(18 ޑިސެމްބަރ 2018 އާ ގުޅޭ)
ބެރެބެދިގަހުގެ ތެރެއިން ނުކުތް އީޝަލް މާކުރީން ވެސް އޮތީ އޭނާގެ މަންޒިލު ކަނޑައަޅާފައެވެ. ރޭގަނޑުގެ އަނދިރިކަމުގައި ރަށުތެރެ ފެންނަ ގޮތާއި ދުވާލުގެ އަލިކަމުގައި ފެންނަ ގޮތް ވަރަށް ތަފާތެވެ. އަތިރިމައްޗަށް ނުކުމެވުނު އީޝަލްގެ އަތުގައި ތާޅަފިލި މަލެއް އޮތެވެ. އޭގެ ފިޔަތަކާއި އިނގިލިތަކުން ކުޅެމުން އަތިރިމަތީގެ ދެފަރާތަށް އީޝަލް ނަޒަރު ހިންގާލީ އެ ހިސާބުގައި އިތުރު މަޚުލޫޤެއްގެ ހިލަމެއް ވޭތޯއެވެ.
އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި އީޝަލް ހިނގައިގަތީ ކުރިން ރޭ ދާރިއުސް އޭނާގެ ބޭބެމެންނާއެކު ދިޔަ ދިމާއަށް ދާށެވެ. ފަހަރެއްގައި ދާރިއުސްއާ ދިމާވެދާނޭ އުންމީދުކޮށްގެންނެވެ. އީޝަލްއަށް ހުރަސް އަޅަން ބޭނުންވިޔަސް އޭނާގެ ރުހުމުގައި އެކަން ނުވާނޭކަން އެނގޭތީ ލުގަލްބަންދާ އޮތީ ދިމާވެދާނޭ ނުރައްކަލަކަ ސަމާލުވެއެވެ. އޭނާގެ ހުރިހާ ޚިއްޞުތަކެއް ހުޅުވާލައިގެންނެވެ. ވަކި ހިސާބަކަށް އާދެވުނު ތަނާހެން އީޝަލްއަށް ރުކެއްގެ ނިވަލުން ހުރަސް ކަނޑާލި ހިޔަންޏެއް ފެނުނެވެ. ވަގުތުން ފިޔަވަޅު މަޑުޖައްސާލުމާއެކު އެ ދިމާ ބަލަން ފެށީ އެއީ ދާރިއުސްއަށް ވެދާނޭބާއޭ ސުވާލު އުފެދިފައި ހުރެއެވެ.
"ދާރިއުސް... ދާރިއުސްތަ ތީ؟" ޝައްކެއްގެ މަތީ ހުރެފައި އީޝަލް އަހާލިއެވެ. ނަމަވެސް ޖަވާބެއް ނައެވެ. ކުރިއަށްދާން އީޝަލް އުޅުމުން އޭނާގެ ކުރިމައްޗަށް ލުގަލްބަންދާ އެރިއެވެ. އެ ސޮރުގެ ކަރުބުޑުން އަޑުތަކެއް ލައްވަމުން ދިޔައިރު ހީވަނީ އީޝަލްއަށް ވާހަކަތަކެއް ދައްކަނީ ހެނެވެ. އީޝަލް ފުންނޭވާއެއް ދޫކޮށްލައި ދެފަރާތަށް ބޯހޫރާލިއެވެ.
"އިރުއޮއްސެން އަދި ވަގުތު އެބައޮތެއްނު، އެހާ އިރަށް ގެއަށް ދާނަން، މިޒަރެންނަށްވުރެ ލުގަލްގެ ކަންތައް ބޮޑެއްނު، ލުގަލް... އަހަރެންގެ އެކުވެރިޔާ... ހަތަރުފާރުގެ ތެރޭގައި ހުރެގެން އެނގޭނެ އެއްވެސް ކަމެއްނޯންނާނެ، އަހަރެން ވެސް ތަންތަން ބަލައި ކަންކަން ދަސްކުރަން ބޭނުން، ކަމަކާ ދިމާނުވަންޏާ އެކަމަކުން ރައްކާތެރިވާކަށް ވެސް ނޭނގޭނެ، ބަލާބަލަ... އަހަރެން މިއައީ ފޮތް ވެސް ހިފައިގެން... އެ ދިޔައީ ރަށުތެރެއިން ޖިންނިއަކަށް ވެސް ވެދާނެ، ނުފެނިއްޖެއްޔާ ދެން ކުރިއަކަށް ނުދާނަން، މިތާ މަޑުކޮށްލައިގެން މި ފޮތް ކިޔަން މަޑުމަޑުން މިތާ އިނދެދާނަން، އެންމެ ރަނގަޅެއްނު... ތިހާ ކަންތައްބޮޑުވެގެން ނޫޅެބަލަ" އީޝަލް އުނަގަނޑުން ތިރީގައި ދެފަރާތުން ދެއަތް ވިއްދާލައިގެން ހުރެ ވާހަކަދެއްކިއެވެ.
