ކުޅިވަރު

ތާރީހީ ރެކޯޑަކާއެކު ސައިކްލޯން ގައުމީ މުބާރާތް މިލްކު ކޮށްފި

ފައިނަލުގައި ޖިބްލީ ސުޕޯޓްސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި، ކުލަބުގެ ތާރީހީ ރެކޯޑަކާއެކު ޖެހިޖެހިގެން ތިން ފަހުރު ޗެމްޕިއަންކަން ހޯދައި ސައިކްލޯން ބާސްކެޓްބޯޅަ ކުލަބުން އަންހެން ޑިވިޝަންގެ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ތަށި މިލުކު ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗު، ސައިކްލޯން ކާމިޔާބު ކުރީ 49-33 ންނެވެ. މޮޅާއެކު މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން، ސައިކްލޯން ނިންމާލީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް 100 އިން 100 ގެ ރެކޯޑަކާ އެކު އެވެ. މިއީ އެ ޓީމުގެ ތާރީހްގައި އަހަރުގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މެޗު ފެށީންސުރެ ސައިކްލޯން ދިޔައީ ލީޑްގައި ހިފަހައްޓަމުންނެވެ. މެޗު ފަށައިގެން ދެ ޓީމަށްވެސް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތި ވި އެވެ. ދެ ޓީމުންވެސް ރަނގަޅު ބޯޅަތަކެއް ފޮނުވާލި ނަމަވެސް ޕޮޓަށް ވައްޓާލެވޭ ގޮތެއް ނުވި އެވެ. ފުރަތަމަ ކްއާޓާ ނިންމާލީ، 6-4 ން ސައިކްލޯން ލީޑްގައި އޮވެގެންނެވެ.

ދެ ވަނަ ކުއާޓާގައި ސައިކްލޯން ލީޑް ކުރަމުން ދިޔަ ނަމަވެސް، ޖިބްލީ ދިޔައީ ސައިކްލޯންގެ ފަހަތުން ވަރުގަދައަށް ވިއްދަމުންނެވެ. ދެ ޓީމުގެ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. ދެވަނަ ކްއާޓާގެ ފަހު ވަގުތުގައި ޖިބްލީއަށް ލިބުނު ފުރީ ތުރާއެއްގައި، އެ ޓީމަށް ވަނީ ޕޮއިންޓްގެ ގޮތުން ސައިކްލޯންއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރަން ފުރުސަތު ލިބުނެވެ. ޖިބްލީން ފުރީތޫރޯ ފޮނުވާލި ޝިޒުނާ ރަޝީދު ފުރަތަމަ ފްރީތުރޯ މިސްވެ، ފަރަގު ކުޑަ ކުރަން ފުރުސަތު ގެއްލުނެވެ. އެހެން ނަމަވެސް އަނެއް ދެ ފްރީތޫރޯ އޭނާ ކާމިޔާބު ކުރި އެވެ. ދެ ވަނަ ކުއާޓާ ނިންމާލީ 12-10 ން ސައިކްލޯން ކުރީގައި އޮވެގެންނެވެ.

ތިން ވަނަ ކުއާޓާގައި، ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ ޖެލީނާ ބަޑީމީރުއަށް އަނިޔާވުމުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކްރިސްޓީނާ ގުނަވެޖެޔޭ ވަނީ ސައިކްލޯންއަށް ލީޑް ފުޅާ ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އޭނާ ކުޅެން ނިކުތް އިރު ސައިކްލޯން އަތުގައި އޮތީ ތިން ޕޮއިންޓްގެ ލީޑެކެވެ. ނަމަވެސް އޭނާ ބެންޗުން އަރައި ހޯދި ޕޮއިންޓްތަކުން ސައިކްލޯންގެ ލީޑް 15 ޕޮއިންޓަށް ފުޅާ ކޮށްލި އެވެ. ކްރިސްޓީނާގެ އެންމެ މޮޅު އުކުޅަކީ ކޯޓުގެ މެދެއްހާ ހިސާބު ހުރެފައިވެސް ބޯޅަ ނެޓަށް ވައްޓާލުމުގައި ހުށިޔާރު ވުމެވެ. އޭނާ މެޗުގައި ކުޅުނީވެސް 10 ވަރަކަށް މިނެޓެއް ހާއިރު އެވެ. ތިން ވަނަ ކްއާޓާ ސައިކްލޯން ނިންމާލީ 32-17 ކުރީގައި އޮވެގެން 15 ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

ހަތަރު ވަނަ ކްއާޓާގައި، ސައިކްލޯން ވަނީ ލީޑް 20 ޕޮއިންޓަށްވެސް ފުޅާ ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފަހު ކޮޅު ޖިބްލީގެ ކުޅުން ރަނގަޅު ކުރި އެވެ. އެވަގުތުގައި ޖިބްލީގެ ޓީމުން ސައިކްލޯންއަށް ވަރުގަދަ ޕްރެޝަރެއް ދިނެވެ. ސައިކްލޯންގެ ޓެމްޕޯ އެއްވަރެއްގައި ނުހިފެހެއްޓުނެވެ. ތިން ވަނަ ކްއާޓާގެ 50 ޕޮއިންޓާ ހަމައަށް ގެންދިއުމަށް ސައިކްލޯން އަށް ފުރުސަތު ލިބިފައިވެސް ބޭކާރު ވެގެން ދިޔައީ އެވެ.

ސައިކްލޯންއަށް އިރުޝާދު ދިން ޝުރީލަންކާގެ ސެލްވަރާޖާ ޝިވާސްކުތީ ބުނީ، ފައިނަލު މެޗެއްގައި ފެންނަން ޖެހޭ ހުރިހާ ޕްރެޝަރެއް މެޗުން ފެނިގެން ދިޔަ ކަމަށާއި އޭނާގެ ކުޅުންތެރިންގެ ފަރާތުން ވަރުގަދަ ރޫހެއް ފެނިގެން ދިޔަ ކަމަށެވެ. އޭނާ ޓީމާ ހަވާލުވީ ގައުމީ ލީގަށާއި ގައުމީ މުބާރާތަށެވެ. އޭނާ ބުނީ އެ ދެ މުބާރާތަށް ސައިކްލޯން ތައްޔާރު ކުރުމުގައި އޭނާ ބަރޯސާވި އެންމެ ބޮޑު ޓެކްޓިކްސްއަކީ ޓީމު ބެލެންސް ކުރުން ކަމަށެވެ. އަދި ޕްރެޝަރު މެޗެއްގައިވެސް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދެވި ކާމިޔާބު ލިބުމުން އިތުރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖިބްލީގެ ފާތިމަތު ރިޝްމާ އެވެ. އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސައިކްލޯންގެ ރައިފާ އިބްރާހިމް އެވެ.