އިންޓަ ސުކޫލު މުބާރާތުގައި، އަމީނިއްޔާ ސުކޫލް ޓީމާ ދެކޮޅަށް ނިކުތް ކަލާފާން ސުކޫލު ޓީމުގައިގައި ހުނަރުގެ ގޮތުން އެންމެ ވަރުގަދަ ކުޅުންތެރިޔަކީ އޭނާ އެވެ. އިދިކޮޅު އަމީނިއްޔާ ސުކޫލްގެ ޓީމަށް ކޯޗު ކޮށްދެމުން ގެންދިޔަ މުހައްމަދު ނަޒީފަށް މި ކުޅުންތެރިޔާގެ ހުނަރު ފާހަގަ ވުމުން އޭނާ އާ ދެކޮޅަށް ކުޅުނު ކުޅުންތެރިޔާ ހަރިކޭންގެ ޓީމަށް ސޮއި ކުރުވި އެވެ.
މިއި، މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތުގައި ސައިކްލޯންއިން ވިދާލި އުންމީދީ ތަރި ފާތިމަތު ޝައިލާން އަފްޒަލްގެ ވާހަކަ އެވެ. ބާސްކެޓް ކުޅެވޭނީ އިސްކޮޅުން ދިގު ކުޅުންތެރިންނަށް ކަމަށް ބުނެ ބައެއް މީހުން ވިސްނައިދޭން މަސައްކަތް ކުރާ ވިސްނުން ގޯސް ކަމަށް ޝައިލާންގެ ކާމިޔާބުން ހާމަ ކޮށް ދެ އެވެ. ފަސް ފޫޓުގެ ކުޅުންތެރިޔާ ބާސެކްޓްގެ ތެރެއަށް ހިތް ދޫކޮށްލީ، ކަލާންފާން ސުކޫލްގެ އިންޓަ ހައުސް މުބާރާތުގަ އެވެ.
ސުކޫލް މަރުހަލާގައި ކޮންމެ ކުއްޖަކުވެސް އެއް ކުޅިވަރަށް ވުރެ ގިނަ ކުޅިވަރުގައި ވާދަ ކުރުމުގެ އިހްތިޔާރު ދެ އެވެ. މާބޮޑު ފިކުރެއް ނެތި ޝައިލާން އިހްތިޔާރު ކުރީ ބާސްކެޓްބޯލް އާއި ބެޑްމިންޓަންއެވެ. އޭނާގެ ލޯބި ޖެހުނީ ބާސެކްޓް ކޯޓަށެވެ. އެ ކޯޓުގައި މިހާރުވެސް އޭނާއަކީ ވިދުންގަދަ ތަރިއެކެވެ. މިއަހަރު ސީއެޗްއެސީން މަތީ ސާނަވީ ފުރިހަމަ ކުރި ޝައިލާން ވަނީ އުމުރުން އެންމެ 16 އަހަރުގައި މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގްގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
އެ މަގާމަށް އޭނާ ވާސިލުވީ، އޭނާއަށް ވުރެ ތަޖުރިބާކާރު ކުޅުންތެރިން ތިއްބައެވެ. އެ ކުޅުންތެރިންގެ ތެރެއިން ފޭދިގެން އައިސް އޭނާ ޑޮމިނޭޓް ކުރީ ވަރަށް ހިތްވަރު ހުރެގެންނެވެ. ބާސްކެޓްގައި އުޅޭ އަންހެން ކުޅުންތެރިންނަށް ލިބޭ ފުރުސަތު ކުޑަ ވުމުން، އެހެން ކުޅިވަރުތަކަށް އައުމަށް ބައެއް އެސޯސިއޭޝަންތަކުން ކުޅުންތެރިންނަށް ދައުވަތު ދެ އެވެ. އެހެންވެ ބައެއް ކުޅުންތެރިން ބާސެކްޓް ކޯޓު ދޫކޮށް ފުރުސަތުތަކުގެ ބޭޏުން ހިފަ އެވެ.
ޝައިލާންއަށް ވެސް އެފަދަ ދަައުވަތުތައް ލިބުނެވެ. އެހެންނަމަވެސް އެ ފުރުސަތުތަކަށް އޭނާ ނޫނެކޭ ބުނީ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ބާސްކެޓްގެ އެންމެ އުހަށް ދިއުމުގެ ގަދަ އަޒުމެއް އޮތުމުންނެވެ.
