މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އެމްޓީޑީގެ ނަމާއި ކުލަ ކޮޕީ ނުކުރަން އެދިއްޖެ

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފައްދަން މަސައްކަތް ކުރާ -- "ދަ ޑިމޮކްރެޓްސް" އިން، ކުރީގެ ނައިބްރައީސް އަހްމަދު އަދީބް ރައީސްކަން ކުރައްވާ މޯލްޑިވްސް ތާޑުވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ނަމާއި ކުލަ ކޮޕީކޮށްފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

އެމްޓީޑީން މިއަދު ބުނީ އެ ޕާޓީގެ ފަލްސަފާ އާއި، ނަމާއި، ފިކުރާއި، އަދި ކުލަ އަކީ އެ ޕާޓީގެ ރައީސް އަދީބް ދޫނިދޫ ޖަލުގައި އެކަހެރި ގޮޅިއެއްގައި ބަންދުކޮށްފައި ހުރިއިރު ހިޔާރުކުރި އެއްޗެހި ކަމަށެވެ.

އެމްޓީޑީގެ ނަމުގެ ގޮތުގައި ތާޑުވޭ ޑިމޮކްރެޓްސް ހިޔާރުކުރީ އެ ޕާޓީއަކީ ސެންޓްރިސްޓް ޑިމޮކްރެޓިކް ސިޔާސީ ފިކުރުތައް ފުރިހަމައަށް ގަބޫލުކުރާ ޕާޓީއަކަށް ވާތީ ކަމަށްވެސް ބުންޏެވެ.

"އަދީބު ސްކައި ބްލޫ ހިޔާރުކުރީ ތިން އަހަރު ވަންދެން އޭނާގެ ގޮޅިން ފެންނަ ހަމައެކަނި އުއްމީދަށް ވާތީއެވެ." އެމްޓީޑީގެ ބަޔާނުގައިވެ އެވެ.

އެމްޓީޑީން އިތުރަށް ބުނީ އެޕާޓީގެ މެންބަރުންނަށް އުފާވެރިކަން ލިބެނީ އާ ސިޔާސީ އެހެން ޕާޓީތަކުގެ ނަންތަކާއި ކުލަތައް އެމްޓީޑީގެ ތެރެއިން "އިންސްޕަޔާ" ވެފައިވާތީ ކަމަށެވެ. ނަމަވެސް އާ ސިޔާސީ ޕާޓީތައް އުފައްދާއިރު އެހެން ޕާޓީތަކުގެ ނަންތަކާއި ކުލަތައް ކޮޕީ ނުކުރުމަށްވެސް އެމްޓީޑީން ގޮވާލާފައިވެ އެވެ.

އެމްޓީޑީގެ ނަމާއި ކުލަ ކޮޕީ ނުކުރަން އެ ޕާޓީން އެދިފައި މިވަނީ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ ޓީމުން އުފައްދަން މަސައްކަތް ކުރާ ޕާޓީގެ ނަމުގެ ގޮތުގައި "ދަ ޑިމޮކްރެޓްސް"ގެ ނަން ބޭނުންކޮށްފައިވާތީއާއި ކުލައިގެ ގޮތުގައި މަޑުނޫކުލައެއް ބޭނުންކުރާތީ އެވެ.

ދަ ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ދަ ޑިމޮކްރެޓްސް އިން ބޭނުންކުރާ ކުލަ އެ ޕާޓީން ބޭނުންކުރަން ހުއްދަ ދިނުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު އަވަސްއަށް ވިދާޅުވީ އެމްޓީޑީ ކަންބޮޑުވުންތައް ރަސްމީކޮށް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށެވެ. އެމްޓީޑީގެ ކުލައާއި ނަން ރަޖިސްޓްރީކޮށްފައިވާ ޕާޓީއަކުން ބޭނުން ނުކުރާ ކަމަށާއި އަލަށް ޕާޓީއަކުން އެމްޓީޑީގެ ނަމާއި ކުލަ ބޭނުންކުރާ ކަން އެނގޭނީ 3،000 މެންބަރުން ހަމަކޮށް އެ ޕާޓީއަކުން ނަމާއި ކުލަ ރަޖިސްޓްރީކުރަން ހުށަހެޅުމުން ކަމުގައިވެސް ހަބީބް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެ މައްސަލަ ރަސްމީކޮށް ލިބުނީމާ އަޅުގަނޑުމެން އެކަމުގައި އުޅޭނަން،" ހަބީބް ވިދާޅުވި އެވެ.