ހަބަރު

ބިދޭސީ މަސައްކަތްތެރީންގެ ހައްގުތަކާ ގުޅޭ ގިނަ މައްސަލަތައް އެބަހުރި: އެޗްއާރުސީއެމް

ގާނޫނުއަސާސީއާ ގާނޫނުތަކުން ބިދޭސީ މަސައްކަތެރީންގެ ހައްގުތައް ކަށަވަރުކޮށްދީފައިވީ ނަމަވެސް ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ތަފާތު މައްސަލަތައް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ "މައިގްރަންޓްސް ޑޭ" 2018 އާއި ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގްވާމީ ފެންވަރުގައި އެ ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުންދާ ގައުމުތަކުގެ ތަރައްގީގައި އަދާކުރާ ހިއްސާގެ އަގުވަޒަން ކުރުމާއި، އެފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ހައްލުޗކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް މުޖްތަމައު ހޭލުންތެރިކުރުމާއި، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ބިދޭސީ މަސައްކަތްތެރީންނާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ދިރިއުޅުމަށް އެކަށީގެންނުވާ ތަންތާގައި ބިދޭސީ މަސައްކަތްތެރީން ގެންގުޅުމާއި، އެކަށީގެން ނުވާ މާހައުލެއްގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުމާއި، ފުރައްސާރަކުރުމާއި، ވަޒީފާގެ މާޙައުލުގައި ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދީފައި ނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

މަސައްކަތްކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި، ވިސާ ފީ ނުދެއްކުމާއި، މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތައް ހިމެނޭ ކަމަށާއި، އެ ކޮމިޝަނުން ކޮށްފައިވާ މޮނިޓަރިން ޒިޔާރާތްތަކުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ބަންދުކުރާ ބިދޭސީން ރާއްޖެއިން އެމީހުންގެ ގައުމަށް ފުރުވާލެވެންދެން ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ދަށްކަމާއި، ބަންދުކޮށްފައި ތިބޭއިރު އެމީހުންގެ ގައުމުގައި ދިރިއުޅޭ އާއިލާގެ ފަރާތްތަކަށް ފޯނުން ގުޅުމުގެ ފުރުސަތު ނޯންނަކަމާއި، ޝަރީއަތުގެ މަރުޙަލާ ނުނިމި ލަސްވަމުންދާ މައްސަލަ ހިމެނޭ ކަމަށްވެސް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.

އެޗްއާރުސީއެމުން އިތުރަށް ބުނީ، އެކަންކަން އެހެން ހުރުމާއެކު، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ގާނުނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރަންޖެހޭ ކަމަށެވެ. އަދި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އިންސާނުންނަށްވީތީ ލިބިދޭންޖެހޭ އަސާސީ ހައްގުތައް ލިބިދިނުން ކަށަވަރުކުރުމަށް ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރާ ކަމަށެވެ.

މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ މެދު އިހުމާލުވާ ފަރާތްތަކަށް ގާނުނޫގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުއެޅުން ހަލުވިކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށާއި، ހަމައެއާއެކު، މުޖްތަމަޢުން ބިދޭސީ މަސައްކަތްތެރިންނާމެދު ދެކޭ ނޭދެވޭގޮތް ބަދަލުކުރުމާއި، ތަފާތުނުކުރުމާއި، އެމީހުންނަށް އިހްތިރާމްކުރުމަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރެވިފައިވާ މުޖްތަމައުއެއް ބިނާކުރުމަށް މުހިންމު ކަމެއްކަމަށްވެސް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.