ރެއާލް މެޑްރިޑް

ބޭލްގެ ހެޓްރިކުން ރެއާލް ކުލަބު ވޯލްޑްކަޕު ފައިނަލަށް!

ސެމީ ފައިނަލުގައި، ވޭލްސްގެ ފޯވަޑް ގެރެތު ބޭލް ކާމިޔާބު ކުރި ހެޓްރިކުން ޖަޕާންގެ ކަށިމާ އެންޓްލާސްގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ކުލަބު ވޯލްޑް ކަޕު ފައިނަލަށް ދަތުރު ކޮށްފި އެވެ.

އަރަބި އެމިރޭޓްސްގެ އަބޫދާބީގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލަށް ރެއާލް ނުކުތުމުގެ ކުރިން، ބޭލްގެ ފިޓްނަސްއާ މެދު ސުވާލު އުފެދުނެވެ. އެހެންނަމަވެސް ރޭ ހެޓްރިކް ހަދައި އޭނާ ވަނީ އޭނާ ފިޓް ކަމަށް ސާބިތު ކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ރެއާލްއިން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެންމެ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނެވެ. ލަނޑު ޖެހުމުގެ ކުރިން ބޭލް އާއި ކަރީމް ބެންޒެމާއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުގައި، ބޭލް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، މާސެލޯ އާ ދެ ކުޅުންތެރިން ކޮމްބިނޭޝަން ބޭނުން ކޮށްގެން އުފެއްދި ވަން ޓޫ ޕާހެއްގައި ތަނަވަސް ކުރި ބޯޅައިންނެވެ.

ދެވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި، ބޭލް ލަނޑު ޖެހީ، ކަށިމާގެ ޑިފެންސަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ކަށިމާގެ ކުޅުންތެރިން ފަހަތަށް ދިން ބޯޅަ އެ ޓީމުގެ ޑިފެންޑަރު ޝޫޓޯ ޔަމަމޯޓޯ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ބޯޅަ، އޭނާ އަށް ވުރެ ކުރިން ބޭލް ވަނީ ހޯދާފަ އެވެ. ބޭލް ބޯޅަ ލިބުމުން، އެ ބޯޅަ ދިފާއު ކުރުމަށް ކަށިމާގެ ކީޕަރު ޝުން ޓޭ ނިކުތުމުން ބޭލް އަށް ހުހަށް އޮތް ގޯލް ލިބުނެވެ. އޭނާ ވަނީ ޝުންޓޭއަށްވެސް ފުރުސަތު ނުދީ، ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

އޭގެ ދެ މިނެޓް ފަހުން، ބޭލް ހެޓްރިކް ހެދީ އޭރިއާ ބޭރުގައި ހުރެފައި މާސެލޯ ދިން ބޯޅަ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. ކަށިމާގެ ލަނޑު ކާމިޔާބު ކުރީ ޝޯމާ ޑޮއި އެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ރެއާލް ވާދަ ކުރާނީ އެމިރޭޓްސްގެ އަލް އައިން އާ ދެކޮޅަށެވެ.