ހަބަރު

މަޖިލީހަށް ކުރިމަތިލާނީ އަލަށް އުފައްދާ ޕާޓީގެ ނަމުގައި: ޝަރީފް

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީގެ ނަމުގައި ކަމަށް އެމަނިކުފާނުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް އޭނާ ވާދަ ކުރަން ނިންމާފައި ވަނީ ޕީޕީއެމް އިން އަލަށް އުފައްދާ ޕާޓީގެ ނަމުގައި ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އާ ޕާޓީއެއް އުފައްދަން ނިންމެވީ އެ ޕާޓީ ކުރީގެ ރައީސް މައުމޫންއާ ހަވާލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގު ދެމިގެން ދާތީ އެވެ. އެގޮތުން އެ ފަރާތްތަކުން އުފައްދަން ނިންމަވާފައިވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ) އެވެ.

އާ ޕާޓީ އުފައްދަން ފޯމް ނަގާ ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށާއި ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.