ރުކުގެ ނިވަލުގައި އީޝަލް ފެންނަ ހިސާބުގައި ރައުލް ހުއްޓެވެ. އެ އަންހެންކުއްޖާއާއި އޭނާ އޮޅުކޮށްގެން ގެންގުޅޭ ހައިވާނާއެކު އުޅޭ ނޫޅޭގޮތް ބަލާށެވެ. އެ ދެ މީހުން ވާހަކަދައްކަނީކަން ރައުލްއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ހައިރާންވީ އެ ހައިވާނު ކިޔާނުކިޔާއެއް ސާފުނުވާއިރު އެ އަންހެންކުއްޖާ އޭތި އެ ދައްކާ ވާހަކައަކަށް ރައްދުދޭތީއެވެ. އެ ދެ މީހުން ކަމަކާ ދެބަސްވާފަދައެވެ. ޅަކުއްޖަކު އުޅޭހެން އެ އަންހެންކުއްޖާގެ ހަރަކާތްތައް ހުރިތަން ފެނި ރައުލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ހިތުގައި އެ އަންހެންކުއްޖާއާމެދު ސުވާލު އުފެދުނެވެ. އެހެން ޖިންނީންގެ ފަރާތުން ފެންނަ ކަންތައްތަކާއި ރައުލްގެ ކުރިމަތިން ފެންނަން ހުރި އަންހެންކުއްޖާގެ ފުށުން ފެންނަ ކަންތައްތައް މާބޮޑަށް ވެސް ތަފާތެވެ. މަޑުމަޑުން އެ އަންހެންކުއްޖާއާ ގާތަށް ރައުލް އައެވެ. އޭނާ ހިލަމެއް ވެސް ނުވެ އެހާ ސިއްރުން އައި ނަމަވެސް އެ އަންހެންކުއްޖާގެ ކުރިމަތީ އޮތް ހައިވާނު ސަމާލުކަމަށް އަތުވެއްޖެއެވެ. ވަގުތުން ރައުލް ހުއްޓުނީ އެހެންވެއެވެ. އޭނާ އެ އަންހެންކުއްޖާއާ ގާތްވިޔަ ނުދޭނެކަން ރައުލް ދެނެގަތީ އެ ހައިވާނުގެ ފުށުން އިޙްސާސް ކުރެވެން ފެށި އާދަޔާ ޚިލާފު ބާރުންނެވެ. ހިތަށް ބިރުވެރިކަންވައްދާ މީހާ ބަލިކަށިކޮށްލާފަދަ ބާރެކެވެ. ލޮލަށް ނުފެނުނު ނަމަވެސް އެ ސޮރުގެ ވަށައިގެންވާ މާޙަޢުލު ބަދަލުވެއްޖެކަން ޔަގީނެވެ. އެ ރަތް ދެ ލޮލުން އެ ސޮރު ބަލަން އޮތީ ސީދާ ރައުލްއަށެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާގެ ހަރާތްތަކުން އޭނާއަށް އަދި ރައުލް ނުފެންނަކަން ގައިމެވެ. މި ނޫނީ ރައުލްގެ ހަޔާތުގައި މިފަދަ ޖެހިލުންވުމެއް ކުރިމަތިވި ފަހަރެއް ނާދެއެވެ. އެއީ އަނދިރިކަމުގެ ތެރޭގައިވާ ނުބައިނުލަފާ، ރަޙުމެއްނެތް ޖަނަވާރެއް ފަދައެވެ.
