ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުން ހުރިހާ ދާއިރާއަކަށް ވާދަކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލްގައި ވަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ.

ކައުންސިލް ބައްދަލުވުމުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން ދަ ޑިމޮކްރެޓްސްގެ މަސްއޫލުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް ކުރިމަތިލުމަށް ނިންމާފައިވީ ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓުމަށް އެ ޕާޓީން ކުރާ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 76 މެންބަރުންނަށް މަދުކޮށް، އެ އަދަދު ބަދަލުނުވާނެ ގޮތް ހެދުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ.

"ގާނޫނުއަސާސީއަށް ހުށަޅުއްވާފައި އޮތް އިސްލާހުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަން ކުޑަކުރަން ކުރެވޭ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީން ރައްޔިތުންގެ މަޖިލީހުގައިވެސް އެހެން ތަންތަނުގައިވެސް ކުރަމުން ގެންދާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިމެނެނީ 87 މެންބަރުންނެވެ. އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 93 މެންބަރުން ހޮވާނެ އެވެ.