ހަބަރު

އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް
ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ އިންޑިޔާ ދަތުރުގައި ވަނީ، އެގައުމުގެ ބޮޑުވަޒީރާއި، ރައީސާއި، ނައިބު ރައީސްގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ދަތުރުފުޅުގައި، ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި، ދެ ގައުމުގެ ފަރާތުން ރައީސް ސޯލިހުއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދަތުރުފުޅާއި ބެހޭގޮތުން ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ އެބަޔާނުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް ދަތުރުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ތިއްބެވީ އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދްގެ ހާއްްސަ މެހެމާނުންގެ ގޮތުގައި، ރާޝްތްރަޕަތީ ބަވަންގައެވެ.

އެ ދަތުރުފުޅުގައި ފޮރިންމިނިސްޓަރު އަބުދުﷲ ޝާހިދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެވެ.