ވާހަކަ

އީޝަލް

(16 ޑިސެމްބަރ 2018 އާ ގުޅޭ) -- ހިނިތުންވުމެއް ބަދަލުކޮށްލައި ދުވެފައި ކަހަލަ ގޮތަކަށް ރައުލްއާ އަރާ ހަމަކުރިއެވެ. ރައުލްއަށްވުރެ އިސްކޮޅުން ކުރު ދާރިއުސް އެހެން މީހުންނާ އަރާ ހަމަކުރިއެވެ. އެވަގުތު ރައުލް ފަސްއެނބުރި ބަލާލިއެވެ. އެ ދެ ލޯ ނުފެނުނު ކަމުގައި ވިޔަސް އެ ބެލުމުގެ އަސަރު އީޝަލްއާ ހަމައަށް ފޯރިއެވެ. ޖެހިލުންވިވަރުން ދެ އަތުގެ ތެރޭ ހެދުމުގެ ދެ އަރިމަތިން ބައެއް ބޮނޑިކޮށްލެވުނެވެ.

އީޝަލްގެ ގައިގާ ލުގަލްބަންދާގެ ބޯ ޖައްސައި ކުޑަކޮށް ކޮށްޕާލިއެވެ. އެއާއެކު ދާރިއުސް ދިޔަ ދިމާއާ ނަޒަރު ވަކިކޮށްލައި ލުގަލްބަންދާއަށް އީޝަލް ބަލާލިއެވެ. އެ ސޮރުގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ބޭނުންވަނީ އެ ތަނުން ދާންކަން އީޝަލް ދެނެގަތެވެ. އޭނާ ވެސް ދެން އިތުރަށް އެތަނުގައި މަޑުކުރުމުގެ ގަސްދެއް ނެތެވެ. ލުގަލްބަންދާގެ ބޮލުގައި ކަނާއަތްތިލަ ޖައްސާލައި އީޝަލް ހިނގައިގަތީ އެނބުރި ގެއާ ދިމާއަށް ދާށެވެ. ނަމަވެސް ކުރިއަށް ދެތިން ފިޔަވަޅު އެޅުމާއެކު ހުއްޓި ފަހަތަށް ބަލާލީ އަދިވެސް އޭނާއަށް މީހަކު ބަލަންހުރިހެން ހީވެގެންނެވެ. އަތިރިމައްޗަށް އެޅިފައި އޮތް ރުއްތަކުގެ ދިގު ހިޔަނިތަކުން ހިޔަންޏެއްގައި މީހަކު ހުރިހެން އީޝަލްއަށް ހީވިއެވެ. ހަމައެވަގުތު ލުގަލްބަންދާގެ އަނގައިން އީޝަލްގެ ހެދުމުގައި ހިފައި ދަމާލިއެވެ. ސިކުނޑީގައި އުފެދިފައިވާ ސުވާލުތަކާއެކު ވެސް އީޝަލް ހިނގައިގަތެވެ. ލުގަލްބަންދާ ވެސް ވަށައިގެން ނަޒަރު ހިންގަމުން އީޝަލްގެ ވައަތްފަރާތުގައި އޮވެ އާދެއެވެ.

* * * * *

ދާރިއުސްގެ ކޮނޑަށް ރާވިން އަތްވައްޓާލުމާއެކު ގާތަށް ދަމާލިއެވެ. އަދި އެ މީހުންނާ ދުރުދުރުން ދާރިއުސް އުޅޭތީ އެކަމާ އޭނާ ސުވާލުކުރިއެވެ. އެންމެ ފަސޭހައިން ބޮނޑިއެއް ލިބޭނީ ކަންކަން ބެލުމުގެ ޝައުގުވެރިކަމުގައި ތިމާއާ ނުބެހޭ ކަންކަމުގެ ތެރެއަށް ވަންނަ މީހުންނަށްކަން ރާވިން ބުނެލިއެވެ. ދާރިއުސްގެ ވައަތް ފަރާތުގައި ހުރި ހަތޯރް ހީނގަތެވެ. ދާރިއުސްގެ ކަންފަތުގައި ރާވިން ހިފުމުން އޭނާ ތަދުވެގެން ތެޅިގަތީ ހެމުންހެމުންނެވެ. ރާވިންގެ ވާހަކަތައް ހުރި ގޮތުންނާއި އޭނާގެ ޢަމަލުތަކުގައިވަނީ ސަމާސާ ގޮތްގަނޑެވެ. އެ މީހުން އިހު މަޑުކޮށްގެން ތިބިތަނަށް އާދެވުމުން މަޑުކުރިއެވެ.

