މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީން ވެސް 3،000 ފޯމު ހަމަކޮށްފި

Jun 13, 2022

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިންވެސް 3،000 މެންބަރުން ހަމަކޮށް މެންބަޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނައަށް އުފެއްދި ޕާޓީ -- ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

މި ޕާޓީތަކުން 3،000 މެންބަރުން ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީތަކަށް މިދިޔަ މާޗް މަހުގެ ތެރޭގައި ނޯޓިސް ފޮނުވާ މުއްދަތެއް ދިނެވެ.

އީސީގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ 3،000 މެންބަރުން ހަމަކުރަން ޕާޓީ ތަކަށް މިއަދުގެ ނިޔަލަށް ދިން މުއްދަތުގައި އެމްއާރްއެމްއާއި އެމްޓީޑީ އިން މެންބަރުން ހަމަކޮށް މެންބަޝިޕް ފޯމުތައް ހުށަހަޅާފައިވާ ކަމަށެވެ. އެމްއާރްއެމް އާއި އެމްޓީޑީގެ ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށާއި އެ ދެ ޕާޓީން 3،000 މެންބަރުން ހަމަކޮށްފައިވާތީ އުވާލާ ޕާޓީތަކުގެ ތެރޭގައި އެ ދެ ޕާޓީގެ ނަން މިހާރު ނުހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

"ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުކުރާ ޕާޓީތަކުން އެ އަދަދަށް މެންބަރުން ހަމަކުރަން ފުރުސަތު ދިނުމަށްފަހު އަޅުގަނޑުމެން ޖެހޭނީ ގާނޫނުގައިވާ ހަމައާއި އުސޫލުގެ ތެރެއިން 3،000 މެންބަރުން ނެތް ޕާޓީތައް އުވާލަން. އެގޮތުން ދިން ފުރުސަތު އެވަނީ ހަމަވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

ނޯޓިސް ފޮނުވި އެހެން ޕާޓީ ތަކުން ވަނީ 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ. ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާތީ 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދެވެން ނޯންނާނެ ކަމަށްވެސް އިލެކްޝަނުން ޕާޓީ ތަކަށް އަންގާފައިވެ އެވެ.

އެމްއާރްއެމް އިން ތުހުމަތުކުރާ ގޮތުގައި އެ ޕާޓީގައި އަބަދުވެސް 3،000 މެންބަރުން ތިބޭނެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވިއިރު އެމްއާރްއެމްގައި ތިބީ 2،300 މީހުންނެވެ. އެމްޓީޑީގައިި ތިބީ 2،489 މީހުންނެވެ. އެމްއާރްއެމް އިން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު ދަށްވީ އެ ޕާޓީގެ މެންބަރުންތަކެއް އެ މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ގެންދިއުމުންނެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.