"ދާރިއުސް... ކަލޭ އެބަހުރިކަން އެނގޭ" އީޝަލް ބުނެލިއެވެ. ދާރިއުސް ފާޅުވިހިނދު ދުވި ވަހާއި އެއްގޮތްކަމެއް ހުރި ވަހެއް އީޝަލްއަށް ދުވިއެވެ. އޭނާ ނިންމީ އެއީ ދާރިއުސްކަމަށެވެ.
"ތިހެން ހުންނަންޏާ ލުގަލް މައިތިރިއެއްނުވާނެ އިނގޭ، އޭނާ ކަލޭ ތިހުރި ތަނަކުން ނެރިގެން ގެންނާނެ" އީޝަލް ބުންޏެވެ. އެއާއެކު ގިނައިރެއްނުވެ ރުކުގެ ނިވަލުން ރައުލް ނުކުމެއްޖެއެވެ. ވަގުތުން އީޝަލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަމަވެސް ލުގަލް އޭގެ މަޤާމު އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހުނެވެ.
"އީޝަލް... އެހެންތަ ކިޔަނީ... ދާރިއުސް ހޯދަމުން މިހިސާބަށް ވެސް އައީތަ؟" ރައުލް ބުނެލިއެވެ. ނަމަވެސް އީޝަލް ހުރީ އަޖައިބުވެފައި ހުރި މީހަކު ފަދައިންނެވެ. ރޭގެ އަނދިރީގައި ކަޅު ހިޔަންޏެއްހެން ހުރީ ކާކުކަމެއް ނޭނގުނަސް މިހާރު ކުރިމަތިން ފެންނަން އެ ހުރީ އެ މީހަކުކަން އީޝަލްއަށް އެނގުނެވެ. އޭނާގެ ސިފަ ފެނުމުން އަޖައިބުވީ ދާރިއުސްމެންނާ ތަފާތުވީމައެވެ. ހަމުގެ ކުލަ ދާރިއުސްމެންގެ ގަދަ އަޅިކުލައަކަށްދާހެން ހުއްޓެއްކަމަކު ކުރިމަތީ ހުރި ޒުވާނާގެ ހަމުގެ ކުލަ އެއަށްވުރެ އައްޔެވެ. އިސްތަށިގަނޑުގައި އަޅިކުލައަށްވުރެ މަޑުނޫކުލައެއް ހުރިއިރު އިސްތަށިގަނޑު ހުރީ އެއްކޮށް ކުރުކޮށްފައެވެ. އިސްތަށިގަނޑުގެ ދިރުންދައްކުވައިދޭ ވިދުމެއް އޭނާގެ ބޮލަކުން ނުފެނެއެވެ. އެއަށްވުރެ ބޮޑަށް ފެންނަނީ ހިކިގެން ގޮސް ކުލަފަނޑުވެފައި އޮތްހެންނެވެ. އީޝަލް އެންމެ އަޖައިބުވީ ރައުލްގެ ދެ ލޯ ފެނުމުންނެވެ. އެ ލޮލުގެ ކުލައަކީ ބިރައްޓެހި ކުލައެއްނޫނެވެ. އެ ދެ ލޮލުން އަމިއްލަވަންތަކަން އީޝަލްއަށް އިޙްސާސް ކުރުވިނަމަވެސް އެ ބެލުމުގައިވަނީ ގާތްކަމެއް ނޫނެވެ.
"ކަލޭތަ ރޭގައި ދުރުގައި ބަލަން ހުރީ... ތޯ ދޯ ރައުލްއަކީ" އިރުކޮޅަކު ބަހެއްނުބުނެވި ހުރެފައި އީޝަލް އެއްސެވެ.
"އަހަރެމެން ތިބޭތަނަށް ކަލޭ އަންނަން ޖެހުނީ ކީއްވެ؟ ދާރިއުސްއާ ބައްދަލުކުރަންތަ؟ ކީއްކުރަން އޭނާއާ ބައްދަލުކުރަނީ؟ ކަލޭ އޭނާއަށް ޝައުގުވެރިވަނީތަ؟ އޭނާ އަދި އަންހެނަކާ ގުޅޭވަރެއްނުވޭ، އަހަރެން އެއްބަހެއްނުވާނަން" ނިތްކުރިމަތިން އިސްތަށިގަނޑު އެއްފަރާތްކޮށްލައި ދެއަތް އުރާލައިގެން ހުރެ ރައުލް ވާހަކަދެއްކިއެވެ. މޭފުއްޕާލައިފައި ހުރިއިރު އެ ހަށިގަނޑުގެ ވަރުގަދަކަން ހާމަވެއެވެ. އޭނާގެ އަޑުގައިވަނީ ބީރައްޓެހިކަމާއި ހަރުކަށިކަން އެކުލެވިފައެވެ.
