ދިވެހި ސިނަމާ

އެމްއެފްއޭގެ ބޯޑު މިފަހަރު ވާނީ ކޮންކަހަލަ ޑްރާމާއަކަށް!

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ އެގްޒެކެޓިވް ބޯޑުގެ ގިނަ މަގާމުތަކަށް މިފަހަރު ވެސް ކުރިމަތިލާފައި ވަނީ މީގެ ކުރިން ފިލްމުތަކުން ފެނި މި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މޫނުތަކެވެ. އަންނަ އަހަރުގެ ބޯޑަށް މީހުން ހޮވަން ތައްޔާރު ވަމުން އަންނަ އިރު ކުރީގެ ބޯޑުތަކުގައި ވެސް ގިނައިން ހިމެނިފައިވަނީ ފިލްމީ ތަރިންނެވެ. އެހެންވެ ސުވާލަކީ އާ ބޯޑާއެކު އާ އަހަރުގެ ފެށުން ރަނގަޅުވާނެ ބާއެވެ؟

އެމްއެފްއޭގެ އޮފިޝަލް ފޭސްބުކް ގްރޫޕުގައި އަންނަ އަހަރުގެ ބޯޑަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް މިހާރު ހިއްސާކޮށްފައި އެބަ އޮތެވެ. އެ ބޯޑުގެ ހަތް މަގާމަކަށް ހުޅުވާލާފައިވާއިރު، ކޮންމެ މަގާމަކަށްވެސް މަދުވެގެން އެއް ފިލްމީތަރިއެއް ކުރިމަތިލާފައި ވެއެވެ. ޗެއާ އާއި ވައިސް ޗެއާ އާއި ހަޒާންދާރު އަދި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އާއްމު ތިން މެމްބަރުން ހިމެނޭ ބޯޑުގެ ވޯޓު ނެގުން އޮންނަނީ މި މަހު 27 ވަނަ ދުވަހު އެވެ.

ފަސް މެމްބަރުންނާއެކު ވޯޓަކުން ހޮވާ މި ބޯޑުގެ ބޭނުމަކީ ފިލްމީ ދާއިރާގެ ކަންކަން ބަލަހައްޓައި ފުރުސަތުތައް ފަހި ކޮށްދިނުމެވެ.

ނަމަވެސް ބޯޑު މެމްބަރުންނާއެކު ފިލްމީ ދާއިރާއަށް އިތުރު ކުރިއެރުމެއް ނުލިބި، ބޯޑުގެ ހަގީގީ މަގުސަދު ހާސިލް ނުވާ ކަމުގެ ޝަކުވާތައް އޮވެ އެވެ.

އެންމެ ފަހުގެ ބޯޑުގެ ޗެއާ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ބެލުމުގެ ދަށުން އެ އައަހަރު މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް އޭނާ އަމިއްލައަށް ވެސް މީޑިއާގައި ވަނީ އިއުތިރާފްވެފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ބޯޑުގައި މުހައްމާގެ އިތުރުން، އަބުދުﷲ (މުއާ) މުއާ އާއި މުޙައްމަދު މަނިކާއި، ނެށުންތެރިޔާ ޖާދުﷲ (ޖާދު) އާއި، ހުސައިން ނޫރައްދީ (ނޫރު) އަދި ޢަބްދުﷲ މާހިރު (މާއްޓޭ) ގެ އިތުރުން އެކްޓަރު އިބްރާހީމް ރިޔާޟް ހިމެނެ އެވެ.

ފިލްމު އެސޯސިއޭޝަން ބޯޑުގެ ގާބިލިއްޔަތު ކަމާމެދު ސުވާލު އުފައްދާ މީހުންނަށް ގޮންޖަހާލާ ރައްދު ދިނުމަށް އަލަށް އިންތިހާބުވާ ތަރިންނަށް އަނެއްކާ ވެސް މިއޮތީ ފުރުސަތެއް ލިބިފަ އެވެ. ފިލްމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކޮށް އެ ދާއިރާގެ ކަންކަން އެނގޭ މީހުން، ދާއިރާ ބަލަހައްޓާ ބޯޑެއްގައި އިސްވެ ތިބުމަކީ ރަނގަޅެކެވެ.