"ކޮބާ ރައުލް" ވެލިގަނޑުމަތީ އިށީންނަމުން ރާވިން އެ މީހުން އައި ދިމާއަށް ބަލާލިއެވެ.

"އަހަރެމެންގެ ފަހަތުން އައި" ދާރިއުސް ބުންޏެވެ.

"މިހިރަ އައީނު" ވެލިގަނޑު މަތީ ދެފައިވަށްކޮށްލައިގެން އިން ސޭމެސް ބުންޏެވެ.

"ހަތޯރް، އެ އަންހެންކުއްޖާ ފެނިފައި ކަލޭ ހުއްޓުން އަރާފައި ހުރީ ކިހިނެއްވީ؟" ރާވިން އެއްސެވެ.

"ހުއްޓުން ނާރާވަރެއްތަ؟ އޭނާގެ ރީތިކަން ދުށީންތަ... އަހަންނަށް ހަމަ ބުނާނޭ އެއްޗެއް ނޭނގުނީ، އަނެއްކާ އެކުއްޖާއާއެކު އޮތް ހައިވާނު ދުށީންތަ؟ އެ ސޮރުގެ ބިޔަކަން... އެހެރެ ދަތްތަކެއް... އެ ދެ ލޯ... އެ ދެލޮލުން އެކަނިވެސް އަހަރެމެން ރޮލާ ކައި ހުސްކޮށްލަފާނޭހެން ހީވަނީ" އަޖައިބުވެފައި އިން މީހަކު ފަދައިން ދެއަތުންނާއެކު ހަތޯރު ވާހަކަދެއްކިއެވެ. ސޭމެސްއާއި ރާވިން ޖަހާލީ ހިނިގަނޑެކެވެ.

"އެއީ ހައިވާނެއްނޫން... އެއީ ލުގަލްބަންދާ.. އީޝަލް... އީޝަލްގެ ގާތްމީހެއް" ހަތޯރްގެ ވާހަކައާ ވިއްދައި ދާރިއުސް ބުންޏެވެ.

"އޭނާއަށް ވެސް އެނގުނީ އަހަރެމެންގެ ތެރޭގައި ހުރި ފުރާވަރުގެ ކުއްޖަކާ ވާހަކަދައްކަން، ނިކަން އަހަރެމެންގެ ތެރެއިން ފިރިހެނަކާ ވާހަކަދައްކަން އައިނަމައެއްނު" ހެވިފައި އިނދެ ރާވިން ބުންޏެވެ.

"ޔާފިއާ ގާތު ބުނާނަން" ދާރިއުސް މޫނު ހަދާލަމުން ބުންޏެވެ. އިތުރަށް ރާވިންގެ ހިނިގަނޑު ގަދަވިއެވެ.

"ރައުލް... ކަލޭ އަހަރެމެންނާއެކު ކުޑަކުއްޖަކު ގެންނަން އެއްބަސްވީތީ މަ ހަމަ ހައިރާންވެއްޖައިން" ވެލިގަނޑުގެ ތެރެއިން ގައުކޮޅެއް ފެނުމުން އެ ނަގައި ރައުލްއާ ދިމާއަށް އެއްލަމުން ރާވިން ބުންޏެވެ.

