ދުނިޔެ

ސީރިއާގައި ތިބި އެމެރިކާ ސިފައިން ފައިބަން ޓްރަމްޕް އަންގަވައިފި

Dec 20, 2018

ވޮޝިންގްޓަން (ޑިސެމްބަރު 19) - ސީރިއާގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއްކަމަށް އިސްލާމިކް ސްޓޭޓް (އައިސިސް) އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބުވެއްޖެކަމަށް ވިދާޅުވެ، އެ ގައުމުގައި ތިބި އެމެރިކާ ސިފައިން ފައިބަން ރާއީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި އެވެ.

"އަހަރެމެން މި ވަނީ އައިސިސްގެ މައްޗަށް ކާމިޔާބު ހޯދައިފަ، އެއީ އެތަނުގަ [ސީރިއާ] އަހަރެމެން ތިބި ހަމައެކަނި ސަބަބަކީ،" ޓްރަމްޕް ބުދަ ދުވަހު އިއުލާނު ކުރެއްވި އެވެ.

ސީރިއާގައި ގާތްގަނޑަލަށް 2،000 އެއްހާ އެމެރިކާ ސިފައިން ހަރަކާތްތެރިވާއިރު، ޓްރަމްޕްގެ ކުއްލި ނިންމެވުމާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ބައެއް އޮފިޝަލުންވެސް ވަނީ އެކަމަށް ފާޑުވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނީ، ޓްރަމްޕް އެ ގޮތަށް ނިންމެވި ނަމަވެސް، ސީރިއާގައި ތިބި އެމެރިކާ ސިފައިން އެންމެ އަވަހަށް ވެސް ބޭލޭނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ.

އެމެރިކާއިން ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނީ 2014 ވަނަ އަހަރު އެވެ.

އެ ނިންމެވުމަށްފަހު، ޓްވިޓާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ޓްރަމްޕް ވިދާޅުވީ، ސީރިއާގައި މަރުވާ އެމެރިކާ ސިފައިންގެ އާއިލާތަކަށް އެ ހަބަރު ދޭންޖެހުމަކީ އެމަނިކުފާނަށް ވަރަށް ހިތްދަތި ކަމެއް ކަމަށެވެ.

"އެހެންވީމަ، ސީރިއާގައި ތިބި އަޅުގަނޑުމެންގެ ސިފައިން އަނބުރާ ގައުމަށް ގެނައުމުގެ ވަގުތު މިވަނީ ޖެހިފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ސީރިޔާގައި ހިނގަމުންދާ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރިވެއެވެ. އެހަނގުރާމައިގައި ހަލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.