ބޮލީވުޑް

ދީޕިކާގެ އާ ފިލްމުގައި ތަފާތު ރޯލެއް

އެސިޑްގެ ހަމަލައަކުން ސަލާމަތްވެފައިވާ، ލަކްސްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހެދުމަށް ނިންމައި، ލަކްސްމީގެ ރޯލު ކުޅުމަށް ކުޅަދާނަ އެކްޓަރު ދީޕިކާ ހަމަ ޖައްސައިފި އެވެ. ދީޕިކާ މިކަހަަލަ ތަފާތު ރޯލަކުން ފެންނަ މިއީ ފުރަތަމަ ފަހަރެވެ.

"ޗަޕާކް" ކިޔާ މި ފިލްމުގައި ދީޕިކާއާއެކު ލީޑުން ފެންނާނީ ވިކްރަންތު މަަސޭ އެވެ. ވިކްރަންތު މަސޭ އަކީ ހިންދީ ޑްރާމާތަކުން ބޮލީވުޑްގެ ތެރެއަށް ވަދެ "ދިލް ދަޑަކްނޭ ދޯ" އިން އާންމުންގެ މަގުބޫލުކަން ހޯދި ފަންނާނެކެވެ. "ޗަޕާކް" ގައި ވިކްރަންތު ކުޅޭނީ ދީޕިކާއާއެކު އެސިޑް އެޓޭކާ ދެކޮޅަށް ތެދުވާ އެކްޓަރެއްގެ ރޯލުކަން އިންޑިއާގެ އައިއޭއެންއެސް އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މޭގްނާ ބުނެފައިވެ އެވެ.

މި ފިލްމުގައި ދީޕިކާ ކުޅޭ ލަކްސްމީ އަގަރުވާލަކީ ޓީވީ ޝޯ ހޯސްޓެކެވެ. އަދި "ސްޓޮޕް އެސިޑް އެޓޭކްސް" ގެ ކެމްޕެއިނާ އެވެ. އަދި އެސިޑް އެޓޭކުން ސަލާމަތް ވެފައިވާ މީހުންނަށް ހާއްސަކޮށް އުފައްދާފައިވާ އެންޖީއޯގެ ޑިރެކްޓަރު، ލަކްސްމީ އަށް އެންޑީވީއިން ވަނީ އިންޑިއަން އޮފް ދަ އިޔާގެ ލަގަބު ވެސް ދީފަ އެވެ.

އަންނަ އަހަރުގެ މާޗު މަހު ފިލްމުގެ ޝޫޓިން ފަށަން ހަމަޖައްސާފައިވާއިރު ފުރިހަމަ ކާސްޓާއި ފިލްމުގެ ރިލީޒް ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ. "ޗަޕާކް" ގައި ފިލްމުގެ ބަތަލާގެ ރޯލުން ފެނުމުގެ އިތުރަށް މޭގްނާ އާއެކު ފިލްމު ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާ ވާނެ އެވެ. މިއީ ފިލްމު "ޕަދްމާވަތު" އަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމެވެ. އަދި ކައިވެންޏަށް ފަހު ދާއިރާއަށް ނުކުމެ ކުޅޭނެ ފުރަތަމަ ފިލްމަކީ ވެސް މިއީ އެވެ.