އެންމެން ތިބިތާ ކައިރީ ހުރި ރުކެއްގެ ބުޑުގައި ރައުލް އިށީނދެ އިނީ އޭނާގެ ބުރަކަށި ރުކުގައި ޖައްސާލައިގެންނެވެ. ކުރުކޮށްލެވިފައިވާ ފައިގެ ކަކުލުގައި ދެއަތް އަޅުވާލައިގެން އޭނާ އިންއިރު އޭނާގެ ނަޒަރު ހުރީ ވިލާތަކުގެ ތެރެއިން ފެނިގެއްލެމުންދިޔަ ހަނދަށެވެ. އެ މީހުންގެ ތެރޭ ދެކެވޭ ވާހަކަތަކަށް އޭނާގެ ކަންފަތް ހުރީ ހުޅުވިފައެވެ. ނަމަވެސް އޭނާ ބަހެއްނުބުންޏެވެ. ރާވިންގެ ދިމާކޮށްލުމުގެ ބަސްތައް ގިނައިރެއްނުވެ އިވިގެންދިޔައެވެ. ދެން ވެސް ރައުލް އެއްޗެކޭ ނުބުންޏެވެ. ހަތޯރްއާއި ރާވިންއާ ވެގެން އީޝަލްއާ ބެހޭ ވާހަކަތައް އޮޅުން ފިލުވަން ދާރިއުސްގެ ގާތުން އެއްސެވެ. އެއާއެކު އޭނާއަށް އީޝަލްގެ ވާހަކަ ހުއްޓައެއްނުލެވުނެވެ. އޭނާއަށް އެންމެ ފުރަތަމަ އީޝަލް ފެނުނު ދުވަހުގެ ވާހަކައާއި އޭނާއާއެކު ހުއްޓާ ދުށް ޝަހީ އަންހެން މީހާގެ ވާހަކަ ވެސް ދާރިއުސް ކިޔައިދިނެވެ.

ވާހަކައިގައި ތިބެފައި ނިދި އައިސްގެން ފުރަތަމަ މޫދަށް ފޭބީ ދާރިއުސްއެވެ. އޭނާއާއެކު ސޭމެސްއާއި ހަތޯރު ދިއައެވެ. އެއާއެކު ރާވިން އެނބުރިލީ ރުއްދޮށުގައި އިން ރައުލްއާ ދިމާއަށެވެ. އެ ދެމެދުގައި އޮތީ ޒަމާންވީ ގާތް ރަޙުމަތްތެރިކަމެކެވެ. ރައުލްގެ ބައްޕައަކީ ބޭރީތްއެވެ. އެއީ ބާރުގަދަ ކަނޑުގެ ޖިންނިއެކެވެ. ރަޙުމުކުޑަވެފައި ގިނަ އަންހެނުން ގެންގުޅޭ ވެރިއެއްގެ ގޮތުގައި އޭނާ މަޝްހޫރުވެފައިވެއެވެ. އޭނާގެ އެތައް އަނބިންނެއް ތިބެއެވެ. އެކި ތަންތަނުން އޭނާ އަނބިން ހޯދައި ކައިވެނި ކުރެއެވެ. ގިނަ ދަރީން ތިބުމަކީ އެ މީހުންގެ ބާރު ގަދަވާނޭ ކަމެއްކަމުގައި ބޭރީތު ޤަބޫލުކުރެއެވެ. ބޮޑެތި ބިޔަ ޤަބީލާތައް ދެކެ ޖިންނީން ޖެހިލުންވެއެވެ. އޭނާގެ ދަރީން ކަނޑުގެ އެކި ދިމާއަށް ފެތުރިފައިވެއެވެ. އޭނާގެ އަރިހުގައި ގެންގުޅެނީ ކުޑަކުދީންނާއި ޒުވާންވެފައި ތިބި ކުދީންގެ ތެރެއިން އޭނާ އެންމެ ލޯބިވާ ދަރީން އެކަންޏެވެ.

