ހަބަރު

ރައީސް ޔާމީން އަދީބަށް: ގުޑް ލަކް

Dec 18, 2018
19

ސިޔާސީ މަސައްކަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ކުރިޔަށް ދެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ އަދީބާއެކު ކުރިން ވަރަށް އަރިސްކޮށް އުޅުއްވުމަށް ފަހު، ފަހުން ތުހުމަތުތަކެއް ކުރެއްވި ރައީސް އަބްދުﷲ ޔާމީން އަދީބަށް "ގުޑް ލަކް" ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ، އަދީބު ފަހަތުގައި ހުންނަވަައިގެން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ އަދީބު ޕާޓީއެއް ހެއްދެވުމަކީ އޭނާއަށް ވެސް ލިބެން ޖެހޭ ހައްގެއް ކަމަށެވެ. އަދި ޕާޓީއަށް މެންބަރުން އިތުރު ކުރުމާއި ސިޔާސީ މަސައްކަތްތައް އޭނާ އަށް ވެސް ކުރެވެން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދާ ގޮތަށް ކުރިޔަށް ދިޔުމަށް އަދީބަށް ހިތްވަރު ދެއްވާ ކަމަށާއި "ގުޑް ލަކް" ކަމަށެވެ.

"އަދީބު ޕާޓީއެއް ހެއްދެވުމަކީ އަދީބުގެ ހައްގެއް، އޭނާ ޕާޓީއެއް ހައްދަވަން ވާނެ، ޕާޓީއަށް މެންބަރުން އިތުރު ކުރެވޭތޯ ބަލަން ވާނެ އަދި އެކި ދާއިރާތަކަށް ކުރިމަތިވެސް ލާން ވާނެ، އެ ހުރިހާ ކަމެއް ކުރެވޭނެ ދެއްތޯ އޭގަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް، އަޅުގަނޑު އޭގަ ދޭނީ އަދީބަށް ދެން ސިޔާސީ އެހެން ބޭފުޅުންނަށް ދޭ ގޮތަށް ގުޑް ލަކް، ގޯ ވިތް ދަ ޕްރޮސެސް،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ދަތުރު ކުރެއްވި ލޯންޗުކޮޅު ގޮއްވާލުމުގެ މައްސަލަ ވަނީ އަދީބުގެ މައްޗައް ސާބިތުވެފަ އެވެ. އަދި ޖިނާއީ ބޮޑެތި އެހެން މައްސަލަތަކާއި އެމްއެމްޕީއާރްސީ އިން ބޮޑު ހިޔާނާތެއްވި މައްސަލައެއް ވެސް ވަނީ އަދީބުގެ މައްޗައް ސާބިތުވެފަ
އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި ޖިނާއީ ބޮޑެތި މައްސަލައެއް މިހާރު ނުހުންނާނެ ކަމަށެވެ. އެއީ އެ ހުރިހާ މައްސަލައަކީ އެކި ފަށަލައިން "ދޮވެވިގެންދާ" މައްސަލަތަކަކަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދީބަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އިރު، މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ އަދީބަކީ މި ބިމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ބޭފުޅެއް ކަމަށާއި އަދީބަކީ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން އަދީބަށް ރާއްޖޭގެ ފަސްގަނޑުގައި އެއްވެސް ހައްގެއް އޮތްތޯ ރައީސް ޔާމީން ސުވާލު އުފައްދަވާފަ އެވެެ.

އަދީބު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެން އެވެ. އޭނާ ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ އެމްޓީޑީއަށް 3000 މެންބަރުން ހަމަވެގެން މިއަދު ވަނީ ޕާޓީ ރަޖިސްޓާ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފަ އެވެ.