"ކަލޭގެ ހުއްދަ ހޯދައިގެންތަ މީހަކާ ވާހަކަދައްކާލެވެނީ ވެސް، ތީ ރަސްކަލެއްތަ؟" އީޝަލްގެ ސުވާލަށް ޖަވާބު ނުލިބުމުގެ އިތުރުން ރައުލްގެ ފަރާތުން ފެނުނު ބޮޑާކަން އެއްގޮތަކަށް ވެސް އީޝަލްއަކަށް ކަމަކު ނުދިޔައެވެ.
"އޭތް!... ކަލެއާ ވާހަކަ މިދައްކަނީ، އަނގަ ބަންދުވީތަ؟" ރައުލް އަނގައިން ނުބުނެ ބަލަން ހުންނަން ފެށުމުން އަނެއްކާ ވެސް އީޝަލް އެއްޗެކޭ ބުނެލިއެވެ. އެހިނދު ރައުލްގެ މޫނުމަތިން ފޫހިކަން ފާޅުވެލިއެވެ. ދެބުމަ ކައިރިކޮށްލައި ދަތްކުނޑިވިކާލިއެވެ.
"މިތަނުން ދާންއުޅޭ، ކަލެއާ ވާހަކަދެއްކުން އަހަންނަށް މުހިންމެއްނޫން" ރައުލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ލުގަލްބަންދާ ރައުލްއާ ދިމާއަށް ހަޅޭލަވައިގަތެވެ.
"ކަލެއާ ކަލޭގެ މި ހައިވާނު ގޮވައިގެން މިތަނުން ދިޔައްޔާ އެންމެ ރަނގަޅުވާނީ، އަހަރެމެން ވެސް ރަށުތެރޭގެ ކަންކަމަކާ ނުބެހެން، ދާރިއުސްއާ ކަލޭ ހިތާވާން އަހަރެން ޤަބޫލެއްނޫނޭ ބުނެފީމެންނު، އޭނާއަކީ އަދި ކުޑަކުއްޖެއް، ކަލޭ ތިއުޅެނީ އޭނާއާ އަޅައިގަނެގެން ކަމަށްވަންޏާ އަހަންނަށް ޖެހޭނީ ކަލޭ ހުއްޓުވަން" ރައުލް ބުންޏެވެ. އޭނާ ދެއްކި ވާހަކައިން ރައުލްއަށް ވިސްނިފައި އޮތް އެއްޗެއް އީޝަލްއަށް ފަހުމްވީ ދެނެވެ. އޭނާއަށް ބާރަށް ހީނގަނެވުނެވެ.
"ކަލޭ ކަހަލަ މީހަކަށްވުރެ ދާރިއުސް އެތައް ގޮތަކުން ރަނގަޅު، ދާރިއުސް ގާތު އަހަންވީނު އޭނާ އަހަންނާ ވާހަކަދެއްކުން ހުއްޓާލަފާނަންތޯ، އޭނާ އަމިއްލައަށް ބުނަނިކޮށް އަހަރެން ހިނގައިދާނަން" ހިނިއައިސްފައި ހުރެ އީޝަލް ބުނެލިއެވެ. އޭނާގެ ވާހަކައިން އިތުރަށް ރައުލްއަށް ވާނުވާ އޮޅޭނޭކަން އީޝަލް ދެނެހުއްޓެވެ.
"ކަލޭތީ ޖިންނިއެއްތަ ނޫނީ އިންސާނެއްތަ؟ އިންސާނުންގެ ތެރެއަށް ކަލޭ ގޮސް ހަދަނީތަ... އިންސާނުން ކަހަލަ އާރެއްބާރެއްނެތް ކަލޭގެ ވެސް، އެމީހުންގެ ތެރޭ ނަޖިސްވެފައި ތިހުރީ، އެކަމުގެ އަސަރު ބުއްދިއަށް ވެސް ތި ހުރީ ކޮށްފައި، ކޮންކަމެއް ކަލެއަށް ކުރެވޭނީ... ދާރިއުސްއާ ކަލޭ އެކަށިގެނެއްނުވޭ، ފަހަރެއްގައި ކަލޭ ގޮސް އުޅޭ އިންސާނުންގެ ތެރެއިން ކަލެއާ ގުޅޭނޭ މީހަކު ލިބިދާނެ" ރައުލްގެ އަޑުގައިވީ މަލާމާތާއި ދެރަކޮށްލުމެވެ. އީޝަލްގެ މޫނުގެ ކުލަ ވަގުތުން ފަނޑުވިއެވެ. ހިނިތުންވުން އެއްކޮށް ފިލައިގެން ދިޔައެވެ.
"އިންސާނުންނަކީ އާރެއްބާރެއްނެތް ބައެއްނޫން" މަޑުމަޑުން އީޝަލް ބުނެލިއެވެ. އޭނާއަށް ވީގޮތް ފެނި ލުގަލްބަންދާ ރައުލްއާ ދިމާއަށް ރުޅިވެރިކަމާއެކު ފުންމައިގަންނަން އުޅުނެވެ. ސިހިފައި ރައުލްއަށް ފަހަތަށް ޖެހިލެވުނެވެ. ނަމަވެސް އީޝަލް ކުޅަދާނަކަމާއެކު ލުގަލްބަންދާގެ ނަގުލުގައި ހިފިއެވެ. އެއާއެކު ވާންކަން އިޙްސާސް ކުރެވި ތަދާއި މާޔޫސްވީކަމުގެ އަޑެއް ލުގަލްބަންދާ ލައްވާލައި އީޝަލްއަށް ބަލާލިއެވެ. އީޝަލް މަޑުމަޑުން ދެފަރާތަށް ބޯހޫރާލީއެވެ.
"ދަނީތަ؟" މަޑުމަޑުން އީޝަލްއާއި ލުގަލްބަންދާ ރައުލްއަށް ފުރަގަސްދީ ހިނގައިގަތުމުން އޭނާ އެއްސެވެ. އީޝަލްއަށްވީގޮތް ފެނުމުން ރައުލްގެ ހިތުގައި ސުވާލުތަކެއް އުފެދުނީއެވެ. އިންސާނުންނާ އެއްގޮތްކަމެއް އީޝަލްގެ ގައިން އޭނާއަށް ފާހަގަކުރެވެއެވެ. އެހެންވެ މާ އަވަހަށް ގޮތް ނިންމުނީއެވެ. އަނެއްކޮޅުން އީޝަލްގެ ދެ ލޮލަކީ ރައުލްއަށް ބަލަން އެންމެ އުނދަގޫ ގުނަވަނެވެ. އެ ދެ ލޮލުގެ ސަބަބުން ވެސް އޭނާގެ ސިކުނޑީގައި ފޫހިކަމެއް އުފެދިފައިވެއެވެ. އެހެންވިޔަސް އޭނާއަކީ އެހާ ރަޙުމުކުޑަ މީހެއްނޫނެވެ. އެކަމަކު އީޝަލްއާ ވާހަކަދެއްކުނީ ވަރަށް ހަރުކަށިކޮށްކަން އިޙްސާސް ކުރެވުނީ އީޝަލްގެ ފަރާތުން މަޑުމޮޅިކަން ފާޅުވީމައެވެ. އެއީ ކީއްވެ ފާޅުވި އަސަރެއްތޯ އެނގެން ރައުލް ހުރީ ބޭނުންވެފައެވެ. ރައުލްގެ އަޑަށް އީޝަލް ހުއްޓިލައި ފަސްއެނބުރި ބަލާލިއެވެ.
"ހުރިހާ އެންމެން އެއްވަރެއްނުވާނެ، އަހަރެންގެ އުނދަގުލެއް ދެން ނުޖެހޭނެ" އީޝަލް ބުނެލިއެވެ. އޭރު އޭނާގެ ދެ ލޮލުގައި ކަރުނައިގެ ތެތްކަން ހިފެހެއްޓިފައި ހުއްޓެވެ. ރައުލްއަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ބަލަން ހުއްޓައި އީޝަލްއާއި ލުގަލްބަންދާ އެ މީހުންނާ ދުރަށް ހިނގައިގަނެއްޖެއެވެ. ހުރި ފިޔަވަޅުމަތީ ގުޑިލަން ނޭނގިފައި ރައުލްއަށް ހުރެވުނީއެވެ.
ލުގަލްބަންދާއާއެކު އީޝަލް އައިސް މަޑުކޮށްލީ ހުޅަނގު ފަރާތުގައި އޮންނަ ކުޑަ ތުނޑިއާ ދިމާގައެވެ. އެއްގަމުގައި ހުރި ދިއްގާގަހެއްގެ ދަށުގައި އީޝަލް އިޝީނެވެ. އޭނާގެ ގާތުގައި ލުގަލްބަންދާ ބަނޑުޖަހާލައިގެން އޮތެވެ. ތުނޑިމަތީ ރަށުގެ ބައެއް ޖިންނީން ނުކުމެ އުޅޭތަން އީޝަލްއަށް ފެނެއެވެ. އެމީހުންގެ ތެރޭގައި ގިނައީ ޅަފުރައިގެ ކުދީންނާއި ތުއްތު ކުދީންނެވެ. އަންހެންކުދީންގެ ބައިގަނޑެއް އުނިމާތަކުން ބޮލުގައި އަޅާ ބޭންޑުތަކެއް ހަދަން ތިއްބެވެ.
"ލުގަލް... އަހަރެން ފެންނަނީ އިންސާނެއްހެންތަ؟ އެތިބީ ޖިންނީންކަން ބުނަން އެނގޭއިރު އަހަރެން ވެސް މީ ޖިންނިއެއްކަން ބުނަން އެނގޭނެތަ؟" ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ އީޝަލް ވާހަކަދެއްކިއެވެ. ލުގަލްބަންދާ ފަރުވާތެރިކަމާއެކު އީޝަލްއަށް ބަލަހައްޓައިގެން އޮތެވެ. ހީވަނީ އޭނާ އެ ދައްކާ ވާހަކައަށް ސަމާލުކަން ހުއްޓާލައިގެން އޮތްހެންނެވެ.
"މަންމަ ހުރިނަމަ އަހަރެމެން އުޅޭނީ ކޮންތާކުބާއޭ ހިތަށް އަރާ، މަންމަގެ މީހުން ގާތުގައި ނޫނީ އަހަރެމެންގެ ތެރޭގައިބާއޭ، ލުގަލް... ސިފަ ތަފާތުވެފައި ބާރުގެ ގޮތުން ތަފާތުވުމަކީ މައްސަލައެއްތަ؟... އަހަންނާއި ލުގަލްއަކީ ތަފާތު ދެ މީހުން ނޫންތަ؟... އެކަމަކު އަހަރެމެން ދެ މީހުން މި އުޅެނީ އެކުގައެއްނޫންތަ؟... މަންމަގެ ބާރެއްނެތީމަތަ އަހަރެންނާ ވަކިވެގެން އެ ދިޔައީ" އީޝަލް އިސްޖަހާލި ވަގުތު އެ ދެ ލޮލުން ކަރުނަތިއްކެއް އުނގަށްވެއްޓުނެވެ. ބަނޑުޖައިގެން އޮތް ލުގަލްބަންދާ ތެދުވެ އިށީނެވެ. އޭނާ އީޝަލްގެ މޫނުގައި އޭނާގެ އެއްއަތް ޖައްސާލިއެވެ. އެހިނދު ލުގަލްބަންދާގެ ގައިގާ އީޝަލް ބައްދާލިއެވެ.
"މަންމަ ހުރިނަމަ، އަހަރެންގެ މަންމައަކީ އިންސާނެއް... ލުގަލް... މަންމަގެ މަހާނަނޫން އެއްޗެއް ފެންނާކަށްނެތް، މަންމަގެ ސިފައެއް، މަންމަ އުޅުނު ގޮތެއް... އެކައްޗެއް ވެސް ނޭނގޭ... މަންމަ..." ލުގަލްބަންދާގެ ކަރުގައި ދެއަތް އަޅުވާލައިގެން އިނދެ އީޝަލްއަށް ރޮވެނީއެވެ.
"އީޝަލް..." ޒުވާން ފިރިހެން އަޑެއް އީޝަލްއަށް އިވިގެން ދިޔައެވެ. މީގެ ކުރީން އަޑުއިވިފައިނުވާ އަޑެކެވެ. އެހެންނަމަވެސް އެ އަޑުގައި ދަންނަ ގޮތެއް ހުއްޓެވެ. ހީވަނީ ހަނދާންނެތިފައި ހުރީހެންނެވެ.
"ނުރޮއެ އީޝަލް" އެ ޒުވާނާ ބުނި އަޑު އީޝަލްއަށް ސާފުކޮށް އިވުނެވެ. ހީވަނީ ސިކުނޑީގެ ތެރެއިން ކަންފަތާ ހަމައަށް އެ އަޑު އަންނަނީހެނެވެ. އޭނާ ލުގަލްބަންދާއާ ދުރަށް ޖެހި ވަށައިގެން ހޯދަމުން ދެ ލޯ ފުހެލިއެވެ. އެވަގުތު ލުގަލްބަންދާ އަނެއްކާ ވެސް އީޝަލްގެ މޫނުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. އަދި ހަތަރުކަޅި ހަމަކޮށްލިއެވެ.
"އަހަރެންގެ އީޝަލް... ބާރައަހަރުގައި ދިމާވި އެކުވެރިޔާ ދެނެގަންނާކަށް ނޭނގުނުތަ؟ އެ ދުވަހު އަހަރެންނާ ވާހަކަދެއްކީމެންނު، އަހަރެންގެ މައްޗަށް ފުރަތަމަ ހަމްދަރުދީވީ ފަރާތަކީތީ، ނުރޮއެ އީޝަލް... އޭނާ އަހަރެންގެ އީޝަލް ދެރަކޮއްލީ، ބުނޭ އީޝަލް... އޭނާއަށް ބާރަކީ ކޮބައިކަން ބުނެދޭންވީތަ؟ ތިފައިބުޑަށް އޭނާ ގެނެސްދެންތަ؟" އެ ޒުވާނާގެ އަޑުގައިވަނީ އާދަޔާ ޚިލާފު ޔަގީންކަމަކާއި މަޑުމައިތިރިކަމެކެވެ.
"ތީ... ތީ ލުގަލްތަ؟" ލުގަލްބަންދާއަށް ބަލަން ހައިރާންވެފައި އިން އީޝަލް އަހާލީ ޤަބޫލުނުކުރެވިގެންނެވެ. އެއާއެކު ލުގަލްބަންދާ ބޯޖަހާލިއެވެ.
"ތީ ލުގަލްގެ އަޑުތަ؟ އަހަންނާ ސަމާސާއެއް ކުރަނީތަ؟" އީޝަލްއަށް ބުނެވުނެވެ. މީގެ ކުރިން ސީދާސީދާ ލުގަލްބަންދާއާއި އޭނާއާ ދެމެދު އެފަދަ ފާޅުކަން ބޮޑުކޮށް މުޢާމަލާތެއް ހިނގާފައެއްނެތެވެ. އެހެންވިޔަސް ލުގަލްބަންދާ ބުނަން އުޅޭ އެއްޗެއް އީޝަލްއަށް ދެނެގަނެވެއެވެ. އެކަމާމެދު އޭނާ މީގެ ކުރިއަކުން ނުވިސްނައެވެ. އެ އަޑުގައި ދަންނަގޮތެއް ހުރީ ކީއްވެކަން އީޝަލްއަށް މަޑުމަޑުން ހަނދާންވީ ދެނެވެ.
"ލުގަލް..." އީޝަލްއަށް އަނެއްކާ ވެސް ރޮވުނީއެވެ.
"އިންސާނުންނަކީ އަނިޔާވެރިބަޔަކީތަ؟ ޖިންނީންއާ ގުޅިގެން އުޅެނީ އެމީހުންގެ ބާރެއްނެތީމަތަ؟... ލުގަލްގެ ދޫ... ދޫ ބުރިކޮށްލީ..." ރޮމުންރޮމުން އީޝަލް ބުނެލިއެވެ.
"އަހަރެމެންގެ ތެރެއިން ޝައިތާނުންވާ ފަދައިން އެ މީހުންގެ ތެރޭގައި ވެސް ޝައިތާނުން ތިބޭ... ނުރޮއެ އީޝަލް، އަހަރެންގެ ދޫ ބުރިކޮށްލިޔަސް އަހަންނަށް ލިބިފައިހުރި ބާރުތަކުން ބައެއް އެކަކަށް ވެސް ނުހޯދޭނެ، އެ ހަނދާންތައް ދެމިހުއްޓަސް މިހާރު އެ ޒަޚަމްތައް ފަސޭހަވެއްޖެ، އަހަރެންގެ ފަރުވާއަކީ ތީ... އެހެންވެ އަހަރެންގެ އަޑު އެކަކަށް ވެސް އިއްވަން އަހަރެން ބޭނުންނުވީ... އެ ޖިންނީގެ ސަބަބުން މިއަދު އީޝަލްގެ ހިތުގައި ޖެހިއްޖެކަން އަހަންނަށް އިޙްސާސް ކުރެވުނު، ކީއްވެ އަހަރެން ހުއްޓުވީ، އެހެންނޫންނަމަ އޭނާ ދެވަނަ ފަހަރަށް އަހަރެންގެ އީޝަލްއާ ދިމާއަށް އެއްޗެކޭ ނުބުނެވޭވަރު ކޮށްލީމުސް" މަޑުމަޑުން އީޝަލްގެ ކޯތާފަތުގައި ލުގަލްބަންދާގެ ބޮޑު އަތުން ވަކިތައް ނޭޅޭނޭހެން ނުހަނު ބަލައިގެން ފިރުމާލިއެވެ.
"ނޫން ލުގަލް... އަހަރެމެންނަކީ އެއްވެސް ބަޔަކަށް ގެއްލުމެއްދޭނޭ ބައެއްނޫނޭ ބައްޕައާއި ޒިޔަޒެލް ވެސް ބުނެއެއްނު، އާރަމްބޭބެ ގާތުގައި ލުގަލް އެހާ ގިނަ ދުވަހު ހުރިއިރު އެކަން ނޭނގުނުތަ... އޭނާ އެހެންބުނުމުން އަހަންނަށް ވިސްނުނު ބައްޕަ އަބަދު އަހަންނަށް ނަޞޭޙަތްތެރިވަނީ ކީއްވެކަން، ބޮޑުދައިތަ އަހަންނާމެދު ކަންބޮޑުވަނީ ކީއްވެކަން، ފުރިހަމަ ޖިންނިއަކަށްނުވިތާ އިންސާނަކަށް ވެސް އަހަރެން ނުވޭ... މީހުންގެތެރެއަށް ނުކުމެ އުޅެން އަހަރެން ކިތަންމެ ބޭނުންވިޔަސް އެ ފުރުޞަތު އަހަންނަށް ލިބުމަކީ ދުރުކަމެއް، އެއީ ހަމައެކަނި ހުވަފެނެއް... އަހަންނަށް ލުގަލް ފުދޭ، އަހަރެމެން ދެ މީހުންނަށް އެކަކުއަނެކަކު ފުދޭނެ... ނޫންނަތަ؟ ލުގަލްގެ އަޑު އިވުނީ ތި އަޑުގެ މަތިން އަހަރެން ހަނދާން ވެސް ނެތިފައި ހުއްޓާ، އެކަމަކު ދެން ދުވަހަކުވެސް ހަނދާންނައްތައެއްނުލާނަން އިނގޭ" ކަރުނަތައް ފުހެލައި އީޝަލް ބޯޖަހާލިއެވެ.
"އަހަންނަށް އީޝަލް..." ލުގަލްބަންދާ އެއްޗެއް ބުނަން އުޅެފައި ކުއްލިއަކަށް ފަސްއެނބުރި ބަލާލިއެވެ. އަދި އޭނާގެ ކިބައިން ފެނުނު އޯގާތެރިކަން ފިލައި އަޑު ބަދަލުވެ ޖަނަވާރެއް ފަދައިން އަޑު ލައްވާލިއެވެ. އަދި ހަތަރެސްފައި ޖަހައި ކޮޅަށް ތެދުވެ އޭނާ ސަމާލުވެލިއެވެ.
(ނުނިމޭ)