ރައުލްގެ މަންމަ ޖިލައްޔާއަށް ލިބުނީ އޭނާއެކަންޏެވެ. ހަތޯރްއާއި ސޭމެސްގެ އިތުރުން ދާރިއުސްއަކީ އެހެން ބައެއްގެ ދަރީންނެވެ. ސޭމެސްގެ މަންމައަކީ ކާކުކަމެއް ނޭނގެއެވެ. އޭނާ ބޭރީތުގެ ގާތަށް ގެނައީ އޭނާގެ އުމުރުން ފުރާވަރަށް އެޅިތަނާއެވެ. ހުރިހާ ކުދީންނާ އޭނާ ތަފާތުވަނީ އޭނާގެ ހަމަށް އަރާ ކުލައާއި ހުންނަ ގޮތް ތަފާތުވުމެވެ. އާދައިގައި ހުންނައިރު ވެސް އޭނާގެ ހަންގަނޑު ހީވާނީ ހަރުފަ އެއްޗެހީގެ ހަންގަނޑު ހެންނެވެ. އަދި ރަންކުލައިގެ ވިދުމެއް އޭނާގެ ހަމުގައި ހުރެއެވެ. ލޯ ވެސް ތަފާތެވެ. އެވެސް ހީވާނީ ހަރުފައެއްގެ ދެ ލޯ ހެންނެވެ. ހަތޯރުއަކީ ބޭރީތުގެ އެންމެ ގާތް އިސް އަނބިމީހާ ކަސްދިޔާއަށް ލިބުނު ދެ ފިރިހެން ދަރީންގެ ތެރެއިން ހަގު ދަރިފުޅެވެ. ކަސްދިޔާއަކީ ބޭރީތުމެންގެ ތެރެއިންވާ ޖިންނިއެކެވެ. ދާރިއުސް ބޮޑުވީ ރައުލްގެ ކުރިމަތީއެވެ. އެންމެ ކުޑަކުޑަ އިރުއްސުރެ އޭނާ ރައުލްގެ ފަހަތުން ދުވެދުވެފައި އުޅެއެވެ. އޭނާ ބާކީކޮށްނުލަނީ ރައުލްއެކަންޏެވެ. އޭނާގެ ފަހަތުން އުޅެނީ އެހެންވެއެވެ. ދާރިއުސްއަކީ ބޭރީތުގެ ދަރީން ބެލުމަށް ގަނޑުވަރަށް ގެނައި އަންހެނެއްކަމަށްވާ މަދުރާގެ ދަރިއެކެވެ. އެއީ ހޮހޮޅައެއްގެ ތެރެއިން ގެނައި ޒުވާން ރީތި އަންހެނެކެވެ. ރީތި ޒުވާން އަންހެނުންނަކީ ބޭރީތުގެ ބަލިފައެވެ. ދާރިއުސްއަކީ ބޭރީތު ކައިވެނިން ބޭރުގައި މަދުރާއާ ގުޅުމެއް ބާއްވައި ލިބުނު ދަރިއެކެވެ. ބޭރީތްއަކީ ފިރިހެން ދަރީންނަށް އިސްކަންދޭ ބައްޕައެކެވެ. ފިރިހެން ދަރީން ގިނަވުމަކީ ރަސްކަމުގެ ބާރު ގަދަވާކަމަކީއެވެ. ރާވިންއަކީ ބޭރީތުގެ އިސް ވަޒީރުންގެ ތެރޭގައި އުޅޭ ލާވީގެ ދަރިއެކެވެ.

"ރައުލް... ކަލެއަށް ފާހަގަ ކުރެވުނުތަ؟" އިރުކޮޅަކު އިނދެފައި ރާވިން އަހާލިއެވެ. އެއާއެކު ރައުލް ބުރަކަށި ސީދާ ކޮށްލައި ދެ ފައިވަށްކޮއްލަމުން ފައިގައި ހިފަހައްޓާލިއެވެ. އިސްޖަހާލައިގެން އޭނާ އިންނަން ފެށުމުން އަނެއްކާ ވެސް ރާވިން ވާހަކަދެއްކިއެވެ.

