެވިދާނެ އެވެ.