ހަބަރު

އޮޅުވާލައިގެން މެމްބަރޝިޕް ފޯމް ހުށަހަޅާ ފަރާތްތަކަށް ޕްރައިމަރީގައި ވާދަނުކުރެވޭނެ: އެމްޑީޕީ

ސައްޙަ ނޫން މެމްބަރޝިޕް ފޯމް ހުށަހަޅާ ފަރާތްތަށް މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމާއި، ވޯޓުލުމުން މަޙްރޫމް ކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން އެގޮތަށް ބުނެފައިވަނީ 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން އިންތިހާބުކުރުމަށް ބާއްވާ ޕްރައިމަރީ އިންތިހާބާގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާ ބެލުމަށް އެކުލަވާލި ކޮމިޓީއަށް، ނ.ކެނދިކުޅުދޫން ހުށަހެޅުނު މައްސަލައަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ ތެރޭގައި، އެމްޑީޕީއަށް ވަނުމަށް ނ.ކެނދިކުޅުދޫ 9 މީހެއްގެ ފޯމުލާފައި އޮތީ، އެމީހުންނަށް ނޭނގިކަމުގެ ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން، އެކަން ބަލާފައިވާ ކަމަށާއި، އެކޮމިޓީން ބެލިބެލުމުން އެ ވާހަކައަކީ ޞައްޙަ ވާހަކައެއްކަމުގައި ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަށަވަރު ކުރެވިފައިވާތީ މިހާރު ވަނީ އެ 9 މީހުން، މަޖިލިސް ޕްރައިމަރީގެ ވޯޓު ލިސްޓުން އުނިކޮށްފައި ކަމަށެވެ.

މީގެ އިތުރުން، އެ އަމަލު ހިންގި ފަރާތެއް އެ ކޮމިޓީއަށް އަދި ކަށަވަރުވެފައި ނުވި ނަމަވެސް، އެ އަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން އޮޅުވާލުމުގެ އަމަލުތަކުގެ ކުށާއި، އެ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލުގެނައުމުގެ ކުށަށް ފެތޭ ޖަރީމާއަށްވާތީ، އެ ފަދަ ޢަމަލެއް ހިންގީ ޕާޓީ މެންބަރެއްކަން ކަށަވަރުވެއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ޕްރައިމަރީގައި ވޯޓުލުމުން މަހުރޫމް ކުރެވޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލާ ފަރާތްތަކުން ދަނީ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީއަށް ވެއްދުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ދަފުތަރުގައި 29008 މީހުން އެމްޑީޕީގެ ރަޖިސްޓްރީގައި އޮތްކަމުގައިވީ ނަމަވެސް މަޖިލިސް ޕްރައިމަރީގައި 80000 އަށްވުރެ ގިނަ މީހުން ވޯޓް ލާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.