އެފްއޭއެމް

މިނިސްޓަރު މަހުލޫފާއި އެފްއޭއެމް ކޯޅުމެއްގެ ތެރޭ!

ރާއްޖޭގެ ކުލަބުތަކަށް އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބު ބަލަން ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހްމަދު މަހުލޫފް ކޮމިޓީއެއް އެކުލަވައިލުމުން ފުޓްބޯޅަ އިދާރާ އާ މިނިސްޓަރާ ދެމެދު ވަރުގަދަ ކޯޅުންތަކެއް އުފެއްދިއްޖެ އެވެ.

ފުޓްބޯޅައިގެ ކުރީގެ ހިންގުންތެރިން ހިމަނައިގެން އުފެއްދި ކޮމިޓީއާ ބެހޭގޮތުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، އެއީ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބުތައް ހޯދައި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް އުފައްދާ ފެކްޓް ފައިންޑިން ކޮމިޓީއެއް ކަމަށެވެ.

މި ކޮމިޓީ އެކުލަވާލުމުން އެފްއޭއެމުން ވަނީ އެކަން އޭއެފްސީގެ ސަމާލުކަމަށް ގެނެސްފަ އެވެ. އޭއެފްސީން އިން އެފްއޭއެމްއަށް އެޑްރެސް ކޮށްފައިވާ ސިޓީއަކާއެކު އެފްއޭއެމުން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެއްވެސް ފުޓްބޯޅަ އިދާރާއެއްގެ މައްސަލަހަތު ހިމެނޭ މައްސަލައެއް ބެލުމުގެ ބާރު ފީފާ އާއި އޭއެފްސީ ފިޔަވައި އެހެން ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.

އެފްއޭއެމްގެ ބާޔާނާއެކު ހިއްސާ ކޮށްފައިވާ އޭއެފްސީގެ ސިޓީގައި ބުނެފައި ވަނީ، ތިން ވަނަ ފަރާތެއް އެފްއޭއެމްގެ މަސްލަހަތުގައި ހިމެނޭ މައްސަލައެއްގެ ތެރެއަށް ވަދެއްޖަނަމަ، އެ މައްސަލައަށް އޭއެފްސީން ފާރަވެރި ވާނެ ކަމަށެވެ.

އެފްއޭއެމްގެ އިއްޔެގެ ބަޔާނާ ގުޅިގެން ވަޒީރު ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައި ވަނީ، ފެކްޓް ފައިންޑިން ކޮމިޓީން ބަލާނީ ދައުލަތުން އެފްއޭއެމްއަށް ހޭދަ ކުރާ ފައިސާއަށް ވީގޮތް ކަމަށެވެ.

"އެފްއޭއެމްގެ ތެރެއަށް ނުވަންނާނެ ކަން [އެފްއޭއެމްގެ ރައީސް] ބައްސާމް [އަދީލް ޖަލީލް] އަށް ވާނީ އަންގާފައި." ޓްވިޓާގައި މިނިސްޓަރު މަހްލޫފް ވިދާޅުވެފައި ވެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓާ ގުޅިގެން މިއަދު އެފްއޭއެމުން ވަނީ ބަޔާނެއް އާންމު ކޮށްފަ އެވެ. އެފްއޭއެމްގެ މިއަދުގެ ބަޔާނުގައި ބުނެފައި ވަނީ، މި މަހު 10 ވަނަ ދުވަހު މިނިސްޓަރު ދެއްކެވީ ފެކްޓް ފައިންޑިން ކޮމިޓީން ބަލާނީ އޭއެފްސީ ކަޕުން ޖާގަ ނުލިބުނު ސަބަބުތައް ހޯދައި އިސްލާހު ކުރަން ޖެހޭ ކަންކަން ބެލުމަށް ކަމަށާއި ނަމަވެސް އިއްޔެ ކުރެއްވި ޓްވީޓްގައި ކޮމިޓީން ބަލާނީ ދައުލަތުން ފުޓްބޯޅައަށް ހަރަދު ކުރި ފައިސާއަށް ވީގޮތް ކަމަށް ވިދާޅުވުމުން އެފްއޭއެމްއަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ ކަމަށެވެ.

އެ ބަޔާނުގައި އެފްއޭއެމްއިން ވަނީ އެފްއޭއެމުން ފައިސާގެ ކަންކަން އިންޓަނޭޝަނަލް ސްޓޭންޑަޑާއި ރާއްޖޭގެ މާލީ ހަމަތަކުގެ މަތިން ކުރިއަށް ގެންދާކަން ހާމަ ކޮށްފަ އެވެ. އަދި ޔޫތު މިނިސްޓްރީ އާއި ކުންފުނިތައް މެދުވެރިކޮށް ކުލަބުތަކަށް ލިބޭ މާލީ އެހީ ބޭނުންކޮށްފައިވާ ގޮތުގެ ރިޕޯޓްތައް ކުންފުނިތަކަށާއި މިނިސްޓްރީއަށް ފޮނުވާ ކަމަށެވެ.

އެފްއޭއެމުން އިތުރަށް ބުނެފައި ވަނީ، ސޯޝަލް މީޑިއާގައި އެކިފަހަރު އެކިގޮތަށް މިނިސްޓަރު މަހްލޫފް ވާހަކަފުޅު ދައްކަވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށެވެ. އަދި މިނިސްޓަރު އެގޮތަށް އަމަލު ކުރެއްވުމުން އެފްއޭއެމް އާއި ކުލަބު ތަކުގެ ހައިބަތަށް އުނިކަން އަންނަ ކަމަށެވެ.

"... ދިވެހި ރައްޔިތުންނަށް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި [މައުލޫމާތު އާންމު ކުރެއްވުމުގެ ބަދަލުގައު] ހާމަ ކުރައްވާ މައުލޫމާތުތައް ޒިންމާދާރު ކަމާއެކު ހަމަ ކުރެއްވުމަކީ މި އެސޯސިއޭޝަންގެ އެދުމެކެވެ." އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު މަހްލޫފް މިއަދު ވިދާޅުވުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ފީފާގެ ކައުންސިލަށް ހޮވުމަށް އެފްއޭއެމްއިން އޭއެފްސީގެ ކޮންގްރެސްއަށް ނަން ފޮނުވާފައިވާ މަރުޔަމް މުހައްމަދު (މާޔަން) އަށް ތާއީދު ހޯދަން މަސައްކަތް ކުރަން އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އަންނަ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބުތަކަށް ފުރުސަތު ގެއްލުނީ، އޭއެފްސީ ކަޕުގެ ކުލަބު ލައިސެންސްގެ ކަންކަން ރާއްޖެއިން ފުރިހަމަ ކޮށްފައި ނުވުމުންވެ. އެފްއޭއެމުން ބުނީ، ރާއްޖެއަށް ޖާގަ ގެއްލުނީ ކުލަބު ލައިސެންސަށް އެދި ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް އެންމެ ފުރިހަމައަށް ހުށަހަޅާފައި ނުވުމުން ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ބަރާބަރަށް ހުށަހަޅާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވިއެވެ. އެހެން ނަމަވެސް އޭއެފްސީން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުގައި ވެސް އެކަން ކުރިއަށް ގޮސްފައެއް ނުވެ އެވެ.

މިނިސްޓަރު މަހްލޫފް އެކަމަށް މި މަސައްކަތް ފެއްޓެވީ، ކުލަބުތަކަށް ފުރުސަތު ގެއްލުމުން އެކަމުގައި މިނިސްޓަރުގެ ހައިސިއްޔަތުން މަހްލޫފްގެ ދައުރު އަދާ ކުރައްވަންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ.