ހަބަރު

87 ދާއިރާއަށް ނުނިކުމެތިބީ ކޯލިޝަން ރޫޅިދާނެތީ: ގާސިމް

Dec 18, 2018
8

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިން 87 ދާއިރާއަށް ވާދަ ނުކޮށް ތިބީ ކޯލިޝަން އިން ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާތީ ކަމަށާއި އެ ކޯލިޝަން ރޫޅިގެން ދިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީއަށް އަލަށް ގުޅުނު މެންބަރުންތަކެއް ފޯމް ހަވާލު ކުރުމަށް ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގިނަ ދާއިރާތަކަކަށށް ވާދަ ކުރުމަށް ބޭނުންވެގެން އެ ޕާޓީގެ އާންމު މެންބަރުން ހިޔާލު ފާޅު ކުރަމުން އަންނަ ކަމަށާއި އެގޮތުން 87 ދާއިރާއަށް ކުރިމަތިލާ ވަރަށް ރައްޔިތުންގެ ތާއީދު ޖޭޕީއަށް އޮތް ކަމަށެވެ.

މިހާ ހިސަބަށް އައިއިރު ވެސް 87 ދާއިރާއަށް ވާދަ ކުރާނެ ކަން އިއުލާން ނުކޮށް ޖޭޕީ އިން ތިބެނީ ކޯލިޝަންގެ ތެރޭގައި ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިޔަށް ދިޔުމަށް ދިޔުމަށް ކަމަށާއި މަޑު މައިތިރި ކަމާއެކު އެ އެއްބަސްވުމަށް ބޯލެނބުމަށް ކަމަށެވެ. ޖޭޕީ އިން ބޭނުން ނަމަ 87 ދާއިރާއަށް ވެސް ކުރިމަތިލާން ކެރޭ ކަމަށާއި އެ ފުރުސަތާއި ގާބިލުކަން ވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ އެއްވެސް ބަޔަކާ ވާދަ ކުރަން ނުކެރިގެން ވާދަ ނުކުރެވޭނެ ކަމަށް ހީކޮށްގެނެއް ނޫން، އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންނަށް ވެސް ވާދަ ކުރެވޭނެކަން، އެ ދާނީ ކުރިޔަށް ތޯ ފަހަތަށްތޯ އެނގޭނީ ނަތީޖާ ނިމުނީމަ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނުމެން ވާދަ ކުރަން ޖެހިއްޖެއާ ވާދަ ކުރަން ކެރޭނެ ޖުމްހޫރީ ޕާޓީ ވާދަ ކުރަން ނުކެރިގެން ފަހަތަށް ޖެހިފައެއް ނޯންނާނެ އެއްވެސް ފަހަރަކު، ކޮންމެ ކަމެއްގައި ކޮންމެ ތަނަކަށް ވިޔަސް އަޅުގަނޑުމެން ވާދަ ކުރަން ޖެހިއްޖެއާ ވާދަ ވެސް ކުރާނަން،"

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ދުވަސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު އިއުލާންކޮށްފައިވާ ކަމަށައި އެހެންކަމުން ވަގުތު ވަރަށް ކުޑަތަން ވެއްޖެ ކަމަށް ގާސިމް ވިދާޅުވި އެވެ. ޖޭޕީ ހިމޭނުން އޮތީ ވަކި ބައެއް ދެކެ ބިރުން ނޫން ކަމަށާއި ވަގުތު ޖެހުމުން ވާން އޮތް ކަމެއް ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ނަމަވެސް ގާސިމް ވިދާޅުވީ ކޯލިޝަން ރޫޅާލާ ބަޔަކަށް މިފަހަރު ޖޭޕީ ނުވާނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުގެ ތެރެއިން ކޯލިޝަން ދަމަހައްޓަން އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.