ގަވައިދާ ހިލާފަށް ޕާސްޕޯޓް ހިފަހައްޓާ ކެންސަލް ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޯދަން ދައުލަތާއި ދެކޮޅަށް ދައުވާ ކުރަން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބުދުﷲ ޖާބިރު ނިންމަވައިފި އެވެ.
ޖާބިރުގެ ޕާސްޕޯޓު މިދިޔަ އަހަރު އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެން ޖާބިރު "އަވަސް"އަށް ވިދާޅުވީ، ގާނޫނާއި ހިލާފަށް އެކަން ކުރުމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެގޮތުން ޖާބިރު އަކީ ވިޔަފާރި ވެރިއަކަށް ވީ ހިނދު، ދަތުރު ނުކުރެވުމުގެ ސަބަބުން ހިނގަހިނގާ ހުރި އެތަކެއް ވިޔަފާރިއަކާއި ޕްރޮޖެކްޓް ތަކަކަށް ގެއްލުންވި ކަމަށާއި، އެކަމުގެ ސަބަބުން އާއިލާ އާއި، ވިޔަފާރިއާއި ދުރުގައި އިނގިރޭސި ވިލާތްފަދަ ޙަރަދު ބޮޑު ތަނެއްގައި އެތަކެއް ދުވަސްވަންދެން ހުންނަން ޖެހުނު ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތް ކަމުގައިވީނަމަވެސް، އެއްވެސް ރައްޔިތަކަށް ގާނޫނާއި ހިލާފަށް ދޭ އަނިޔާއަކަށް ދައުލަތުން ޒިންމާވާން ޖެހޭނެ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ޖާބިރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަން ނިންމާފައިވާ ކަމަށާއި، ގާތް ގަޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެކަމުގެ ސަބަބުން ވެފައިވާ ކަމަށެވެ. އެމައްސަލަ ހުށަހެޅުމަށްޓަކައި ގާނޫނީ ވަކީލުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދައުލަތުން ބަޔަކަށް ދޭން ޖެހޭ ފައިސާގެ ވާހަކައެއް އެއްވެސް ފަރާތަކުން ނުދައްކާކަމަށާއި، މުޅިންވެސް ދައްކަނީ އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ލާރީގެ ވާހަކަ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. ރާއްޖެއަށް ޑެމޮކްރަސީ ގެނައުމަށް ކުރި މަސައްކަތުގެ އަދަބެއްގެ ގޮތުގައި އޭނާ އަށް ދީފައިވާ ގެއްލުންތަކެއް ކަމަށާއި، އެކަމުގެ ބަދަލު ހޯދާނެކަމަށެވެ.