ކުޅިވަރު

ޓީރެކްސްގެ މައްޗަށް ބަދަލު ހިފައި ކިންގްސް ޗެމްޕިއަނަށް

ފައިނަލުގައި، ވާދަވެރި ޓީރެކްސް އަތުން ބަދަލު ހިފައި ކިންގްސް ބާސެކެޓްބޯލް ކުލަބު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ، ކިންގްސް ބާސްކެޓްބޯލް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ގައުމީ ލީގްގައި އެންމެ ވާދަވެރިކޮށް ދިޔައީ ޓީރެކްސް އާ ކިންގުސްގެ ކުރިމަތިލުންތަކުގައެވެ. ޓީރެކްސް ގައުމީ ލީގް ޗެމްޕިއަންކަން ހޯދީ، ކިންގްސް ބަލި ކުރުމަށް ފަހު އެވެ.

ރޭ ކުޅުނު މެޗު، ކިންގުސް ކާމިޔާބު ކުރީ 87-79 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ، ކިންގްސް މައިކަލް ފޭ އެވެ. އޭނާ އަކީ މުބާރާޓުގެވެސް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ސްޓްރިންގާސްގެ މުހައްމަދު ސަބީހް އެވެ.

ކިންގްސްގެ ކާމިޔާބާ ބެހޭގޮތުން، އެ ޓީމުގެ ކޯޗް ފިލިޕީންސްގެ ފެޑްރީކޯ ސަމްސަން ބުނީ، އޭނާގެ ޓީމުގެ ކާމިޔާބަކީ، ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަން ކަމަށެވެ. އޭނާ ބުނީ މުބާރާތުގައި ކުރިން ޓީރެކްސްއަތުން ބަލިވުމުން އަލުން ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނިކުތުމުގެ ކުރިން ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

"އަހަރެމެންގެ ޗެއާމަން [މުހައްމަދު ޝަރީފް] މުންދު ޝަރީފް އަހަރެމެންނަށް ދޭ ހިތްވަރު އެއީ މި ޓީމުގެ ކުޅުންތެރިންނަށް ލިބޭ ބޮޑު އިތުބާރެއް،" ސަމްސަން ބުންޏެވެ. "މެޗަށް ނިކުތުމުގެ ކުރިން އަހަރެން ކުޅުންތެރިންނަށް އިރުޝާދު ދިނިން އަހަރެމެންގެ މޯޓިވޭޝަން ފެށުނީންސުރެ އެއްވަރެއްގައި ބަހައްޓަން، އަހަރެން ބޭނުންވި ހުރިހާ ގޮތަކަށް ކުޅުންތެރިން މަސައްކަތް ކުރި."