ޗެމްޕިއަންސް ލީގް

ބަޔާންއާ ދެކޮޅަށް ކުޅުމަކީ ލިބޭ އުފަލެއް: ކްލޮޕް

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، އޭނާގެ ކުރީގެ ވާދަވެރި ކުލަބު، ބާޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހުމަކީި ލިވަޕޫލްގެ ޓީމަށް ލިބުނު އުފަލެއް ކަމުގައި ދެކޭ ކަމަށް، ލިވަޕޫލްގެ ކޯޗް ޖަރުމަންގެ ޔާގަން ކުލްޕް ބުނެފި އެވެ.

ޖަރުމަންގައި، ބަޔާން މިޔުނިކާ އެންމެ ވާދަވެރި ކުލަބަކީ، ބުރޫޝިއާ ޑޯޓަމުންޑެވެ. ކްލޮޕް ވަނީ ކުރިން އެ ޓީމަށް ކޯޗް ކޮށްދީފަ އެވެ. ކްލޮޕް ބުނީ، ވަރުގަދަ ޓީމަކާ ކުޅެން ޖެހިދާނެ ކަމަށް ކުރިންވެސް އޭނާއަށް ހީކުރެވުނު ކަމަށާއި އެހެންވެ ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހުމަކީ އޭނާ އަށް މައްސަލައަކަށް ނުވާނެ ކަމަށެވެ.

"މިއީ ޗެމްޕިއަންސް ލީގްގެ ގަދަ 16 އެހެންވީމަ ކުރިމަތިލާން ޖެހޭނީ ވަރުގަދަ ޓީމުތަކާ، އުނދަގޫ ޓީމަކާ ކުޅެން ޖެހުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް ފަހު ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "މިދިޔަ ދެތިން އަހަރުގައި އެ ޓީމުން ވަނީ ޖަރުމަން ފުޓްބޯޅައިގައި ޑޮމިނޭޓް ކޮށްފަ، އެއީ ޖަރުމަންގެ ފުޓްބޯޅަ ހަޔާތުގައި އައި އެންމެ ރަނގަޅު ދުވަސްތައްވެސްމެ."

"މި ކުރިމަތިލުމަކީ ވަރަށް ފުރިހަމަ މެޗަކަށް ވާނެކަން ޔަގީން، އެއީ މީގެ ކުރިން އަހަރެން ވަނީ ބަޔާން އާ ދެކޮޅަށް ވާދަވެރި މެޗުތަކުގައި ނިކުމެފަ، އެހެންވީމަ އަހަރެން މިހުރީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން.

މި އަންނަ މާޗް މަހު 13 ވަނަ ދުވަހު ކުޅޭ މެޗު ވެގެންދާނީ، ޑޯޓަމުންޑްގެ ކޯޗުކަން ކްލޮޕް ދޫކޮށްލި ފަހުން، ވާދަވެރި މެޗެއްގައި ބަޔާން މިޔުނިކުގެ ދަނޑަށް އޭނާ ކުރާ ފުރަތަމަ ޒިޔާރަތަށެވެ.

"އަހަރެމެންނަށް އެނގޭ އެ ސްޓޭޑިއަމްގައި ކުޅޭއިރު މާހައުލު އޮންނާނެ ގޮތް، ވަރަށް ރަނގަޅު މާހައުލަކަށް ވާނެ، އަހަރެމެންގެ ހުރިހާ ސަޕޯޓަރުންނަށްވެސް ވަރަށް ރަނގަޅު ދަތުރަކަށް ވާނެ، (މިޔުނިކް) އެއީ ވަރަށް ހިތްގައިމު ސިޓީ އެއް."

ޑޯޓަމުންޑްގެ އިތުރުން ޖަރުމަންގެ މައިންޒްގެ ކޯޗުކަންވެސް ކުރި ކްުލޮޕް ވަނީ ކޯޗެއްގެ ގޮތުގައި 21 ފަހަރު ބަޔާންއާ ދެކޮޅަށް ނިކުމެފަ އެވެ. އޭގެ ތެރެއިން އޭނާ އަށް ކާމިޔާބު ހޯދުނީ އަށް ފަހަރު އެވެ. 10 ފަހަރު ބަލި ވެފައިވާއިރު ތިން ފަހަރު އެއްވަރުވި އެވެ.

ޑޯޓަމުންޑްގައި ކާމިޔާބު ހަތް އަހަރު ހޭދަ ކުރުމަށް ފަހު، ކްލޮޕް ލިވަޕޫލްގެ ކޯޗު ކަމާ ހަވާލުވީ އޮކްޓޫބަރު 2015 އިގަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޑޯޓަމުންޑް ވަނީ ޖަރުމަން ލީގް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގް ދެ ވަނަ ބުރު

މެންޗެސްޓާ ޔުނައިޓަޑް - ޕީއެސްޖީ
ރޯމާ - ޕޯޓޯ
ޓޮޓެންހަމް - ބުރޫޝިއާ ޑޯޓަމުންޑް
އަޔެކްސް - ރެއާލް މެޑްރިޑް
ބާސެލޯނާ - އޮލިމްޕިކް ލިޔޯންސް
މެންޗެސްޓާ ސިޓީ - ޝާލްކޭ
އެތުލެޓިކޯ - މެޑްރިޑް ޔުވެންޓަސް