"އެކަމާތަ ތި ވިސްނަނީ؟" ރާވިން އެއްސެވެ.

"އަހަރެން ނުވިސްނަން އެއްވެސް ކަމަކާ" ރައުލް އިން ތަނުން ތެދުވިއެވެ. އެވަގުތު ރާވިން ތެދުވެ ކުއްލިއަކަށް ރައުލްގެ ކޮނޑުގައި އެއްއަތުން ހިފައި ހުއްޓުވިއެވެ.

"ކަލެއަށް އެ އަންހެންކުއްޖާގެ ދެ ލޯ ހަމަ ފާހަގަނުވޭތަ؟... ރައުލް، ކީއްވެ އެއްބަސްނުވާން ތިއުޅެނީ... އެ އަންހެންކުއްޖާއާ މެދު ކަލޭ ތި ވިސްނަނީ، އަހަރެންގެ ބައްޕަ ބުންޏެއްނު ރައުލްގެ މަންމަގެ ދެ ލޯ ހުންނަނީ ފެހިކުލައިގައޭ" ރާވިން ބުންޏެވެ. އެއާއެކު ރައުލްގެ ލޮލުން ފާޅުވެގެން ދިޔައީ ނުރުހުންތެރިކަމެވެ. އޭނާ ރާވިންއަށް ބަލާލި ގޮތުން ރާވިން ފަހަތަށް ޖެހިލިއެވެ.

"ރާވިން، އަހަރެމެން ދެ މީހުންނަށް އެނގޭ އެއްވެސް ކަމެއްގެ ވާހަކަ ކަލޭ ދެން ހާމަކޮށްގެން ނުވާނެ، އަހަންނަށް ހީވަނީ އަހަރެމެންނަށް މިތާ މާގިނަ ދުވަހު މަޑުކުރެވުނީހެން، އެނބުރިދާން ދަތުރު ފަށަންވީ" ރައުލް ބުނެލިއެވެ.

"ދެން ނުދައްކާނަން، ވިސްނާނުލައި އެ ވާހަކަތައް ބުނެވުނީ... މަޢާފުކުރޭ ރައުލް... އެނބުރިދާކަށް އަދިނުވޭ، ބޭރީތު ކަލޭ ނޭވާލިޔަކަ ނުދޭނެ އެނބުރި ގޮސްފިއްޔާ، އަހަރެމެން އެންމެން މިގޮތަށް ބައްދަލުވެލައި ވަގުތު ހޭދަކޮށްލަން ބޭނުންވެފައެއްނު ތިބީ، މި ހިސާބަށް އަހަރެމެން އައީ ވެސް ބޭރީތުގެ ފާރަވެރިންގެ އުނދަގުލެއް ނުފޯރާނޭތީ، ކަލޭ ދާރިއުސްއަށް ވަޢުދުވީމެންނު މިފަހަރު އެހާ އަވަހަށް އެނބުރި ނުދާނަންކަމަށް، އެ ވަޢުދު އުވާލަނީތަ؟" ރާވިން އައިސް މޫދާ ކުރިމަތިލައިގެން ހުރި ރައުލްގެ އެއްފަރާތުން މަޑުކޮށްލިއެވެ.

"ރަށުތެރޭގެ ކަންކަމުގެ ތެރެއަށް ވަނުމަކީ އަހަރެން ބޭނުންވާ ގޮތެއްނޫން" ރައުލް ބުނެލިއެވެ.

"ކޮބާތަ ރަށުތެރޭގެ ކަންކަމުގެ ތެރެއަށް ވަދެފައި... ދާރިއުސް ކުރީ ގޯސްކަމެއްނޫން، މިހެން އައިސްތިބޭއިރު ދިމާވާ މީހުންނާ ވާހަކަދައްކާލައި އެކުވެރިކަން އުފެދުމަކުން ކޮބާތަ މައްސަލައެއް، އަހަރެމެންގެ ފަރާތުން އުނދަގުލެއް ނުފޯރާތީ ރަށުތެރޭ އުޅޭ އެހެން ޖިންނީން ވެސް އަހަރެމެންނަށް އެއްވެސް ކަމަކަށް ހުރަހެއްނާޅައެއްނު، ބީރައްޓެހިކަމެއް މި ރަށުގެ އެއްވެސް ދިމާއަކުން ނުފެނޭ... މިތާ ކައިރީ އޮތް ރަށަށް ދިއުމުގެ ބަދަލުގައި މި ރަށަށް އަންނަން ނިންމީ ވެސް ރައުލް އަމިއްލައަށް... ކިހިނެއް އެނގެނީ މިހެންކަންތައް ދިމާވާން ނޫންކަމެއް މިރަށަށް އާދެވުނީ، އީޝަލްގެ ޚަބަރުދަބަރު އޮޅުންފިލުވަން އަހަރެން ވެސް ޝައުގުވެރިވެއްޖެ، އެކުއްޖާ ދެން ދިމާވެއްޖެނަމަ އަހަރެމެންގެ ތެރެއަށް އޭނާ ގެންނާނަން" ރާވިން ބުންޏެވެ.

"ޔާފިޔާއަށްވުރެ ބޮޑަށް ކަލޭ އެ އަންހެންކުއްޖާއަށް ޝައުގުވެރިވަނީތަ ރާވީން" ރައުލް އެއްސެވެ. އެއާއެކު ލުއި ގޮތަކަށް ރާވިން ހީލިއެވެ.

"ޔާފިޔާއަށް އަހަރެން ޝައުގުވެރިވާ ގޮތް މިކަމާ މުޅިން ތަފާތު، ކޮންމެވެސް ދުވަހަކުން އެއީ އަހަރެންގެ އަންހެނުންނަށް ހަދަން ގަސްދުކުރި ފަރާތް، މި ދަތުރުގައި އޭނާ ބައިވެރިވިނަމައޭ ހިތަށް އަރާ... ރައުލް، ތިދެން މައުޟޫޢު ބަދަލުކޮށްލަނީ" ރާވިން ބުންޏެވެ. ހަމައެއާއެކު ރާވިންގެ ވާހަކަ ކުރިއަށް ގެންދަން ރައުލް ބޭނުންނުވާކަން އެނގި އޭނާގެ ވާހަކަ އެ ހިސާބުން ހުއްޓާލީއެވެ.

"އަހަރެން ވަރުބަލިވެއްޖެ... ނިދަން މިދަނީ" ރާވިން ބުނެލިއެވެ. ރައުލް މަޑުމަޑުން ބޯޖަހާލަމުން އޭނާ ވެސް އިރުކޮޅަކުން އެ މީހުންނާ ބައިވެރިވާނަން ކަމުގައި ބުންޏެވެ.

ދިޔަރެސްފަށަށް ފައިބާ ހުރި ރައުލް ފުންނޭވާއެއް ލިއެވެ. އޭނާގެ ސިކުނޑީގައިވާ ޚިޔާލުތައް އިތުރު މީހަކަށް އެނގެން އޭނާ ބޭނުމެއްނޫނެވެ. ފަސްއެނބުރި އެއްގަމާ ދިމާއަށް ރައުލް ބަލާލިއެވެ. އޭނާ ވެސް ހުރީ ވަރުބަލިވެފައެވެ. އެހެންނަމަވެސް އެ ދެ ލޮލުގައި ނިންޖެއްނެތެވެ. ރަށުތެރެއަށް އެރުމަށް އޭނާ ވިސްނާކަހަލައެވެ. އަނެއްކޮޅުން އޭނާއާ އެކުގައި އައިސް ތިބި މީހުންގެ އިސްމީހަކަށް ހުރީ އޭނާއެވެ. އެ މީހުންނަށް މަނާކޮށްފައި އެކަން ރައުލް ކުރުމުން އެއީ އިންސާފަކަށްނުވާނޭކަން އޭނާގެ ޟަމީރު ބުންޏެވެ. އިސްޖަހާލައި ދެފަރާތަށް ބޯހޫރާލަމުން ނިތްކުރީގައި ރައުލް ފިރުމާލިއެވެ.

* * * * *

ދެ އަތަށް ފުރޮޅިފުރޮޅި އޮތް އީޝަލްއަށް ނިދޭ ގޮތެއްނުވިއެވެ. ދާރިއުސްއާ ބައްދަލުކުރަން ދާނޭ ގޮތަކާމެދު އޭނާ ވިސްނިއެވެ. ހެނދުނުން މީކާޢިލް އައުމުން އަނެއްކާ ވެސް ހުރިހާ ދޮރެއް އީޝަލްއަށް ބަންދުވާނެއެވެ. އެ ޚިޔާލުތަކުގައި އޮއްވާ އޭނާއަށް ނިދުނީ ފަތިހަށް އެޅިފަހުންނެވެ. ހަމަ ނިދި ހަރުވެލާއިރަށް ކޮޓަރީގެ ދޮރުމަތީ އޮތް ލުގަލްބަންދާގެ ގަދަ އަޑު އިވި އީޝަލް ސިހުނެވެ. ރުޅިގަދަވެފައި އީޝަލް އައިސް ދޮރުހުޅުވާލިއިރު ދޮރުމަތީ ޒިޔަޒެލް ވެސް ހުއްޓެވެ.

"މިއަދު ނުތެދުވާ ދުވަހަކީތަ؟" ފަތިސްނަމާދުގެ ވަގުތު ޖެހުނީކަން އީޝަލްއަށް އެނގުނީ ދެނެވެ. ކަންނެތްވެފައި ހުރެ ވެސް އީޝަލް ތެދުވީކަމުގައި ބުނެލިއެވެ. އެހެންނޫނީ ރޭގައި ނުނިދާ ކުރިކަމެއް އެނގެން ޒިޔަޒެލް ބޭނުންވެދާނޭ އީޝަލްއަށް ހީވީއެވެ.
ހެނދުނުގެ ނާސްތާގައި މީކާޢިލްއާއި މިޒަރެން ބައިވެރިނުވުމުން އެ މީހުން އެނބުރި ނާންނަނީކަން އީޝަލްއަށް އެނގުނެވެ. އެ ޚަބަރު ޒިޔަޒެލްގެ ގާތުން އޭނާ އޮޅުންފިލުވިއެވެ.

"ލުގަލް ފެނުނު ގެއަށް އަލުން ދާން އާރަމް އެދުނީމަ މަޑުކުރީ، ކުރީން ނުފެންނަކަމެއް އަނެއްކާ ވެސް ފެނިދާނޭ ހީވާތީ، ލުގަލްގެ ކަންކަން އޮޅުން ފިލުވަން މީކާޢިލް ބޭނުންވޭ، އެކޮޅުގައި ހުރެގެން ނޫނީ އެކަމެއްނުވާނެއެއްނު" ސައިބޯން އިން ޒިޔަޒެލް ބުނެލިއެވެ. އީޝަލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ނަމަވެސް ޒިޔަޒެލްގެ އަޑުން އެ ހިނިތުންވުން ފަނޑުވެގެންދިޔައެވެ.

"ކޮބާ ރޭގައި ދިން ފޮތް ކިޔައި ނިންމީތަ؟" ޒިޔަޒެލް އެއްސެވެ. އެ ބުނާ ފޮތެއް އީޝަލް ކޮޓަރީގައި ބޭއްވި ގޮތަށް އޭގެ މަތިން އެއްގޮތަކަށް ވެސް އޭނާ ހަނދާނެއްނެތެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ފިލައިގެން ދިޔައީ އެހެންވެއެވެ. ރޭގައި ގެއިން ބޭރުގައި އުޅޭން ހަދައިގެން އޭނާއާ ޒިޔަޒެލް ހަވާލުކުރި މަސައްކަތުގެ މަތިން ހަނދާންނެތުނީއެވެ.

"އަދި ނުނިމޭ" އީޝަލް ބުނެލިއެވެ.

