މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗު ކަމުން ހޯޒޭ މޮރީނިއޯ ވަކިކުރުމުން ހުސްވެފައިވާ މަގާމަށް ވަގަުތީ ގޮތުން، ކުރިން ޔުނައިޓެޑްގެ އެކެޑަމީ ކޯޗުކަން ކުރި ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ ހަމަޖައްސަން ޔުނައިޓަޑުން ތައްޔާރު ވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ދަ ގާޑިއަންއިން ރިޕޯޓް ކޮށްފައިވާ ގޮތުން، ކުރިން ޔުނައިޓަޑަށް ކުޅުނު ފޯވަޑް ސޮލްޝަޔާ އެ ޓީމުގެ ވަގުތީ ކޯޗަކަށް ގެންނާނެކަން ގާތްގަނޑަކަށް ޔަގީނެވެ. ޔުނައިޓެޑަށް 1996 ން 2007 ވަނަ އަހަރާ ހަމައަށް ކުޅުނު ސޮލްޝަޔާ ވަނީ 230 ވުރެ ގިނަ މެޗުގައި ޔުނައިޓަޑަށް ކުޅެފަ އެވެ. ދެހާސް ހަތް ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ޖެހިގެން އައި 2008 ވަނަ އަހަރު އޭނާ ހަވާލުވީ ޔުނައިޓަޑްގެ އެކެޑެމީ ކޯޗު ކަމާ އެވެ.
ކުރިން ކާޑިފް ސިޓީއަށް ވެސް ކޯޗު ކޮށްދިން ނަމަވެސް އޭނާއަށް އެޓީމާއެކު އެކަށީގެންވާ ކާމިޔާބެއް ނުހޯދުނެވެ. ކޯޗު ކަމާ ހަވާލުވިތާ ހަތަރު މަސް ފަހުން އެ ޓީމުގެ ކޯޗު ކަމުން އޭނާ ވަކި ކުރި އެވެ. އޭނާ ކޯޗު ކޮށްދިން 30 މެޗުގެ ތެރެއިން 16 މެޗުން ވަނީ ބަލިވެފަ އެވެ. މޮޅުވީ ފަސް މެޗުންނެވެ. މީގެކުރިން އިންޓަވިއުއެއްގައި ސޮލްޝަޔާ ބުނީ ޔުނައިޓަޑަށް ކޯޗު ކޮށްދިނުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. ޔުނައިޓަޑުން އޭނާ ގެންނާނީ، މި ސީޒަން ނިޔަލަށެވެ.
ދާއިމީ ކޯޗަކަށް ގެނައުމަށް ޔުނައިޓަޑުން އެންމެ ބޭނުންވާ ނަމަކީ، ޓޮޓެންހަމްހޮޓްސުޕާގެ މިހާރުގެ ކޯޗް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ އެވެ. އެހެންނަމަވެސް، ޓޮޓެންހަމް އާއެކު އޭނާގެ ފަސް އަހަރު ދުވަހުގެ އެއް ބަސްވުމެއް އެބައޮތެވެ. ޔުނައިޓަޑުން ޕޮޗެޓިނޯ ގެންދާނަމަ ބަދަލުގެ ގޮތުގައި ޓޮޓެންހަމް އަށް 8.5 މިލިއަން ޕައުންޑް ދޭން ޖެހޭނެ އެވެ.
ޔުނައިޓަޑުން، ޕޮޗެޓިނޯ ގެންދަން އެންމެ ބޮޑަށް ބޭނުންވާ ސަބަބަކީ، އޭނާއަކީ އިނގިރޭސި ފުޓްބޯޅައަށް ފަރިތަ ކޯޗަކަށް ވެފައި ޓޮޓެންހަމް އާއެކު އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި ދަމަހައްޓާ ޑޮމިނެންސް އެވެ. ސައުތުހެމްޓަންގައިވެސް މީގެ ކުރިން އޭނާ ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
މެންޗެސްޓާ އަށް އޭނާ ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިއްޔަ އޭނާ އާ ސުވާލު ކުރުމުން އެކަމަށް އިންކާރު ކޮށްފައެއް ނުވެ އެވެ. "ތިކަހަލަ ސުވާލުތަކަކަށް އަހަންނަކަށް ޖަވާބެއް ނުދެވޭނެ،" ޕޮޗެޓިނޯ ބުންޏެވެ. "ސަބަބަކީ ފުޓްބޯޅައިގެ މި އިންޑަސްޓްރީގައި ތިކަލަ ރޫމާސްތައް ފެތުރޭނެ."
ޕޮޗެޓިނޯ ދޫކޮށްލަން ޓޮޓެންހަމްއިން ބޭނުން ނުވެއްޖެނަމަ ޔުނައިޓަޑުގެ ލިސްޓްގައި ދެން ހިމެނޭ ނަމަކީ، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒައިނުއްދީން ޒިދާން އެވެ. ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގް ހޯދައި ދިނުމަށް ފަހު، މިއަހަރު ޖޫން މަހު ޒިދާން ވަނީ ރެއާލްގެ ކޯޗު ކަމުން އަމިއްލައަށް ވަކި ވެފަ އެވެ.