ރާއްޖެ ކުޅިވަރު

އިމްރާންގެ ޓީމުގައި ކައްޕި އާއި ދަގަނޑޭ

ރާއްޖޭގެ ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު 17 އަހަރުގެ ހިދުމަތަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރުމުން އޭނާއަށް ހާއްސަކޮށް ކުޅޭ ޝަރަފުގެ މެޗުގައި ގައުމީ ޓީމުގައި އޭނާގެ ފުރަތަމަ ކެޕްޓަން މުހައްމަދު އިބްރާހިމް 'ކައްޕި' އާއި އޭނާގެ އެންމެ ފަހުގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' ހިމަނައިގެން އިމްރާންގެ ޓީމު އެކުލަވާލައިފި އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށީ، 2000 ވަނަ އަހަރު އެވެ. އޭނާގެ ފުރަތަމަ މުބާރާތަކީ، ރާއްޖޭގެ ފުޓްބޯޅައަށް 50 އަހަރު ފުރުމާ ގުޅިގެން ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތެވެ. އިމްރާންގެ ޓީމުގައި އޭނާ ހިމަނާފައިވާ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހް ބަދަލު ކުރި އަލީ އަޝްފާގް 'ދަގަނޑޭ' އެވެ.

އަޝްފާގް ގައުމީ ޓީމަށް ކުޅެން ފެށީ، 2003 ވަނަ އަހަރު އެވެ. އޭރު ޒުވާން އަޝްފާގަށް މަގު ދައްކަން ތިބި ޓީމުގެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި އިމްރާންގެ ހިމެނެ އެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އަޝްފާގް އާއި އިމްރާން ހިމެނެ އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭރު ގައުމީ ޓީމުގެ ކެޕްޓަނަކަން ކުރި ކައްޕި ވަނީ ފަހުން އިމްރާން އާއެކު ގިނަ ދުވަސްތަކެއް ވަންދެން ވިކްޓަރީއަށްވެސް ކުޅެފަ އެވެ.

ދެހާސް ތިން ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރު ކުރިއިރު، އިމްރާން އާއެކު އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިން ކަމަށްވާ، ތޮއްޑޫ މުހައްމަދު ނިޒާމް އާއި ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ފަހަރު ހޯދި، ކ. ހުރާގެ މަޝްހޫރު އަލީ ޝިހާމް 'ހުރާ އައްޔަ' އާއި ޝާހް އިސްމާއީލް ވަނީ ހިމަނާފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު، ދެކުނު ކޮރެއާ އާ އެއްވަރު ކުރި ތާރީހީ ޓީމުގައި އިމްރާން އާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންވެސް އޭނާގެ ޓީމުގައި ހިމެނެ އެވެ. އަޝްރަފް ލުތުފީ 'ސަމްޕަތު' މުހައްމަދު ޖަމީލް، އިބްރާހިމް ފަޒީލް 'އޮއްޕޮ' އަދި ހަމަ އެ ޓީމުގައި ހިމެނުނު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފުރަތަމަ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ހިމެނެ އެވެ.

މީގެއިތުރުން، ހަމަ އޭރު އިމްރާން އާއެކު ގައުމީ ޓީމަށް ކުޅުނު ހުރާގެ ދެ ތަރިން ކަމަށްވާ އަބްދުﷲ އިބްރާހިމް 'ހުރާ އަބްޅޯ' އާއި މައުސޫމް އަބްދުލް ގަފޫރު 'މާސޭ' ހިމެނެ އެވެ. ޓީމުގެ ދެ ވަނަ ގޯލް ކީޕަރަކީ އިމްރާން އާއެކު ގައުމީ ޓީމުގައި ހޭދަ ކުރި ދެ ވަނަ ކީޕަރު މިހާރު އަސްލަމް އަބްދު ރަހީމް އެވެ. އަސްލަމަކީ މިހާރުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރެވެ.

ސާފް ޗެމްޕިއަންޝިޕްގެ އަލަތު ކާމިޔާބުގައި އެންމެ މުހިންމު ދައުރެއް އަދާ ކުޅުންތެރިންގެ ތެރޭގައި ގައި، ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި މުހްތާރު ނަސީރު 'ޓޫކިލޯ' އާއި ޓީމުގެ ވިންގުން މޮޅަށް ކުޅުނު އިސްމާއީލް މުހައްމަދު 'އިއްސޭ' އާއި ޑިފެންސުގައި މޮޅަށް ކުޅުނު ސޮބާހް މުހައްމަދު އިބްރާހިމް 'ސޮބާ' އާއި އަހްމަދު ސައީދު 'އަންމަޓީ' ގެ އިތުރުން އެ ޓީމުގެ ނަންބާރ ނައިންގެ ރޯލް އަދާ ކުރި އަިމްރާންގެ ދެބެން ދެދަރި ބޭބެ އަހްމަދު ތޯރިގް 'ޓޮމް' ހިމެނެ އެވެ.

އިމްރާން ޓީމުގެ ހެޑް ކޯޗަކީ، ގައުމީ ޓީމުގައި އޭނާ އަށް އިރުޝާދު ދިން ފުރަތަމަ ކޯޗް، ބަލްގޭރިއާގެ ޔޮރުދާން އިވާނޯޗް ސްޓައިކޯވް އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ހިމެނުނު އިހްސާން އަބްދުލް 'ގަނީ' ސާންތީ އާއި މުހައްމަދު ޝިޔާޒު 'މޯހަން' އެވެ. ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކީ ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ކާމިޔާބު ކުރި ޓީމުގައި އިމްރާންގެ ޓްރެއިނިންތައް ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު އިގްބާލް އެވެ.

އެ ޓީމުގެ މެނޭޖަރަކީ 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފައިނަލަށް ދަތުރު ކުރިއިރު ޓީމުގެ މެނޭޖަރަކަށް ހުރި މުހައްމަދު ޝާހިރު އެވެ.

ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލީ، 2016 ވަނަ އަހަރު އެވެ. އިމްރާންގެ ރިޓަޔަމެންޓާ ގުޅިގެން ކުޅޭ ޝަރަފުވެރި މެޗު ކުޅެނީ މި މަހު 28 ވަނަ ދުވަހުގެ ރޭގަ އެވެ. މި މެޗު ކުޅޭނީ އިމްރާންގެ ޓީމާއި އެފްއޭއެމް ޓީމާ ދެމެދު އެވެ. އިމްރާންގެ ޝަރަފުގައި ކުޅޭ މި މެޗުގައި، ފުޓްބޯޅައިގެ ދެ ލެޖެންޑުން ކަމަށްވާ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ލެޖެންޑް ޕީޓާ ޝްމައިކަލް އާއި ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ކުޅޭނެ އެވެ. ޕީޓާ ޝްމައިކަލް އާއި ސެލްގާޑޯ ކުޅޭނީ އިމްރާންގެ ޓީމާ ދެކޮޅަށެވެ.