"ގައުމީ ޓީމު މުބާރާތަކަށް ދާން އޮތީމަ ކޮންމެ ފަހަރަކުވެސް ވަރަށް އުންމީދު ކޮށްގެން ހުންނަނީ ދެވޭނެކަމަށް، އެކަމަކު އެންމެ ފަހު ވަގުތު ގައުމީ އަންހެން ޓީމަކަށް ފުރުސަތެއް ނުލިބޭ،" ކަންބޮޑުވުންތަކާއެކު ޝައިލާން ވާހަކަ ދެއްކި އެވެ. "(ބާސެކްޓް ދޫކޮށްލާފައި) އެހެން ކުޅިވަރުތަކަށް ފުރުސަތުވެސް ލިބޭ، އެހެންނަމަވެސް އަޅުގަނޑު ބާސްކެޓަކާ ދުރަކަށް ނުދާނަން،"
މިއީ، ޝައިލާންގެ ކުރިމަތީގައި އޮތް ހަމަ އެކަނި ގޮންޖެހުމެއް ނޫނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗާގެ އޮތް އުނދަގޫ ދަތި ހާލަތު އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ބާސެކްޓް ކޮމިޔުނިޓީއަށެވެ. މިހާރު މުބާރާތްތައް ކުރިއަށް ގެންދާ، ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓަކީ ހަތަރު އެސޯސިއޭޝަނަކުން މިހާރުވެސް ބޭނުން ކުރަމުންދާ ހޯލެކެވެ. ބާސެކްޓެގެ އިތުރުން ވޮލީ، ނެޓްބޯޅަ އަދި ޓީޓީންވެސް ބޭނުން ކުރަމުންދާ އިންޑޯ އެ ހޯލް ފިޔަވައި ދެވަނަ އެހެން އެއްވެސް ތަނެއް މުޅި ރާއްޖޭގައި ނެތެވެ. ޕްރެކްޓިސް ކުރާނެ އެކަށީގެންވާ މާހައުލެއް ނެތެވެ. މިއީ ކުޅުންތެރިންނަށް އޮތް ބޮޑު ތަކުލީފެކެވެ. ހަމައެޔާއެކު ކުޅުންތެރިން އަގުވަޒަން ކުރާނެ ބާސެކްޓްގެ އެވޯޑް ހަފުލާއެއް ނެތެވެ.
ސްކޫލްގައި އުޅެމުން ހަރިކޭން އަށް އޭނާ ކުޅެން ފެށީ 2014 ވަނަ އަހަރު އެވެ. މިދިޔަ ހަތަރު އަހަރު ތެރޭ، ހަރީކޭން އަންހެން ޓީމުގެ ނަން ސައިކްލޯން އަށް ބަދަލުވެއްޖެ އެވެ. ޝައިލާންގެ ކުރިއެރުން ހޯދަމުން އަންނަނީ ނަގުލުރޯޅިއެއްހާ ބާރުމިނުގަ އެވެ. މިފަހަރު ގައުމީ ލީގާއި ގައުމީ މުބާރާތުގައި ސައިކްލޯންއަށް ކޯޗު ކޮށްދިން ލަންކާގެ ސެލްވަރާޖާ ސިވާސަކްތީ ބުނީ ރާއްޖޭގެ ބާސްކެޓްގައި ކުރިމަގުގެ އުންމީދީ ތަރިއަކަށް ޝައިލާން ވެގެންދާނެ ކަމަށެވެ.
މިފަހަރު ގައުމީ މުބާރާތުގައިވެސް އޭނާ ފާހގަ ކުރެވުނީ ޑޮމިނޭޓް ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އިދިކޮޅު ޓީމަށް ގޭމް ކުޅެން އުނދަގޫވާ މިންވަރަށް އޭނާގެ ޑޮމިނެންސް މުޅި ކޯޓުގައި ގަދަ އެވެ. އޭނާގެ އެންމެ ހާއްސަ ހުނަރަކީ އޭނާ ފޯރުކޮށްދޭ ލޯންގްރޭންޖު ޕާސްތަކެވެ. ފައިނަލުގައި ޖިބްލީ އާ ދެކޮޅަށް ކުޅުނު މެޗުގައި ޖިބްލީއިން ފުލްކޯޓުގައި ޕްރެޝަރު ޖައްސާލުމުންވެސް އިދިކޮޅު ކޮންމެ ޑިފެންޑަރެއްވެސް ބީޓް ކޮށްލުމުގައި އޭނާ ހުށިޔާރުކަން ފާހަގަ ކުރެވުނެވެ. ބާސެކްޓްގެ މި އުންމީދީ ތަރިއަށް ބޭނުން ވަނީ އިތުރު ފުރުސަތުތަކެވެ. ހުނަރާއި ހިތްވަރުގެ ގޮތުން އޭނާގެ ވިދުން ކިތަންމެހާވެސް ގަދަ އެވެ.