ހަބަރު

ބޯހިޔާވަހިކަމުގެ ވައުދު ކޮންމެހެން ވެސް ފުއްދަން ޖެހޭ: ރައީސް ނަޝީދު

ސަރުކާރުންވެފައިވާ ވަައުދުތަކުގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށާއި އެ ވައުދު ކޮންމެހެން ވެސް ފުއްދަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރަން ނިންމާފައިވާ މީކާއިލް ނަސީމްގެ ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށްވުރެ މުހިންމު އިތުރުވާހަކައެއްް ދައްކާކަަށް ނެތް ކަމަށެވެ. އަދި އެކަން ވަރިހަމަކޮށްގެންތިބޭނަމަ މިނިވަންކަމާއި، އިސްތިގުލާލެއްވެސް ނެތް ކަމަށާއި، މިނިވަންކަންވެސް ގުޅިފައި އޮތީ ހަމަޖެހުމާއި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަކީ ބާރުތަށް ވަކިކުރަން ގެނެސްފައިއޮތް އެއްޗެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ދިރިއުޅުން ރަނގަޅު ކުރަން ލިޔެފައިވާ އެއްޗެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ރައްޔިތުންގެ އަޑު އިއްވާ ގެ އެވެ. އެ ރައްޔިތުންގެ ފަރާތުން ވަކާލާތު ކޮށްދޭނެ، އަދި މަސައްކަތްކޮށްދޭނެ މެމްބަރުން ތިއްބަވާނީ އެގޭގައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ބިނާވެފައިވާން ވާނީ އެ ގެއަކީ ދިވެހިންނަށް ދިވެހިން އެދޭ އުމްމީދު ހަގީގަތަކަށް ހަދައިދޭނެ މަސައްކަތް ކުރާނެ ގެއަކަށް ހެދުމަށް. އެތަނުގައި ތިބި މެމްބަރުންނަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މެނުވީ އެއްވެސް ކަމެއް، އެއްވެސް ކަމެއް ކޮށްގެން ވާނެ ބައެއް ނޫން" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ދިހަ ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ގައުމެއް ބިނާވަމުން އަންނަތަން ފެންނަމުންދާ ކަމަށާއި، ޑެމޮކްރަޓިކް އުސޫލުތަށް ރައްޔިތުންނަށް ދަސްވަމުން އަންނަތަން ފެންނަ ކަމަށެވެ. ރައްޔިތުން ސާފުކޮށް، އަޑު ހަރުކޮށް ވައްކަން އޯކޭ ނޫން ކަމަށް ބުނަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ހާއްސަކޮށް ތިބެންވާނީ އެ މަތިވެރި އަޒުމުގައި ތިބޭ މީހުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ތަފާތު މަޖިލީހަކަށް ކަމަށާއި، އެ މަޖިލީހަށް އެމަނިކުފާނުވެސް ކުރިމަތިލައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް މަޖިލިހުގެ ބޮޑު އަގުލަބިއްޔަތެއް ލިބެންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.