ކުޅިވަރު

އަންނަ އަހަރަށްފަހު ރިޓަޔާ ކުރާނެކަން ބާސްކެޓް ތަރި ޒިލާ އިއުލާންކޮށްފި

ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބާސްކެޓްބޯޅަ ސީޒަނަކީ އޭނާ ބާސްކެޓް ކުޅޭނެ އެންމެ ފަހު އަހަރު ކަމަށް ބުނެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ޒިލާލް 'ޒިލާ' ގެ ރިޓަޔާމެންޓް އިއުލާން ކޮށްފި އެވެ.

މަޖީދިއްޔާ ސުކޫލްގައި ކިޔަވަމުން، 2002 ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޒިލާ ބުނީ، މި ވަގުތަކީ އޭނާގެ ރިޓަޔާމެންޓް އިއުލާން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މިހާރު އުމުރުން 32 އަހަރުގެ ޒިލާ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން އަހަރު ހޯދާފަ އެވެ.

އިންޓަ ސްކޫލުން ފެށިގެން ބާސެކްޓް ބޯޅައިގެ ތެރެއަށް ވަން ޒިލާ، އޭނާގެ ކުލަބު ކެރިއާ ފެށީ ޔުނިޓުއާސް ކުލަބުންނެވެ. ކުލަބު ކެރިއާގެ ފުރަތަމަ އަހަރުވެސް އޭނާ ފެށުން ކާމިޔާބެވެ. ފުރަތަމަ އަހަރު އޭނާ ވަނީ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. ޔުނިޓްއާސްގައި ދެއްކި ކުޅުމާއެކު ކުރިން ބާސްކެޓް ކުޅުނު އަދި އެ ކުޅިވަރުގައިވެސް ގަދަ ބާރެއްގެ ގޮތުގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބުން ޒިލާގެ ސޮއި ހޯދީ ރާއްޖޭގެ ބާސްކެޓްގައި ވަރުގަދަ ތަރިއަކަށް އޭނާ ވާނެކަން އެ ކުލަބުގެ މެނޭޖުމެންޓަށް ފާހަގަވުމުންނެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބޭއްވި، ފީބާ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ރާއްޖެއަށް ކޮލިފައި ނުވެވުނު ނަމަވެސް ދެ ވަނަ މަގާމާއެކު އެ ޓީމުން ރާއްޖެ އާއި ކޮލިފިކޭޝަންގެ ރިހި ތަށި ހިފައިގެންނެވެ. އެ މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަކީ ޒިލާގެ ކެރިއަރުގެ އެންމެ ހާއްސަ މެޗަށް ވާނެ އެވެ. ބަންގްލަދޭޝް އާ ދެކޮޅަށް ކުޅުނު މެޗުގައި، ޒިލާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.

"އެއީ ވަރަށް ހާއްސަ މެޗެއް، ރިހި މެޑަލާ ހަމައަށް ދެވުނީ އެ މެޗުން، އަޅުގަނޑަށްވެސް އެ މެޗުގައި ވަރަށް ރަނގަޅަށް ކުޅެވުނު." ޒިލާ ބުންޏެވެ.

ނަމަވެސް އެއީ އޭނާގެ ކާމިޔާބުގެ ކެރިއަރުގައި ފާހަގަ ވެގެންދާނެ ހަމައެކަނި ވަގުތެއް ނޫނެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ސަބާ ޗެމްޕިއަންޝިޕްގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އޭނާގެ ނަން ހިމެނުނެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2011 ވަނަ އަހަރު 'ތީރީ އޮން ތިރީ' ބާސެކްޓް ބޯޅަ މުބާރާތުގައި ލޯ މެޑަލް ހޯދުމަކީ ޒިލާގެ 16 އަހަރުވީ ދިގު ކެރިއަރުގައި އެންމެ ކުލަ ގަދަ އުސްއަލި ތަކެވެ.

އަންނަ އަހަރަށް ފަހު ރިޓަޔާ ކުރި ނަމަވެސް، ޒިލާގެ ހިތް ގުޅިފައި ވަނީ ބާސްކެޓަށެވެ. އޭނާގެ ހަޔާތްވެސް ގުޅުވާލީ ބާސްކެޓްގެ ތަރިއަކަށެވެ. ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ބާސްކެޓް ކުޅުންތެރިޔާ ފާތިމަތު ރިޝްމާގެ ފިރިމީހާ ޒިލާ ބުނީ، އަންނަ އަހަރަށް ފަހު ކުޅުން ހުއްޓާލިނަމަވެސް އޭނާ ބާސްކެޓާ ދުރު ނުވާނެ ކަމަށެވެ.

"ރިޓަޔާ ކުރިނަމަވެސް އަޅުގަނޑު އެންމެ ލޯބިވާ ކުޅިވަރާ ދުރެއް ނުވާނަން،" މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރުގެ ބޭބެ ބުންޏެވެ. "އާ ކުޅުންތެރިން ބާސްކެޓްގެ ތެރެއަށް ނެރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން."

ޒިލާ ވަނީ ކުޅިވަރުގެ ދެ ދާއިރާއަކުން ގައުމީ އިނާމު ހާސިލު ކޮށްފަ އެވެ. ކުޅިވަރު ކުޅުމުން ގައުމީ އިނާމު 2011 ގައި، އަދި ކުޅިވަރުގެ މީހުން ތަމްރީން ކުރުމުން 2016 ވަނަ އަހަރު އޭނާ ވަނީ ގައުމީ އިނާމު ހާސިލު ކޮށްފަ އެވެ. މި އަހަރުގެ ބާސްކެޓް ސީޒަން އޭނާ ނިންމާލީ، ގައުމީ މުބާރާތް ކިންގްސްއަށް ކާމިޔާބު ކޮށްދިނުމަށް ފަހު އެވެ.