ހަބަރު

އާ ދެ ޕާޓީގެ ޖަލްސާ ބާއްވަން ހުއްދަދީފި

އަލަށް އުފެއްދަން ހުއްދަ ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން 3000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު އެ 3000 މެންބަރުންގެ ތެރެއިން 300 މެންބަރުން ބައިވެރިކޮށްގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.

އީސީ އިން ބުނީ، އަލަށް އުފެއްދުމަށް ހުއްދަ ދީފައިވާ ދެ ޕާޓީއަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ލޭބާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. އޭނާ ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޖަސްޓިސްގެ ނަމުގައި އެ ޕާޓީ އުފައްދާށެވެ. ނަމަވެސް އެ ނަމުގައި ޕާޓީ އުފެއްދުމަށް އީސީ އިން ހުއްދައެއް ނުދިނެވެ. އެ ޕާޓީ އިން 3000 މެންބަރުން ހަމަކޮށް އީސީއަށް ހުށަހަޅާފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އެމްޓީޑީ އަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްގެ ޕާޓީ އެކެވެ. އެ ޕާޓީ ހަދަން ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ޕާޓީގެ ފުރަތަމަ މެންބަރުގެ ގޮތުގައި ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ވަނީ ސޮއި ކުރައްވާފަ އެވެ. އެޕާޓީ އިން 3000 މެންބަރުން ހަމަކޮށް އީސީއަށް ހުށަހަޅާފައިވަނީ އިއްޔެ އެވެ.

މި ދެ ޕާޓީއަޢް ޖަލްސާ ބޭއްވުމުގެ ހުއްދަ ދިން އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ޕާޓީއެއް ހެދުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.