ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވާ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކަން "އަވަސް" އަށް އެނގިއްޖެ އެވެ.
އަވަސްއަށް އިތުބާރު ހުރި ފަރާތަކުން އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގު ދެމިގެންދާތީ އެ ޕާޓީގެ އިސް ފަރާތްތައް އަންނަނީ މުޅިން އާ ޕާޓީއެއް އުފައްދަން ތައްޔާރުވަމުންނެވެ. އެ ޕާޓީއަށް ކިޔަން، ޕީޕަލްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީޕީ) އާއި ޕީޕަލްސް އެލައިންސް ޕާޓީ (ޕީއޭޕީ) ނަން ކިޔުމަށް މަޝްވަރާ ކުރެވުނެވެ. ނަމަވެސް ފަހުން ކިޔަން ނިންމާފައި ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
ޕީޕީއެމް އިން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ ރައީސް ޔާމީންއާ އެންމެ އަރިސް ބޭފުޅުންނެވެ. އެ ފަރާތްތަކުން މިހާރު ވަނީ އާ ޕާޓީއެއް އުފެއްދުމަށް ފޯމް ވެސް ނަަގައިފަ އެވެ. އަދި ވަރަށް އަވަހަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެ މަސައްކަތުގައި އުޅުއްވާ ފަރާތެއް "އަވަސް"އަށް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޕީއެމް އިން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުމެއް އަދިވެސް ބާއްވާފައެއް ނުވެ އެވެ. ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫން ކަމަށް ކަނޑައެޅުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު އެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ނަގައިފަ އެވެ.