ކުޅިވަރު

އެތުލެޓިކޯ ދޫކޮށް އިންޓައާ ހަވާލުވާން ސިމިއޯނޭ ތައްޔާރު

އިންޓަ މިލާންގެ ކޯޗު ކަމާ ހަވާލުވާނެ ކަމަށް އެ ޓީމަށް އޭނާ އަންގާފައި ވާނެ ކަމަށް، އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

ސިމިއޯނޭ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި، އިންޓަ މިލާންގައި ދެ ސީޒަން ހޭދަ ކޮށްފަ އެވެ. އިންޓައިން 1998 ވަނަ އަހުރު ޔޫއެފާ ކަޕު ކާމިޔާބު ކުރިއިރު ސިމިއޯނޭ އަކީ އެ ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ. އެ ޓީމުގެ ކޯޗުކަމާ އޭނާ ހަވާލުވާން އުޅޭ ކަމުގެ ވާހަކަތައް މީގެ ކުރިންވެސް ފެތުރުނެވެ. އަދި އިންޓައިން ވެސް އޭނާ ގެންދަން ރަސްމީކޮށް މަސައްކަތް ކޮށްފައި ވެެއެވެ.

"އަހަރެން މިހާރު 2000 ފަަހަރުވެސް އިންޓަގެ މެނޭޖުމެންޓްގައި ބުނެފިން އަހަރެން އެ ޓީމާ ހަވާލު ވާނަމޭ," އިޓަލީގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުގައި ސިމިއޯނޭ ބުންޏެވެ. "އެއީ ވާނެ ކަމެއް، ދުވަހަކަށް ފަހު ދުވަހެއް އަަހަރެން މަސައްކަތް ކުރަނީ އެ ވިސްނުމުގައި، (އެތުލެޓިކޯ) އާ އެކު އަހަރެންގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތް، މި ދަނޑިވަޅުގައި އަހަރެންގެ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން މިދަނީ."

"އަހަރެން އުންމީދު ކުރަން މި ގޮތުގައި ކުރިއަށް ދާން، ވޭތުވެދިޔަ 12 ނުވަތަ 13 އަހަރު އަހަރެމެން މިގޮތަށް މަސައްކަތް ކޮށްފިން، އަހަރެންގެ ސްޓައިލަކީ އެ ކުލަބެއްގެ ހާލަތާ އެއްގޮތަށް މަސައްކަތް ކުރުން."

އެތުލެޓިކޯގެ ކޯޗު ކަމާ ސިމިއޯނޭ ހަވާލުވީ 2011 ވަނަ އަހަރު އެވެ. މި އައަށް އަހަރު ތެރޭ އޭނާ ވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާ އެއްވަރެއްގައި ވާދަ ކުރެވޭ ފެންވަރުގެ ޓީމަކަށް އެތުލެޓިކޯ ހަދާފަ އެވެ. ޗެމްޕިއަންސް ލީގް ފިޔަވައި، އޭނާ ވަނީ އެހެން ހުރިހާ މުބާރާތެއް އެތުލެޓިކޯއަށް ހޯދައި ދީފަ އެވެ. ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދެ ފަހަރަށް އެތުލެޓިކޯ ގެންގޮސްދިނެވެ.