ހެނދުނުގެ ސައި ނިންމާފައި ޒިޔަޒެލްގެ ގާތަށް ދިއުމުގެ ކުރީން އީޝަލް ރޭގައި ބޭރަށް ނުކުތް ހެދުން ދޮވެފައި ހިއްކަން އަޅަން އުޅުނެވެ. އެހެން އުޅުނު އިރު އޭނާ އުޅޭނޫޅޭ ގޮތް ފެންނަ ހިސާބުގައި ލުގަލްބަންދާ އޮތެވެ.

"އެހެންވީމަ މިރެއަކު ވެސް ބައްޕައެއް ނުހުންނާނެ... ލުގަލް... ދާރިއުސް ގާތަށް ދާންވާނެއެއްނު" އީޝަލް ބުނެލިއެވެ. އެހިނދު ލުގަލްބަންދާ ކަރުބުޑުން ލައްވާލި އަޑާއެކު މޫނު އަނބުރާލީ އެކަމާ އޭނާ އެއްގޮތަކަށް ވެސް ގަޔާނުވާކަން އެންގުމަށެވެ. އެ ޢަމަލުން އީޝަލް ބާރު ހިނިގަނޑެއް ޖަހާލިއެވެ.

"ކީއްވެތަ ލުގަލްއަށް ދާރިއުސް ކަމުނުދާންވީ، އޭނާ ބުންޏެއްނު ދެން ލުގަލްގެ ނަމުންނޭ ގޮވާނީ" އީޝަލް ބުނެލިއެވެ. އޭނާއަށް ލުގަލްބަންދާގެ ހިތުގައިވަނީ ކީކޭކަމެއް ކުޑަކޮށް ވެސް ނޭނގެއެވެ.

އަސުރުގެ ފަހުން ޒިޔަޒެލް އޭނާގެ މަސައްކަތް ފެށިއެވެ. ރަށުގެ އެކި ހިސާބުން ޖިންނީން އެ މީހުންގެ ބޭނުންތަކުގެ އަޑު އިއްވަން ޒިޔަޒެލްގެ ގާތަށް އާދެއެވެ. ބަލި މީހުން ބަލައި ފަރުވާދޭ ގަޑިއަކީ އެއީއެވެ. އެ މަސައްކަތުގައި އޭނާ އުޅެނިކޮށް އީޝަލް އައިސް ލުގަލް ބަންދާއާއެކު ބޭރަށް ދިއުމުގެ ހުއްދައަށް އެދުނެވެ. އިރުއޮއްސުމުގެ ކުރީން އެނބުރި އަންނަން އެދި ޒިޔަޒެލް ނިކަން ފަސޭހައިން ހުއްދަދިނެވެ. އޭނާ ޚާއްޞަކޮށް ލުގަލްބަންދާއާ މުޚާޠިބުކޮށް އީޝަލް ގެއަށް ގެނައުމަށް އެދުނެވެ.

ބެރެބެދިގަހުގެ ތެރެއިން ނުކުތް އީޝަލް މާކުރީން ވެސް އޮތީ އޭނާގެ މަންޒިލު ކަނޑައަޅާފައެވެ. ރޭގަނޑުގެ އަނދިރިކަމުގައި ރަށުތެރެ ފެންނަ ގޮތާއި ދުވާލުގެ އަލިކަމުގައި ފެންނަ ގޮތް ވަރަށް ތަފާތެވެ. އަތިރިމައްޗަށް ނުކުމެވުނު އީޝަލްގެ އަތުގައި ތާޅަފިލި މަލެއް އޮތެވެ. އޭގެ ފިޔަތަކާއި އިނގިލިތަކުން ކުޅެމުން އަތިރިމަތީގެ ދެފަރާތަށް އީޝަލް ނަޒަރު ހިންގާލީ އެ ހިސާބުގައި އިތުރު މަޚުލޫޤެއްގެ ހިލަމެއް ވޭތޯއެވެ. (ނުނިމޭ)