ހަބަރު

ރާއްޖެއިން ހޮންކޮންގަށް ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

Dec 19, 2018

ރާއްޖޭގައި ހިލޭ ޗުއްޓީ އެއް ދޭނެ ކަމަށް ބުނެ އޭގެ ބަދަލުގައި ހަތް ކިލޯގެ މަސްތުވާތަކެތި އެތެރުކުރަން އުޅުނު ތިން ހޮންކޮންގްގެ ރައްޔިތުން އެ ގައުމުން ހައްޔަރުކޮށްފި އެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓް ނޫހުގައި ބުނެފައިވާ ގޮތުން، 21 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން، 21 އަހަރުގެ އަންހެނަކު، ހޮންކޮންގް އެއާޕޯޓުން އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ހެނދުނެވެ.

ހޮންކޮންގް ފުލުހުންނާއި ހަވާލާދީ އެ ނޫހުން ބުނީ، ވަކިވަކި 16 ޕެކެޓެއްގައި ބަންދުކޮށްފައިހުރި މަސްތުވާތަކެތި ފޮރުވާފައިހުރީ، އެ ދެ ފިރިހެނުންގެ ސޫޓު ކޭސްތަކުގައި ކަމަށާއި، އެތަކެތީގެ އަގު އެއް މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށެވެ.

"އަހަރެމެންނަށް ބެލެވޭ ގޮތުގައި، އެ މީހުން ހަޔާ ކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު، ރާއްޖެއިން ހޮންކޮންގްއަށް މަސްތުވާތަކެތި އެތެރުކުރަން،" ސީނިއާ އިންސްޕެކްޓާ ޗާން މެއިޝީ އެ ނޫހަށް ވިދާޅުވެފައިވެ އެވެ.

"އެ ތިން މީހުންނަށް ވެސް ވަނީ ރާއްޖެ އެނބުރިދާން ޓިކެޓްގެ އިތުރުން، ހިލޭ ހުރުމާއި ކެއުން ދޭނެކަމަށް ބުނެފައި."

ފުލުހުން އިތުރަށް ބުނީ އެ ތިން މީހުންނަށް 1،000-6،000 އެމެރިކާ ޑޮލަރާއި ދެމެދުގެ ފައިސާގެ ހަދިޔާއެއް ދީފައިވާ ކަމަށެވެ.