ދިވެހި ސިނަމާ

މާމުއިގެ އޮފިޝަލް ޕޯސްޓަރު މާމުއިހާ ފޮނި!

ރާއްޖޭގައި ނެރޭ ފިލްމުތަކާ ހިލާފަށް ތަފާތު ނަންތަކަކާއެކު ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ފިލްމު "މާމުއި" ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފި އެވެ. މާމުއި ހަތައެއްގެ މަންޒަރެއް ހިމަނައިގެން ހަދާފައިވާ މި ޕޯސްޓަރުން ފިލްމުގެ މައިގަނޑު ހުރިހާ ތަރިންނެއް ފެނެ އެވެ.

ހެއްވާ މަޖާ ޖޯންރާ އަކަށް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމު "މާމުއި" ގެ އޮފިޝަލް ޕޯސްޓަރު ރިލީޒް ކުރުމަށް ކުޑަ ހަފްލާއެއް ރޭ ލަވޭރާ ޕިއްޒޭރިޔާގައި ވަނީ ބާއްވާފަ އެވެ.

ލީޑު ރޯލުތަކުން ފެންނަ ތަރިންނާނެކު ބޭއްވި ހަފްލާގައި ޑާކްރެއިންގެ ފަރާތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު، މޮހައްމަދު އަލީ (މޮގާ) ބުނީ، މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ އުފައްދާ އެންމެ އަގު ބޮޑު ފިލްމު ކަމަށްވެފައި، ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.

"މާމުއި" ގެ ޝޫޓިން ނިމި އޭޕްރީލް އެކެއްގައި ފިލްމު އަޅުވަން މީގެ ކުރިން ޕްރޮމޯޓް ކުރިއަސް، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފަރާތުން ފިލްމު ރިލީޒް ކުރާނެ ތާރީހު މިހާރު ވަނީ ފަސްކޮށްފަ އެވެ. އަދި ޖުލައި މަހަށް ފިލްމު ލަސް ކުރީ ގިނަ ދުވަހުގެ މުއްދަތަށް އޮލިމްޕަސް ނުލިބޭތީ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މޮގާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގައި މި ތަރިންނަށް ދީފައިވަނީ މީގެ ކުރިން ދިވެހި ފިލްމުތަކުގައި ބޭނުން ނުކުރާ ޒާތެއްގެ ނަންތަކެކެވެ. ރޮމާނީ، ސަލްމާން، ތާންޔާ ފަދަ ނަންތަކުން އެކަނިވެސް މިއީ ޑާކްރެއިން އިން ނެރޭނެ އާދައިގެ ފިލްމެއް ނޫންކަން އެނގެ އެވެ.

ޑާކްރެއިންއިން ގެނެސްދޭ ފިލްމުތަކަށް ދިވެހިންގެ ތަރުހީބު ލިބޭކަން އެންމެ ފަހުން ބޭއްވި ގައުމީ ފިލްމު އެވޯޑްސްގައި ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.